ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާއި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފުގެ މައްޗަށް އުފުލައިފި އެވެ.
ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަލީ ވަހީދާއި މަހްލޫފުގެ މައްޗަށް ދައުވާކުރީ 25 މާޗް 2010 ވަނަ ދުވަހުގެ ރޭ، މުލިއާގޭ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް، އެ ސަރަހައްދުގައި ހުރި ރޯޑް ބްލޮކްތައް އެއްފަރާތްކޮށް އަދި އެތަނުގައި ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާތީ ކަމަށެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާކުރީ ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައިގައި އަލީ ވަހީދާއި މަހްލޫފުގެ މައްޗަށް ކުރިން ވެސް ދައުވާކުރި އެވެ. ނަމަވެސް ޕީޖީ އެ މައްސަލަ އަނބުރާ ގެންދިޔަ އެއް ސަބަބަކީ އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ސިވިލް ސާވިސް ކޮމިޝަން )ސީއެސްސީ( އަށް ވަދެ އަޑުގަދަކުރި މައްސަލަ ޕީޖީ އަށް ނުފޮނުވައި އޮތުމުން، ހަމަހަމަކަން ގާއިމުކުރުމުގެ ގޮތުންނެވެ.
ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވީ އަލީ ވަހީދާއި މަހްލޫފުގެ މައްސަލަ މި މަހުގެ 16 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ފޮނުވީ، ސީއެސްސީ އަށް ވަދެ އަޑުގަދަކުރި މީހުންގެ މައްސަލައާ ވެސް އެކުގަ އެވެ.
ސީއެސްސީ އަށް ވަދެ އަޑުގަދަކުރި މައްސަލައިގައި ދައުވާކޮށްފައިވަނީ މއ. ކުޑަދުންމާރިގޭ މުހައްމަދު ސޮދުރީ )ދުންމާރި ނާޒިމް( އާއި ގ. ހެޕީ ސައިޑް ހުސައިން އިލްހާމްގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ 86 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާ އެވެ.
އަލީ ވަހީދާއި މަހްލޫފުގެ މައްޗަށް ދައުވާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ