ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ނައިބު އަހްމަދު އަދީބު 15 ދުވަސްވަންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރާނެ ކަމަށް، އަދީބުގެ ޤާނޫނީ ޓީމުން ބުނެފިއެވެ.
28 ސެޕްޓެމްބަރު ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނެވި އަދީބު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.
ހައި ކޯޓުން ކުރި ހުކުމްގައި ވަނީ ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން އަދީބު މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ހުއްދަދެއްވާފައިވަނީ މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަން އެނގެން އޮންނަ އިރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައިވިއަސް ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމާއި، ވަށައިގެންވާ އެންމެހައި ކަންކަމަށް ބަލާއިރު ތުހުމަތުކުރެވޭވަރުގެ އެކަށީގެންވާ ކަންތައްތަކެއް ހުރިނަމަ ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓިދާނެ ކަމަށެވެ..
އަދި އަދީބަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ލިބިފައިވާ ހެއްކާއި ޤަރީނާ ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، ކޯޓުން އެމަނިކުފާނު ބަންދުގައި ބަހައްޓަން އަމުރު ކުރީ ހުށަހެޅި ހެކި ޤަރީނާތަކަށް ނުބައްލަވައިކަމަށް ޝަރީޢަތުން ކަނޑައެޅޭފަދަ އެކަށީގެންވާ ސަބަބެއް އަދީބުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅިފައި ނުވާކަމަށް ހައި ކޯޓުގެ ހުކުމްގައި ވެއެވެ.
އެހެންކަމުން، ކްރިމިނަލް ކޯޓުން އަދީބު 15 ދުވަހަށް ބަންދު ކުރުމަށް ކުރި އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްފައިވާ އަމުރެއްކަމުގައި ބަލާނެތަނެއް ނެތްކަމަށް ހައި ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ހައި ކޯޓުން މިގޮތަށް ހުކުމް ކުރި ނަމަވެސް، މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަނާޅަން ނިންމީ، ބަންދު ކުރި މުއްދަތު ހަމަވާން ކައިރިވެފައި ވާތީކަމަށް ވަކީލުން ވަނީ ބުނެފައެވެ.
އަދީބުގެ ބަންދު އަމުރު އަންނަ ހޯމަ ދުވަހަށް ހަމަވާނެއެވެ.
ކުރިން ނައިބު ރައީސް ކަމުގައި ހުންނެވި އަދީބުގެ މައްޗަށް އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށާއި، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ މެދު ވިސްނަމުންދާ ކަމަށް ވަކީލުން ވަނީ ހާމަކޮށްފައެވެ.
އަދީބު ބަންދު ކުރުމަށް ކުރި އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ