ރިލްވާން ގެއްލުނު ރޭ ގަދަކަމުން މީހަކު ވެހިކަލަކަށް އެރުވި ރިޕޯޓު ވެސް ދަނީ ބަލަމުން: އުމަރު

މިނިވަން ނިއުސްގެ ނޫސްވެރިޔާ ރިިލްވާން އަބްދުﷲ ގެއްލުނު ރޭ ދަންވަރު، އޭނާގެ އެޕާޓްމަންޓް ކައިރިން ގަދަކަމުން މީހަކު ވެހިކަލަކަށް އަރުވައިގެން ގެންދިޔަ ކަމަށް ބަޔަކު ބުނާ ބުނުން ފުލުހުންގެ ތަހުގީގައި ބަލަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްކޮންފަރެންސްގައި އުމަރު ވިދާޅުވީ ފުލުހުންނަށް އެ ރިޕޯޓް ލިބުނު ނަމަވެސް އެއީ ރިލްވާން ގެއްލުމާ ގުޅުން ހުރި ކަމެއް ކަން މިހާތަނަށް ތަހުގީގަށް ސާބިތު ނުކުރެވޭ ކަމަށެވެ. ނަމަވެސް ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގު އެކި ދާއިރާތަކަށް އަމާޒުކޮށްފައިވާ އިރު އެ މައުލޫމާތަށް ފޯކަސްކޮށްގެން ވެސް ތަހުގީގު ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި ލިބެމުން އަންނަ މައުލޫމާތުތަކަށް ބަލައި، ފުލުހުން އަންނަނީ ތަހުގީގު ފުޅާކުރަމުންނެވެ.
"އެ ތަހުގީގުގައި މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތައް އަޅުގަނޑަށް ހާމައެއް ނުކުރެވޭނެ. އެނގިވަޑައިގަންނަވާނެ މި ބާވަތުގެ ތަހުގީގުތަކުގައި ތަހުގީގު ނުނިމި، ބައެއް މައުލޫމާތު ހާމަކޮށްފި ނަމަ އޭގެ ސަބަބުން ފުލުހުންގެ ތަހުގީގަށް ހުރަސް އެޅިގެން ދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
"ރިލްވާން ގެއްލުމުގެ ތަހުގީގުގައި އެކި ލައިންތަކުން ފުލުހުން އެބަ ތަހުގީގު ގެންދަވާ. ފުލުހުންނަށް ލިބޭ މައުލޫމާތުތަކުގެ އަލީގައި އެކަން އެދަނީ ކުރިއަށް."
އުމަރު ވިދާޅުވީ ރިލްވާން ގެއްލުމުގެ މައްސަލާގައި ވަކި ބަޔަކާ ދިމާއަށް އަދި އިނގިލި ދިއްކުރެވެން ނެތް ކަމަށެވެ. އަދި އެކަހަލަ މައުލޫމާތެއް ހާމަކުރަން އަވަސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި ފުލުހުންގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލް ގިޔަރުގަ އެވެ.
އަދި އެއީ ފުލުހުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ ތަހުގީގު ކަމަށް ވެސް ވިދާޅުވި އެވެ.
"މީގެ ފަސް ދުވަސް ކުރިން ފުލުހުންގެ ހުރިހާ ރިސޯސެއް މިކަމަށް މި ވަނީ މޮބިލައިޒް ކުރެވިފައި. މީނާ ގެއްލުމަކީ މިއީ ސަރުކާރުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް. މިކަމަކީ ސަރުކާރުން މިވަގުތު އެންމެ އަހަންމިއްޔަތުކަން ދޭ އެއް ކަންތައް. އެކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި އަންނަނީ ކުރަމުން،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިލްވާނާ ގުޅޭ މައުލޫމާތެއް މީޑިއާގެ އެއްވެސް ބަޔަކަށް ލިބުނު ނަމަވެސް އެކަން އާންމު ނުކޮށް ފުލުހުންނާ ހިއްސާކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެ މައުލޫމާތެއް މާ ކުރިން ހާމަކޮށްފި ނަމަ ތަހުގީގަށް ބޮޑު ބުރުލެއް އެރުމުގެ ފުރުސަތު އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އެދިވަޑައިގަތީ އެ ތަހުގީގަށް ހުރިހާ ފަރާތަކުން ވެސް އެއްބާރުލުން ދިނުމަށެވެ.
"ރިލްވާނުގެ އެއްވެސް މައުލޫމާތެއް އާންމު ފަރާތަކަށް ވިޔަސް، މީޑިއާޔަކަށް ލިބުނަސް އަވަހަށް އެކަން ފުލުހުންނަށް އެންގުމަށް ދަންނަވަން. މިފަދަ ތަހުގީގުތަކުގައި އާންމުންގެ އެއްބާރުލުން އެބަ ބޭނުންވޭ. މިއީ ސަރުކާރުން ރައްޔިތުންގެ ކިބައިން އެދޭ ވަރަށް ބޮޑު އެދުމެއް،" އުމަރު ވިދާޅުވި އެވެ.
ރިލްވާން ހޯދުމުގެ މަސައްކަތް ފުޅާކޮށް ހުޅުމާލޭގެ ކަނޑުގެ ސަރަހައްދު ވެސް އެމްއެންޑީއެފްގެ ޑައިވަރުންގެ އެހީތެރިކަމާ އެކު ފުލުހުން މިއަދު ވަނީ ހޯދަން ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ