ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން ނޭޝަނަލް އިންކުއަރީ ކޮމިޝަން (ކޯނީ) އިން ނެރޭ ރިޕޯޓަށް ފަހުން ދެން ކަންތައް ކުރަންޖެހޭ ގޮތަކާ މެދު މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެއްވި ދައުވަތު ހުރިހާ ޕާޓީތަކުން ވެސް ގަބޫލުކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.
މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ކޯނީގެ ރިޕޯޓު ނެރޭ ދަނޑިވަޅު ވާންޖެހޭނީ ސިޔާސީ ޕާޓީތަކުގެ ގުޅުން މިހާރަަށް ވުރެ ހަރުދަނާކުރަންޖެހޭ ވަގުތަކަށް ކަމަށާއި ގައުމުގައި އަމަންއަމާންކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.
ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫނު ވިދާޅުވީ ކޯނީގެ ރިޕޯޓުގެ ސަބަބުން ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން އުފެދިފައިވާ ސުވާލުތަކަށް ސާފު ޖަވާބެއް ލިބޭނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ. އަދި މި ދަނޑިވަޅުގެ ބޭނުން ހިފައި ގައުމަށް ކުރިމަތިވެފައި އިގްތިސާދީ އަޑިގަނޑުން އަރައިގަތުމާއި ޑިމޮކްރަސީގެ އަސާސްތައް ހަރުދަނާކުރުމާއި ގާނޫނުގެ ބާރު ދެމެހެއްޓުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ވެސް ބަޔާނުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ގާބިލިއްޔަތުކަން ހުރި މިންވަރަކުން ޒަމާނީ ޑިމޮކްރަސީއަށް މަގު ދެއްކުމުގައި މުހިންމު ދައުރެއް އަދާކުރި މީހެއްގެ ހައިސިއްޔަތުން މި ދަނޑިވަޅުގައި ގައުމީ މަސްލަހަތު އިސްކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް އަޅުގަނޑު ގޮވާލަން،" އިނގިރޭސި ބަހުން ނެރުއްވާފައިވާ ބަޔާނުގައި މައުމޫން ވިދާޅުވެފައި ވެ އެވެ.
އެ ބަޔާނުގައި އެ މަނިކުފާނު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ހެދިފައިވާ ގޯސްތައް ތަކުރާރުވުމަށާއި ސިޔާސީ ހަމަނުޖެހުންތަކަށް ފުރުސަތު ނެތް ކަމަށެވެ.
"ގާނޫނީ ބާރު އަޅުގަނޑުމެން އެންމެން ދަމަހައްޓަންޖެހޭ. ޑިމޮކްރަސީގެ އަސާސްތައް ވަރުގަދަކޮށް އިންސާނީ ހައްގުތަކަށް އިހުތިރާމުކުރަންޖެހޭ،" މައުމޫން ވިދާޅުވި އެވެ.
ރައީސް ވަހީދުގެ ދައުވަތު ހުރިހާ ޕާޓީތަކުން ވެސް ގަބޫލުކުރުމަށް މައުމޫން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ