އަޅުގަނޑު ކުރީ ސައިނަސް އޮޕަރޭޝަނެއް: ގާސިމް

ރަސްމީ ދަތުރެއްގައި ޖަރުމަނަށް ކުރެއްވި ދަތުރު ދިގުލީ ސައިނަސްގެ އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަތުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މަހެއްހާ ދުވަހު ޖަރުމަނުގައި ހުންނެވުމަށް ފަހު އެނބުރި ވަޑައިގެން އެއާޕޯޓުގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އޭނާ ޖަރުމަނަށް ކުރެއްވި ދަތުރުގައި ސައިނަސްގެ ވަރަށް އާދައިގެ އޮޕަރޭޝަނެއް ކުރެއްވި ކަމަށެވެ. އެކަމަކު ދަތުރު ދިގުލީ އޮޕަރޭޝަނަށް ފަހު ހާލު މުޅިން ރަނގަޅު ވަންދެން ޖަރުމަނުގައި މަޑުކުރައްވަން ޖެހިވަޑައިގަތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އޭނާގެ އާލާސްކަންފުޅާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ރާއްޖޭގައި ފެތުރުނުކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު އޭނާ ކުރެއްވީ ވަރަށް އާދައިގެ އޮޕަރޭޝަނެއް ކަމަށާއި އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލުގައި ބޭއްވީ އެންމެ ދުވަހަކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑާ ބެހޭ ގޮތުން ދެއްކި ވަރަށް ފާޑުފާޑުގެ ވާހަކަތައް ވެސް އެހިން. އެއީ މައްސަލައެއް ނޫން. އެކަމަކު ގިނަ ދުވަސްވީ ސައިނަސްގެ އޮޕަރޭޝަނެއް ކޮށްލުމަށް ފަހު މުޅިން ރިކަވާ ވަންދެން މަޑުކޮށްލުމުން،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ