ސުޕްރީމް ކޯޓަށް އައްޔަންކުރަން ފެންނަ ފަނޑިޔާރުންގެ ލިސްޓެއް، އިލްމުވެރިން ރައީސަށް އަރުވައިފި

ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ފެންނަ ފަނޑިޔާރުންގެ ލިސްޓެއް، ރާއްޖޭގެ އިލްމުވެރިން ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ސޯލިހަށް އަރުވައިފިއެވެ.
އިލްމުވެރިން ރައީސްއަށް ފޮނުއްވި ނަންތައް އެފަރާތްތަކުން ހާމަކުރައްވާފައި ނުވީނަމަވެސް، އެ ނަންތަކާއެކު ރައީސްއަށް ފޮނުއްވި ސިޓީ އެއް ވަނީ އާންމު ކޮށްފައެވެ.
އެ ސިޓީގައި އިލްމުވެރިން ވިދާޅުވެފައި ވަނީ، އެއީ ދީނީ އިލްމުވެރިންގެ ފަރާތުން ބެލި ބެލުންތަކަށްފަހު، ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ނިޒާމުގެ ތެރޭގައި މިހާރުވެސް މަސައްކަތް ކުރައްވާ ފަރާތްތަކުގެ ތެރޭގައި ތިއްބެވި ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި އަދި ޚާއްސަކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެއްވުމަށް އެކަށީގެންވާ ފަރާތްތައް ކަމަށް އިލްމުވެރިންނަށް ބުރަވެވޭ ބައެއް ފަރާތްތަކުގެ މަޢުލޫމާތު ކަމަށެވެ.
އިލްމުވެރިން ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި ވަނީ، އިސްލާމް ދީނުގައި ފަނޑިޔާރުންނާއި ފަނޑިޔާރު ގެއަކީ ވަރަށް މުޙިންމު ދައުރެއް އަދާކުރާ ފަރާތެއް ކަމަށާއި، ޚާއްސަކޮށް ދީން ނެގެހެއްޓުމާއެކު، އަދި ދީނީ ޝިޢާރުތައް ރައްކާތެރިކުރުމާއެކު، ވެރިންނާއި ރައްޔިތުންގެ ހައްޤުތައް ޙިމާޔަތްކޮށްދިނުމުގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރާ ފަރާތް ކަމަށެވެ.
"އުންމަތުގެ ކަންކަން މިދެންނެވި ބީދައިން އިންތިޒާމްކޮށް ބެލެހެއްޓެވުމުގެ ޒިންމާ އާއި މެދު ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާން ޖެހޭ ފަރާތަކީ މަނިކުފާނެވެ. ވީމާ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި ޖަވާބުދާރީ ވެވަޑައިގެންނެވޭނެ ގޮތަށް، އެކަންކަން އިންތިޒާމު ކުރެއްވުމަކީ މަނިކުފާނުގެ ރައްކާތެރިކަމަށްޓަކައި މުޙިންމު ކަމެކެވެ." އިލްމުވެރިން ވިދާޅުވިއެވެ.
"އިސްލާމީ ވެރިކަމެއްގެ ތެރޭގައި މުސްލިމުންގެ މެދުގައި ނިޔާ ކަނޑައަޅަން ތިއްބަވާ ފަނޑިޔާރުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކެއް އިލްމުވެރިން ބަޔާން ކުރައްވާފައި ވެއެވެ. އޭގެތެރޭގައި، މުސްލިމަކަށްވުމާއި، ފުރާފުރިހަވެފައިވާ ބުއްދިސަލާމަތުން ހުރި މިނިވަން މީހަކަށް ވުމާއި، ހިއްސުތައް ސަލާމަތުން ހުރި މީހަކަށްވުމާއި، ފިރިހެނަކަށްވުމާއި، އަދުލުވެރިންނަށްވުމާއި، އިޖުތިހާދު ކުރެވޭ ވަރުގެ މީހުންނަށްވުން ޢިލްމުވެރިން ޝަރުތުކުރައްވާފައި ވެއެވެ." އިލްމުވެރިން ވިދާޅުވިއެވެ.
އެ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި، އިޖުތިހާދު ކުރެވޭ މީހަކަށްވުމަށްޓަކައި ކީރިތި ޤުރުއާނާއި ނަބަވީ ސުންނަތުގެ ޢިލްމު އުނގެނިފައިވުމާއި، އުންމަތުގެ ޢިލްމުވެރިން އެކަންކަމާމެދު އިޖުމާޢުވެވަޑައިގެންފައިވާ މައްސަލަތަކާއި، ޤިޔާސްކުރުމާ ގުޅޭ ޙުކުމްތައް ރަނގަޅަށް އެނގޭ ފެންވަރުގެ މީހަކަށްވުމާއި، ކަންކަމާމެދު ޞަޙާމީންގެ ބަސްފުޅުތައް އެނގޭ މީހަކަށްވުމާއި، އެހުރިހާ ކަމެއްގެ އަސްލުތައް އައިސްފައިވާ ބަސް ކަމަށްވާ އަރަބި ބަސް ވަރަށް ރަނގަލަށް ދަންނަ މީހަކަށްވުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.
ހަމަ އެހެންމެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޤާމަށް އެއްވެސް ފަރާތެއް ހަމަޖެއސޭއިރު އެފަރާތަކީ، ޢަދުލު އިންސާފުގެ ދާއިރާގެ މަތީ ކޯޓުތަކުގައި އުޅެ، ގިނަ ތަޖުރިބާގެ ޒަރިއްޔާއިން ހަރުދަނާވެފައިވާ ޝަޚްސިއްޔަތެއް ކަމުގައިވުން މުޙިންމުކަމަށް އެއްވެސް ޙިކުމަތްތެރިއަކު ދެބަސްނުވާނެ ކަމަށް އިލްމުވެރިން ވިދާޅުވިއެވެ.
"ޝަރުޢީ ހަމަލަތަކުން ބަލާއިރު، ފަނޑިޔާރުންނަކީ، ވަލިއްޔުލްއަމްރުގެ އިސްތަށިފުޅުގައި އެޅިފައި އޮންނަ ޢަދުލުއިންސާފު ޤާއިމްކޮށްދީ، ނިޔާ ކަނޑައެޅުމުގެ ޒިންމާ ވަލިއްޔުލްއަމްރުގެ ފަރާތުން ޤާއިމްކޮށްދިނުމަށް ހަވާލުކުރެވޭ ފަރާތްތަކެކެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައިވެސް އެ އުސޫލު ޤާއިމްކޮށްދީފައިވަނީ އިސްލާމް ދީނުގައިވާ އެފަދަ ހަމަތައް ހިފެހެއްޓޭ ގޮތަށް އެ އުސޫލުންނެވެ. ވީމާ މަނިކުފާނަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ފަނޑިޔާރުން އައްޔަންކުރުމުގައި އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި، މަނިކުފާނު އެކަން ކުރައްވާފައިވަނީ އިޚްލާސްތެރިކަމާއި އެކު ހެޔޮނިޔަތުގައިކަން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި ޙުއްޖަތް ޤާއުމްކުރެވޭނެ ގޮތަށް ކަންކަން ކުރެއްވުމަކީ މުޙިންމު ކަމެކެވެ." އިލްމުވެރިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ