ބައްޕަ ސަލާމަތްކުރަން މީހަކަށް ހަމަލާދިން މީހެއްގެ މައްޗަށް ޖިނާއީ ކޯޓުން އިއްވާފައިވާ ހުކުމެއް ހައި ކޯޓުން ބާތިލްކޮށްފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ހައި ކޯޓުން ބާތިލްކޮށްފައިވަނީ ޣައިރު ގާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ރ، އަލިފުށީ، ސޫރަޖް، އިނާދު އަފީފްގެ މައްޗަށް ކޮށްފައިވާ ހުކުމެކެވެ. މި ކުށުގެ އަދަބަށް އިނާދު 4،000ރ. އިން ޖޫރިމަނާ ކުރަން ޖިނާއީ ކޯޓުން ހުކުމްކޮށްފައިވެ އެވެ.
އިނާދުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނީ 2007 ވަނަ އަހަރު ތެރޭ އޭނާގެ ބައްޕަ ރ. އަލިފުށީ ކަތީބު، ހުސައިން އަފީފް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމަކަށް ފަހު އަލިފުށީ، ސީނަރީ، މުއާވިޔަތު އަބްދުއްލަތީފާއި ކަތީބާ ދެމެދު ހިނގި ހަމަނުޖެހުމަކާ ގުޅިގެން މުއާވިޔަތުގެ ބުރަކަށީގައި އިނާދު ޖެހި ކަމަށް ބުނެ އެވެ.
އިނާދުގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅުމުން ހައި ކޯޓުން ކުރި ހުކުމުގައި ވަނީ އެ މައްސަލާގައި ދަށު ކޯޓުގައި ހެކިންނާ ސުވާލުކުރުމުގެ ފުރުސަތު އިނާދަށް ލިބިދީފައިނުވާ ކަމާއި އޭނާގެ ފަރާތުން ހެކި ހުށަހަޅަން ވެސް ފުރުސަތު ދީފައި ނުވާކަން އެނގޭ ކަމަށެވެ.
މީގެ އިތުރުން އެހެން މީހަކު މަރާލުން ފިޔަވައި، ތިމާގެ އަމިއްލަ ނަފްސުގެ ދިފާއުގައި ކުރާ ކަމަކީ ކުށެއް ނޫން ކަމަށް ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ ކަމަށް ހުކުމުގައިވެ އެވެ. އަދި އަމިއްލަ ނަފްސުގެ މާނައިގެ ތެރޭގައި ތިމާގެ އަމިއްލަ ޖާނާއި މައިންބަފައިން ހިމެނޭނެ ކަމަށް ވެސް ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.
އެގޮތުން އެ ހާދިސާ ހިނގާފައި ވަނީ މުއާވިޔަތު، ކަތީބާ ބޭއަދަބީކޮށް މުހާތަބުކުރުމުން ހިނގައިދިޔަ ހަމަނުޖެހުމެއްގެ ތެރޭގައި ކަމަށާއި މުއާވިޔަތުގެ ބުރަކަށީގައި އިނާދު ޖަހާފައި ވާއިރު އޭނާ ހިމެނެނީ ކަތީބު ސަލާމަތްކުރަން ދިޔަ މީހުންގެ ތެރޭގައި ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން ކަތީބަކީ އިނާދުގެ ބައްޕަ ކަމަށް ވާއިރު އިނާދުގެ އެ އަމަލަކީ އޭނާގެ ބައްޕައަށް ނުރައްކަލެއް ކުރިމަތިވެފައިވާ ހިނދު އޭނާގެ ބައްޕަގެ ދިފާއުގައި ކޮށްފައިވާ ކަމެއް ކަމަށް ބުރަވެވޭ ކަމަށް ހައި ކޯޓުން ވަނީ ބުނެފަ އެވެ. އެހެންކަމުން، އިނާދު ޖޫރިމަނާ ކުރުމަށް ޖިނާއީ ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލްކޮށްފަ އެވެ.
ބައްޕަ ސަލާމަތްކުރުމަށް މީހަކަށް ހަމަލާދިނުމުން އިއްވި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ