ތިމާވެށީގެ ޖަލްސާއެއްގައި ތަގުރީރު ކުރެއްވުމަށް ރައީސް މައުމޫން އިންޑޮނޭޝިއާއަށް

ތިމާވެށީގެ ކަންތައްތަކުގައި ޒުވާނުންގެ ހިއްސާއާ ގުޅޭ ގޮތުން ތަގުރީރު ކުރެއްވުމަށް ރައީސް މައުމޫން އަބްދުލްގައްޔޫމް އިންޑޮނޭޝިއާއަށް ފުރާވަޑައިގެންފި އެވެ. އިންޑޮނޭޝިއާގެ ބާލީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް އެނާޖީ ސަމިޓުގައި ބައިވެރިވެ ވަޑައިގަތަތުމަށް މިއަދު ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ އެ ޖަލްސާގައި ތިމާވެށީގެ ކަންކަމާއި އެކަންކަމުގައި ޒުވާނުންގެ ދައުރާއި ގުޅޭ ގޮތުން އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. "މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ދުނިޔެ ހޫނުވުމާއި ދެމެހެއްޓެނިވި ތަރައްގީ އާއި ޒުވާނުންނަށް ކުރެވޭނީ ކޮންކަމެއްތޯ، ކޮބައިތޯ ޒުވާނުންގެ ދައުރަކީ. މިކަމާ ގުޅޭ ގޮތުން ޖަލްސާ ބޭއްވެނީ." ރައީސް މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނަށް އެ ޖަލްސާއަށް ދައުވަތު ދެއްވާފައި ވަނީ އެމަނިކުފާނަކީ ތިމާވެށީގެ މައްސަލަތަކާއި ދެމެހެއްޓެނިވި ތަރައްގީއާއި ގުޅުންހުރިކަންކަމުގައި ވަރަށް ކުރީންސުރެ ވާހަކަ ދައްކާފައިވާ ބޭފުޅަކަށް ކަމަށްވާތީ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫން އަކީ އެމަނިކުފާނުގެ ވެރިކަމުގައި ތިމާވެށި ހިމާޔަތް ކުރެއްވުމަށް މީހުން ހޭލުންތެރި ކުރުމަށް "ފެހިފަތް" ފަދަ އެތައް ކަމެއް ތައާރަފްކޮށްފައިވާ ބޭފުޅެކެވެ. އޭގެ އަގުވަޒަންކޮށް އެމަނިކުފާނަށް ތިމާވެށީގެ ދާއިރާ އިން ވަނީ ބައިނަލްއަގުވާމީ އެވޯޑްތަކެއް ވެސް ލިބިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ