ސުޕްރީމް ކޯޓުގެ ހުކުމުގައި މަރުވެފައިވާ ކަމަށް ކަނޑައެޅި މީހަކު ދިރިހުރި ކަމަށް ކޯޓުން އިއުލާންކޮށްފި

ސެޕްޓެމްބަރު ހަތެއްގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކުރަން ސުޕްރީމް ކޯޓުން ކުރި ހުކުމުގައި މަރުވެފައިވާ ކަމަށް ކަނޑައަޅާފައިވާ މީހަކު ދިރިހުރި ކަމަށް އައްޑު އަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅައިފި އެވެ.
ސ. މަރަދޫ، މުސްކުރާނާގޭ، މުހައްމަދު އަހުމަދު ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން އާއްމުކުރި އެންގުމެއްގައި ބުނެފައި ވަނީ އޭނާ ހުކުމް އިއްވުމާ ހަމައަށް، (މިދިޔަ ބުދަ ދުވަހާ ހަމައަށް) ދިރިހުރިކަން ސާބިތުވެފައިވާ ކަމަށެވެ.
އޭނާ އަކީ މަރުވެފައިވާ މީހުންގެ ނަމުގައި ވޯޓު ލީ ކަމަށް ބުނެ ސުޕްރީމް ކޯޓުން ފާހަގަކުރި ބައެއް މީހުން ދުނިޔޭގައި ތިބި ކަމަށް ޔަގީންވެފައިވާ ކަމަށް ބުނެ މިސާލެއްގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ތިން މީހުންގެ ތެރެއިން އެކެކެވެ.
އޭނާގެ އިތުރުން ނަން އާއްމުކުރި ދެ މީހެއްގެ ތެރެއިން އެކަކު ދުނިޔޭގައި އެބަހުރި ކަމަށް ބުނެ އޭނާގެ އަންހެނުން ވަނީ އެކަން ސިޓީއަކުން ބުދަ ދުވަހު ސުޕްރީމް ކޯޓަށް އަންގައިފަ އެވެ.
އިންތިހާބު ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން މަރުވެފައި ތިބި 18 މީހަކު އިންތިހާބުގައި ވޯޓުލާފައިވެ އެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ކޯޓުގެ ހުކުމުގައި މަރުވެފައިވާ ކަމަށް ކަނޑައަޅާފައިވާ އެތައް ބަޔަކު ދިރިއެބަ ތިބި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ