ސިއްރު ހެކިބަސް ނެގޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

ސިއްރު ހެކިބަސް ނެގުމާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅައިފިއެވެ.
ހައިކޯޓުން ސިއްރު ހެއްކާއި ގުޅޭ ގޮތުން ނިންމާފައިވާ ނިންމުމާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ 25ވަނަ ދުވަހުއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޖަލު ހުކުމް ބާތިލް ކުރަން އިއްވި ހުކުމުގައި ހައިކޯޓުން ބުނެފައި ވަނީ 1976 ވަނަ އަހަރު އަމަލުކުރަން ފެށި ހެއްކާއި ބެހޭ ގާނޫނުގައި ހެކިބަސް ދޭމީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، ހެއްކާބެހޭ ގާނޫނުގައި ހެކިބަސް ދޭމީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނެތްކަން އެ ގާނޫނަށް ބެލުމުން އެނގެން އޮންނަކަމަށެވެ.
ހެއްކާބެހޭ ގާނޫނަކީ 23 ސެޕްޓެންބަރ 1976 ގައި ވުޖޫދަށް އައިސްފައިވާ ގާނޫނަކަށް ވާއިރު އެ ގާނޫނަށް އެއްވެސް އިސްލާހެއް މިއަދާއި ހަމައަށްވެސް އައިސްފައި ނުވާކަމާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ހެކިން ޝަރީއަތުގެ މަޖިލީހަށް ހާޒިރުނުކޮށް ހެކިބަސްދެނީ ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ނެގުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވަނީ ހެއްކާބެހޭ ގާނޫނުގައި ބަޔާންކޮށްފައި އޮންނަޖެހޭ ހާލަތްތަކުގައި، އަދި އެގާނޫނުގައި ހެކިބަސް ދޭމީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައި އޮންނަންޖެހޭ ގޮތްތަކުގެ ތެރެއިން ގޮތަކަށް ކަމަށް ބަޔާންކޮށްފައިވާއިރު، ހެކިބަސް ދޭމީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނުވަތަ ގޮތަތަކެއް ނެތްކަން އެ ގާނޫނަށް ބެލުމުން އެނގެން އޮންނާތީ އަބްދުﷲ ސައީދާއި ދެކޮޅަށް ތިން ހެކިން ޝަރީއަތުގެ މަޖިލީހަށް ހާޒިރުނުކޮށް ހެކިބަސް ނަގާފައިވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނާއި ހިލާފަށް ކަމަށް ހައިކޯޓުން ކުރި ހުކުމްގައިވެއެވެ.
އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިއަދު ވަނީ މައްސަލަ އަށް ގޮތެއް ކަނޑައަޅާފައެވެ. އެގޮތުން މި މައްސަލަ ބެއްލެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫންގެ އިއްތިފާގުން ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމްގައި ފާހަގަކުރެވުނު ނުކުތާތަކުގެ ތެރެއިން ހެކިބަސް ދޭ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބިދީގެން ހެކިބަސް ނެގުމާ ގުޅޭގޮތުން ނިންމަވާފައިވާ ނިންމުމަކީ ކަމާ ބެހޭ ގާނޫނީ ހަމަތަކާ އެއްގޮތަށް ނިންމަވާފައިވާ ނިންމުމެއް ކަމަށް ނުފެންނަ ކަމަށެވެ.
ސުޕްރީމް ކޯޓުން ވަނީ މި މައްސަލައަށް ދެ ހައްލެއް ދީފައެވެ. އެގޮތުން ގާނޫނު ލިޔުމުގައި ހުންނަ ކުށްތައް އިސްލާހު ކުރުމުގެ މަފްހޫމުގެ ތެރެއިން ކުރިމަތިވެފައިވާ ގާނޫނީ ހުސްކަމަށް ގާނޫނު މާނަ ކުރުމުގެ ހަމަތަކުގެ ތެރެއިން ހައްލު ހޯދައި ދިނުމާއި ކުރިމަތިވެފައިވާ ގާނޫނީ ހުސްކަމަށް ގާނޫނު އެކުލަވާލުމުގެ ތެރެއިން ފަރުވާ ކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ