އިމްރާންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފި

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަށް އިމްރާންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
މޭޑޭގެ މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އިމްރާން ވާހަކަ ދެއްކެވި ކަމަށް ބުނެ އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތަށް އިމްރާންގެ ފަރާތުން މިދިޔަ ބުދަ ދުވަހު ހުށަހެޅި ދިފާއީ ހެކިތައް ބަލައިނުގަތުމަށް ކޯޓުން ނިންމީ ކުރިން އެކަމަށް އެދިފައި ނުވާތީ ކަމަށް ކޯޓުން ވަނީ އިމްރާނަށް އަންގާފައެވެ. ކޯޓުން އެގޮތަށް ނިންމާފައިވާތީ އިމްރާންގެ ފަރާތުން ވަނީ އެކަން އެކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ސަމާލުކަމަށް ގެނެސްފައެވެ.
އިމްރާންގެ ޝަރީއަތުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ބެލުމާއި ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ވަނީ ނިމިފައެވެ. ދެން އޮންނާނީ އެ މައްސަލާގައި ކޯޓުގެ އިސް ނެގުމަކަށް ހާޒިރުކުރާ މީހެއްގެ ހެކިބަސް ހޯދުން އެކަންޏެވެ.
އިމްރާންގެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް އެދި ހައި ކޯޓަށް ހުށަހެޅިނަމަވެސް އެކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމައިފައެވެ.
އިމްރާންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ