އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ ގާތިލުންނާއި މަރުގެ ހަގީގަތް ނުހޯދި މަހަކަށް ވުރެ ގިނަ ދުވަސްވުމަކީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ރައްޔިތުންގެ މަޖިލިސް ވެސް ފެއިލްވުން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މިއަދުގެ ޖަލްސާގައި އަލީ ވަހީދު ވިދާޅުވީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުން ރައްޔިތުންގެ މަޖިލީހުން ވެސް އަވަސް އަރުވާލީ އޭނާގެ އާއިލާ އަށް އެލަވަންސް ދޭން ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ލަސްވަމުންދާތީ ހިތާމަކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގައި ވާހަކަ ދެއްކެވުމަށް ފަހު އަލީ ވަހީދު "ހަވީރަށް" ވިދާޅުވީ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގެ ކުރިން ޑރ. އަފްރާޝީމް މަރުގެ ހަގީގަތް އެނގުން މުހިންމު ކަމަށެވެ.
"އަޅުގަނޑުގެ ނަޒަރުގައި ޑރ. އަފްރާޝީމްގެ ގާތިލުން ނުހޯދައި އެ ދާއިރާގެ ބައި އިލެކްޝަން ބާއްވައިފި ނަމަ، އެއީ އެ ދާއިރާގެ ރައްޔިތުންނަށާއި ޑރ. އަފްރާޝީމްގެ ހިދުމަތަށް ވެވޭ ބޭއިންސާފެއް،" އަލީ ވަހީދު ވިދާޅުވި އެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލީ މިދިޔަ އޮކްޓޫބަރު އެއް ވަނަ ދުވަހުގެ ރޭގަ އެވެ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ވަނީ ދޫކޮށްލައިފަ އެވެ. މަރުގެ ހަގީގަތް ހޯދުމަށް އެމެރިކާގެ އެފްބީއައިގެ އެހީތެރިކަން ވެސް އަންނަނީ ހޯދަމުންނެވެ.
އަފްރާޝީމްގެ ގާތިލުން ހޯދުން ލަސްވުމަކީ މަޖިލީހުގެ ވެސް ފެއިލްވުމެއް: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ