މޫސުން ގޯސްވެ، ބޯކޮށް ވިއްސާރަކޮށް، މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ

މިއަދު ހެނދުނުގައި މާލެއަށް ބޯކޮށް ވާރޭވެހި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި މާލޭގައި ފެންބޮޑުވެ ހިނގައިބިގައިވެއުޅެން ދަތިވާ ހިސާބަށް ފެންބޮޑުވެއްޖެއެވެ. ރޭވެސް މޫސުން އޮތީ އާދައިގެ ގޮތެއްގައެވެ. ވިއްސާރަކޮށް ބޯކޮށް ވާރޭވެހެން ފެށީ މިއަދު ހެނދުނު ވަގުތުގައެވެ. ގާތް ގަނޑަކަށް 8 ޖަހާ ހާއިރުއެވެ. އެވަގުތަކީ ގިނަ ބައަކު އޮފީސްތަކަށްދާ ވަގުތެވެ. މިހާރުވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުންދެއެވެ. ނަމަވެސް ކުރިއާ އަޅާ ބަލާއިރު މިހާރު ވާރޭވަނީ ވަރަށް ބޮޑަށް ތުނިކޮށްފައެވެ. މޫސުން ގޯސްވެ، ގުގުރުމާއެކު ބޯކޮށް ވިއްސާރަކުރާނެ ކަމުގައި ލަފާކުރެވޭތީ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުންވަނީ މިއަދު ހެނދުނު 7.20ގައި މާލެ އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް ރީދޫ އެލާޓު ނުވަތަ ސަމާލުވުމުގެ އިންޒާރެއް ނެރެފައެވެ. މާލޭގެ މަގުތަކުގައި ހިނގައި ދަތުރުކޮށް ހެދުމަށް ދަތިވާ މިންވަރަށް ފެން ބޮޑުވެފައިވާތީ އެމްއެންޑީއެފުގެ ފަރާތުން މާލޭގެ މަގުތަކުގައި ހެދިފައިވާ ފެނުގެ ސައިލުތައް ހިންދުމުގެ މަސައްކަތްކުރަމުން ގެންދާ ކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ. އެގޮތުން ވެސްޓުޕާކު ސަރަހައްދާ އައިޖީއެމްއެޗު ސަރަހައްދުގައި ފެން ހިއްކުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމުގައި އެމްއެންޑީއެފުން ބުނެފައިވެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކޯޓުގައި ކުރިއަށް ގެންދަން ތާވަލުކުރެވިފައިވާ އަޑުއެހުންތަކަށް ގައިދީން ގެނެސްދެވިފައިނުވުމުގެ ސަބަބުން ވަރަށް ގިނަ އަޑުއެހުންތައް މިއަދުވަނީ ކެންސަލްވެފައެވެ. މެޓު އޮފީހުން ބުނެފައިވަނީ ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވިއްސާރަކުރާނެ ކަމުގައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
100 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ