ރޯ ހައުސްތަކުގައި ރޯވީ ކަރަންޓް ޝޯޓަކުން ކަމަށް ބެލެވޭ

މިދިޔަ ހުކުރު ދުވަހު ހުޅުމާލެ ސިއްސުވާލީ އެ އަވަށުގެ އެންމެ ބައިބޯ ހިސާބުގައި ހުރި "މަށި" ރޯހައުސްތަކުގައި ރޯވެ އެތަންތަން އެކީ އެނދުމުންނެވެ. އެ ތަންތަނުގައި ދިރިއުޅެމުން ދިޔަ 13 އާއިލާއެއް އެ ހާދިސާގައި ހާލުގައި ޖެހި އެހެން ފްލެޓްތަކަށް ބަދަލު ކުރަން ޖެހުނެވެ. އެ ރޯ ހައުސްތަކުގެ ތިން ވަނަ ފްލޯ ވަނީ ބޭނުން ނުކުރެވޭ ވަރަށް އެކީ އަނދައިފަ އެވެ. އެ ހާދިސާ ހިނގި ސަބަބެއް ފުލުހުންނަށް އަދިވެސް ނުހޯދެ އެވެ. ނަމަވެސް އެ ތަންތަނުގައި ދިރިއުޅެމުން ދިޔަ މީހުންގެ ވާހަކައިން އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތިލަކުރެވެ އެވެ.
އެންމެ ބޮޑަށް ގެއްލުން ލިބުނު "މަށި 3" ފްލެޓްގެ ވެރިޔާ އަބްދުއް ނާސިރަކީ އެ ހާދިސާ އެންމެ ގާތުން ފެނުނު އެކަކެވެ. އޭނާ ބުނީ ގޭގައި ރޯވިކަން އެނގުނީ ސީލިންގުން ގޭތެރެއަށް ދުން އަންނަން ފެށުމުން ކަމަށެވެ. އަދި އޭރު ގޭތެރެއަށް ދުންތައް ފެތުރިފައި ހުރި އިރު ހުޅުގަނޑު ފެންނަން ހުރީ ސީލިންގް ތެރޭން ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑު ބެލްކަންޏަށް ނިކުތް އިރު ދުން ފެންނަނީ ސީލިންގް ތެރެއިން ނުކުންނަތަން. އޭރު ސީލިންގް ތެރޭގައި ރޯވެފައި ހުރީ. ސީލިންގް ތެރޭގައި ރޯވެގެން މުޅިގެއަށް ދުންގަނޑު މި ފެތުރުނީ. އެހެން ވީމާ މި ބެލެވެނީ ބޮޑަށް ކަރަންޓް ޝޯޓެއް ކަހަލަ ކަމެއް ކަމަށް. ދުންތައް އަރަން ފެށިތާ އިރުކޮޅެއް ނުވެ މުޅި ގޭގައި ރޯވާން ފެށީ،" ނާސިރު ބުންޏެވެ.
އެއް ފުރާޅަކުން ގުޅިފައިވާ އެ ރޯހައުސްތައް އަނދާހުލުވި އިރު އެތަނުން ރޯ ހައުސްއެއްގައި އާއިލާއާ އެކު ދިރިއުޅުމުން ދިޔަ އެހެން އަންހެނަކު ވެސް ނަން ނުޖެހުމަށް ޝަރުތުކޮށް ބުނި ގޮތުގައި އެންމެ ފުރަތަމަ ހުޅުގަނޑު ހިފާފައި ވަނީ ސީލިންގުގަ އެވެ. އަދި ހުޅުގަނޑު ސީލިންގްގައި ހިފީ ކުއްލިއަކަށް ކަމަށް ވެސް އޭނާ ބުންޏެވެ.
"ވަގުތުން އަޅުގަނޑު ހަޅޭއްލަވަމުން ތިރިއަށް ދިޔައީ. ކުއްލިއަކަށް ހުޅުގަނޑު ރޯވީ ސީލިންގްގައި. ދުންތައް ވެސް އަރަންފެށީ ސީލިންގުން،" އޭނާ ބުންޏެވެ.
އެޗްޑީސީން ދެ މިލިއަން ރުފިޔާ އަށް ވިއްކާފައިވާ އެ ރޯ ހައުސްތަކުގައި ރޯވުމުގެ ސަބަބުން އެންމެ މަތީ ބައި އެކީއެކަށް ވަނީ ހަލާކުވެފަ އެވެ. ސީލިންގް ވެއްޓި ފާރުތަކުގައި ވަނީ ރެނދުލައިފަ އެވެ. އަދި އެތަންތަނުގައި ހުރި ކޮމްޕިޔުޓަރާއި ޓީވީ އަދި އަންނައުނު ތައް ވެސް ހަލާކުވެފައިވާ ކަމަށް ނާސިރު ބުންޏެވެ.
"ވީ ގެއްލުމެއް ބުނަން ވެސް ނޭނގޭ. ދެ މިލިއަން ރުފިޔާއަށް ވުރެ އެތައް ތަނެއް ބޮޑުވާނެ. ވަރަށް ބޮޑު ގެއްލުމެއް މިވީ. އެތައް އަހަރަކުން އަޅުގަނޑުމެން ލާރި ހަމަކޮށްފައި ހުންނާނީ،" ނާސިރު ބުންޏެވެ.
އެ ތަންތަނުގައި ދިރިއުޅުނު 13 އާއިލާއެއް މިހާރު ވަނީ ވަގުތީ ގޮތުން "ވެށިފަހި" ފްލެޓްތަކަށް ބަދަލުކޮށްފަ އެވެ. އެތަންތަން މަރާމާތު ކުރުމުގެ ހުރިހާ ހަރަދެއް ކުރަން ނިންމާފައި ވަނީ އެޗްޑީސީންނެވެ.
ނާސިރު ބުނީ އެޗްޑީސީގެ އެހީ ނުލިބުނު ނަމަ ތިބެން ޖެހުނީހީ ވަރަށް ހާލުގައި ކަމަށެވެ. އޭނާގެ ދެ ދަރިންނާ އެކު ފްލެޓްގައި އުޅެމުން ދަނިކޮށް ހިނގި ހާދިސާގެ ސަބަބުން އެ އާއިލާގައި ތިބި ކުޑަ ކުދިންނަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ނާސިރު ބުންޏެވެ. އަދި ލާ އަންނައުނު ފަދަ ތަކެތި އަނދައިގެން ދިއުމުގެ ސަބަބުން އެކަމުގެ ދަތިކަމާ ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އެޗްޑީސީން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ކަންތައްތައް ކޮށްދޭލެއް. އެހެން ނޫން ނަމަ އަޅުގަނޑުމެން ނޭނގޭ ކޮންފަދަ ހާލެއްގައި ކަމެއްގައި ވެސް އުޅޭނީ،" ނާސިރު ބުންޏެވެ.
ރޯހައުސްތަކުގައި އެހާ ބޮޑަށް އަލިފާން ހިފާ އެ އަލިފާނުގެ އަސަރު އެހާ ގިނަ ރޯހައުސްތަކަށް ކުރަން މެދުވެރިވީ ޖެހިޖެހިގެން އެތަންތަން ހުރުމުންނެވެ. އެއްތަނުގައި ހިފި އަލިފާން އެހާ އަވަހަށް ފެތުރިގެން ދިޔައީ އެހެން ވެގެންނެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ ރޯ ހައުސްތަކުގައި އަލިފާން ރޯވި ވަކި ސަބަބެއް އަދިވެސް ނުހޯދޭ ކަމަށެވެ. ނަމަވެސް އެތަންތަން ހަދާފައި ހުންނާނީ ސަލާމަތީ ގޮތުން ހިމަނަން ޖެހޭ ކަންތައްތައް ފުރިހަމަކޮށްގެން ކަމަށް ސުހެއިލް ވިދާޅުވި އެވެ. ނަމަވެސް އެ ރޯ ހައުސްތަކުގައި ހަރުކޮށްފައި ހުރި އަލިފާން ނިއްވާ އާލާތްތަކަށް ގެއްލުން ދީފައި ހުރުމުން އެ ތަކެތީގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ނުހިފުނު ކަމަށް އެޗްޑީސީން ބުންޏެވެ. ސުހެއިލް ވިދާޅުވި ގޮތުގައި ރޯހައުސްތައް މަރާމާތު ކުރުމަށް ފަހު ވީ އެންމެ އަވަހަކަށް، އެ ތަންތަނުގައި އުޅުނު އާއިލާތަކަށް އެ ތަންތަނަށް ބަދަލު ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ