ކަރަންޓް ކެނޑެނީ ޓެކްނިކަލް މައްސަލައަކުން: ސްޓެލްކޯ

މާލޭގެ ބޮޑު ބަޔަކުން މިއަދު ހެނދުނު ކަރަންޓް ކަނޑައިގެން ދިޔައީ މިހާރު ބޭނުންކުރާ ބޮޑު އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯގެ އިންޖިނިއަރު އިބްރާހީމް ރައޫފް ވިދާޅުވީ މިއަދު ހެނދުނު މާލޭގެ ގާތްގަނޑަކަށް ހަތަރު ބައިކުޅަ އެއް ބައިން ކަރަންޓް ކަނޑައިގެން ދިޔަ ކަމަށާއި އަލުން ކަރަންޓް ދެވުނީ ގަޑިއެއްހާއިރު ފަހުން ކަމަށެވެ.
"އިންޖީނުގެ ޕްރޮޓެކްޝަން ލޯޑް ހުރި ގޮތުން ކަރަންޓް ކެނޑުނީ. ޓެކްނިކަލް މައްސަލައެއް ދިމާވެގެން 45 ވަރަކަށް މިނިޓަށް ކަރަންޓް ކެނޑުނު،" ރައޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޮޑު އިންޖީނު ބޭނުންކުރަން ފެށި ފަހުން ކަރަންޓްގެ މާ ބޮޑު މައްސަލައެއް ދިމާނުވާ ކަމަށާއި ނަމަވެސް ޓެކްނިކަލް މައްސަލަތައް ކުރިމަތިވެ ބައެއް ފަހަރު ކަރަންޓް ކެނޑެން މެދުވެރިވާ ކަމަށެވެ.
"މިހާ ބޮޑު އިންޖީނެއްވީމާ އަބަދު ސްޓޭންޑްބައި ލޯޑް ވެސް ނުބެހެއްޓޭނެ ދެއްތޯ،" ރައޫފް ވިދާޅުވި އެވެ.
ކަރަންޓު ކެނޑުމުގެ މައްސަލަ މީގެ ދުވަސްކޮޅެއް ކުރިން ވަރަށް ބޮޑުވި އެވެ. ނަމަވެސް އަލަށް ބެހެއްޓި ޖަނަރޭޓަރުތަކާ އެކު މައްސަލަ ހައްލުވުމަށް ފަހު މިފަހަކަށް އައިސް އެކި ހިސާބުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ އަނެއްކާވެސް ދަނީ ކުރިމަތިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ