ޖުޑީޝަލް ސާވިސަސް ކޮމިޝަން )ޖޭއެސްސީ( އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް މިއަދު ސަސްޕެންޑްކޮށްފި އެވެ.
ޖޭއެސްސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ގާޒީ ބާރީ ސަސްޕެންޑްކޮށްފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ ކޮމިޝަނުން ވަކި އެއްޗެއް އަންގަންދެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އޮފިޝަލް ވިދާޅެއް ނުވެއެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި ގާޒީ ބާރީ ސަސްޕެންޑްކުރީ އަޚުލާގީ މައްސަލައަކާ ގުޅިގެންނެވެ.
ޖޭއެސްސީގެ އޮފިޝަލް ވިދާޅުވީ ބާރީ ސަސްޕެންޑްކުރިކަން ކްރިމިނަލް ކޯޓަށް ވެސް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ނިންމުމެއް ޖޭއެސްސީން ނިންމިކަން ބާރީއަށް އަންގާފައިނުވާ ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށެވެ.
ގާޒީ ބާރީއަކީ ކްރިމިނަލް ކޯޓުގައި ބޮޑެތި މައްސަލަތައް ބައްލަވާފައިވާ ގާޒީއެކެވެ. ހއ. ހޯރަފުށީގައި ކުރީގެ ރައީސް މައުމޫނަށް ވަޅިއަކުން ހަމަލާދޭން އުޅުނު މައްސަލަ ބެއްލެވީ އޭނާ އެވެ. އަދި ކ. ކާށިދޫގައި ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް (އެޑަމް) މަރާލިކަން ސާބިތުވާތީ އެރަށު ސުވާސާގޭ މުހައްމަދު ސަމާހު މެރުމަށް ހުކުމް ކުރެއްވީ ވެސް ބާރީ އެވެ. މަސްތުވާތަކެތީގެ ބޮޑުން ކަމަށް ބުނެ ދައުލަތުން ދައުވާކުރި ހ. ރީނދޫގޭ އާދަމް ނަސީރު އަބޫބަކުރުގެ މައްސަލަ އާއި ޏ. ފުވައްމުލަކު ޑެއިލީބްލޫ، އަބްދުއްލަތީފް މުހައްމަދުގެ މައްސަލަ ވެސް ބައްލަވާ ނިންމެވީ އޭނާ އެވެ. މިހާރު ވެސް މަރުގެ ބައެއް މައްސަލަތައް ބާރީ ބައްލަވަމުންދެ އެވެ.
ބަލަމުންދާ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ސަސްޕެންޑްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ