ނާކާމިޔާބީ އަކީ ކުރިމަތިވި ގޮންޖެހުމެއް ކަމަށް ގަބޫލުނުކުރުމަށް މައުމޫން އެދިވަޑައިގެންފި

ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ އެކި މަގާމްތަކަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމަކީ ކުރިމަތިވި ގޮންޖެހުމެއް ކަމަށް ގަބޫލުނުކުރުމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ގޮވާލައްވައިފި އެވެ.
އެ ޕާޓީގެ ވާދަވެރި މުހިއްމު މަގާމްތައް އިންތިހާބުކުރުމަށް ފަހު، ކޮންގްރެސްގެ ބައިވެރިންނަށް ދަރުބާރުގޭގައި ބޭއްވި ކެއުމުގެ ހަފުލާގައި މައުމޫން ވިދާޅުވީ ކޮންގްރެސްގެ މަގާމްތަކުގައި ވާދަކުރެއްވި ފަރާތްތަކުން މަސައްކަތްކުރީ ގައުމާއި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތެއް ހޯދުމަށް ކަމަށެވެ. ކޮންގްރެސްގައި މަގާމަކަށް އިންތިހާބު ނުވި ނަމަވެސް އެކަމާ ހިތާމަ ނުކުރުމަށާއި ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު އަދިވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
"އެއްގޮތަކަށް ވެސް އެއީ ތިޔަ ބޭފުޅުންނަށް ލިބުނު ގޮންޖެހުމެއް ކަމަށް ގަބޫލުނުކުރައްވާށޭ. މުސްތަގުބަލް އޮތީ ތިޔަބޭފުޅުންގެ އަތްމަތީގައޭ. ޕާޓީއަށާއި ގައުމަށް ހިދުމަތްކުރުމުގެ ފުރުސަތު މުސްތަގުބަލްގައި ހުޅުވިގެންދާނޭ،" ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ކެންޑިޑޭޓުންނަށް ނަސޭހަތް ދެއްވައި މައުމޫން ވިދާޅުވި އެވެ.
އަދި ކޮންގްރެސްގައި ވާދަވެރި ކެމްޕޭނަކަށް ފަހު ކާމިޔާބު ހޯދި ފަރާތްތަކާއި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފަރާތްތަކަށް ވެސް މައުމޫން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ކެއުމުގެ އެ ދައުވަތުގައި ކޮންގްރެސް އަށް ރަށްރަށުން އައި ގިނަ އަދަދެއްގެ މަންދޫބުންނާއި ޕާޓީގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވި އެވެ. ދެ ބަޔަކަށް ބެހިގެން ކެމްޕޭންކުރި ޓީމުގެ ކެންޑިޑޭޓުން ކެއުމުގައި އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަތް ނަމަވެސް ޕްރައިމަރީ އަށް ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ އުމަރު ނަސީރު އެ ހޯލަކުން ނުފެނެ އެވެ. އެކަމަކު ޓީމް އުމަރުގެ އެހެން ބައިވެރިން އެތަނުގައި ތިއްބެވެ.
"އިންތިހާބަކީ ވައްތަރެއްގެ ކަމެއް. އިންތިހާބުގައި ކާމިޔާބުވާ މީހުންނާއި ކާމިޔާބު ނުވާ މީހުން ތިބޭނެ. އެއީ ބަލައިގަންނަ ހަގީގަތަކަށް ހަދަން ޖެހޭ،" މައުމޫން ވިދާޅުވި އެވެ.
ގައުމީ ޖަލްސާގައި ބައިވެރިވި މަންދޫބުންނާއި ޕީޕީއެމް ހަރުދަނާކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާ އެ ޕާޓީގެ މެމްބަރުންނަށް މައުމޫން ވަނީ އެ ބައްދަލުވުމުގައި ޝުކުރު އަދާކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޕީޕީއެމަކީ ކުރިއަރަމުން އަންނަ ރައްޔިތުންގެ ތާއީދު ބޮޑު ޕާޓީއެއް ކަމަށެވެ. އެހެން ނަމަވެސް އެ ޕާޓީ އަކީ މަގުބޫލު ޕާޓީއެއް ކަމަށް ހެދުމަށް އަދިވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޕާޓީގެ ކޮންގްރެސްގައި އެންމެން ވެސް މަސައްކަތް ކުރަމުން އަންނަނީ އެއްބައިވަންތަކަމުގެ ވަރުގަދަ ރޫހުގައި ކަމަށާއި އެކަމާ އުފާކުރަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ