ރައީސް ޔާމީނަށް ޖަލު ހުކުމް އިއްވަން ސަރުކާރުން ނުފޫޒެއް ނުފޯރުވާ: ގާޒީ އަލީ ރަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި ދެކޮޅަށް ދައުލަތުން ކޮށްފައިވާ މަނީ ލޯންޑަރިން ދައުވާގައި، ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ކަށަވަރުކަން ހޯދަން ސަރުކާރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް އަށް ނުފޫޒު ފޯރުވާފައި ނުވާކަމަށް ކްރިމިނަލް ކޯޓު މިވަގުތު ހިންގެވުމާއި ހަވާލުވެ ހުންނެވި ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވެއްޖެެއެވެ. ފަނޑިޔާރު އަލީ ރަޝީދު މިހެން ވިދާޅުވީ ސަރުކާރަށް ތާއީދުކޮށް ހިންގަމުން އަންނަ ރާއްޖެޓީވީ އާއި ވާހަކަދައްކަވަމުންނެވެ. ގާޒީ ހައިލަމް ނެރުއްވި ބަޔާނެއްގައި ސަރުކާރުން ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ކަށަވަރުކަން ހޯދަން އުޅުނުކަމަށް ވިދާޅުވުމާއި ގުޅިގެން އަލީ ރަޝީދު ވަނީ އެއީ އިތުރުފުޅެއް ކަމުގައި ވިދާޅުވެފައެވެ. އަދި ހައިލަމް އެ ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން ހައިލަމްއަށް ނުފޫޒު ފޯރުވަން އެހެން ފަރާތަކުން އުޅުނުކަން ގާޒީ އަލީ ރަޝީދަށް އެނގިވަޑައި ނުގަންނަވާކަމަށް އަލީ ރަޝީދު ވިދާޅުވިއެވެ. އަދި އަލީ ރަޝީދަށް ވެސް އެއްވެސް ފަރާތަކުން ނުފޫޒު ނުފޯރުވާކަމަށް ގާޒީ ވިދާޅުވިއެވެ. މީގެ ކުރިން ހައިލަމް ނެރުއްވި ބަޔާނެއްގައި ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ދައުވާ ކުރެވުނު ހިސާބުން ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް ކުރާން ކަމުގެ ކަށަވަރުކަން ހޯދަން މަސައްކަތްކޮށްފައި ކަމަށެވެ. އަދި ނޮވެމްބަރު 4 ވަނަ ދުވަހު ހައިލަމް އަށް ގުޅާ، ރައީސް ޔާމީނަށް ހުކުމް ކުރާނެކަމުގެ ޔަޤީންކަން ނުދީފިނަމަ މޭއި މަސްތެރޭ އަލްހާން ފަހުމީ އަތުން 2 ލައްކަ ރުފިޔާ ހޯދި މައްސަލައެއް ބަލާނެ ކަމަށާއި ސަސްޕެންޑު ކުރާނެކަމުގެ ބިރުވެސް ދެއްކި ކަމަށް ހައިލަމް ވިދާޅުވިއެވެ. އަދި މިގޮތަށް ސަރުކާރުން ނުފޫޒު ފޯރުން އުޅުނުކަން މިހާރު ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދަށްވެސް އެނގިވަޑާއިގަންނަވާނެކަމަށް ހައިލަމް ވިދާޅުވިއެވެ. އަދި ސަސްޕެންޑު ވާން ބޭނުންފުޅު ނޫންނަމަ ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ޔަޤީންކަން ސަރުކާރަށް ދިނުން ނޫން ގޮތެއް ނެތްކަން މިހާރު އެނގިވަޑައިގަންނަވާނެކަމަށް ހައިލަމް ވިދާޅުވިއެވެ. ހައިލަމްގެ ވާހަކަަތައް އަލީ ރަޝީދު ދޮގު ކުރައްވާފައިވާއިރު އަލީ ރަޝީދު އިންޓަވިއު ދެއްވާފައިވަނީ ސީދަ މީޑިއާއަށްކަން ފާހަގަކުރެވެއެވެ. މިއީ މީގެ ކުރިން ފަނޑިޔާރުން އަމަލުކުރަމުން އަންނަ އުސޫލެއް ނޫނެވެ. ފަނޑިޔާރުން މީޑިއާއަށް ހާމަކުރައްވަން ޖެހޭ މައުލޫމާތުތައް ހާމަކުރައްވަނީ ރަސްމީކޮށް ނެރޭ ބަޔާންތަކުންނެވެ. ނޫނީ ކޯޓުތަކުގެ މީޑިއާ އޮފިސަރުން މެދުވެރިކޮށެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
100 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ