އޯޑިއޯ/ވީޑިއޯ މެދުވެރިކޮށް ޝަރީއަތް ކުރުމާ ބެހޭ ގަވައިދެއް ސުޕްރީމް ކޯޓުން އެކުލަވާލައިފި
އޯޑިއޯ/ވީޑިއޯ މެދުވެރިކޮށް ޝަރީއަތް ކުރުމާ ބެހޭ ގަވައިދެއް ސުޕްރީމް ކޯޓުން މިއަދު އެކުލަވާލައިފި އެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ އެ ގަވައިދުގައިވާ ގޮތުން، އޯޑިއޯ/ވީޑިއޯ މެދުވެރިކޮށް ޝަރީއަތް ކުރެވޭނީ ވަކި ހާލަތްތަކެއްގަ އެވެ. އެގޮތުން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރާ މީހާ އަކީ، ޝަރީއަތް ބާއްވާ ކޯޓު ހުރި ރަށް ނޫން އެހެން ރަށެއްގައި ހުރި މީހަކަށް ވުމާއި ޖިނާއީ ނުވަތަ މަދަނީ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން އޯޑިއޯ/ވީޑިއޯ މެދުވެރިކޮށް ބަޔާން ނަގަން ޖެހޭ ފަދަ ޟަރޫރަތެއް އޮތް މީހެއް ކަމަށް ގަބޫލުކުރެވުން ހިމެނެ އެވެ. އަދި ހެކިދޭ މީހާއަކީ ކާކުކަން ހާމަކުރެވިއްޖެ ނަމަ، އެމީހަކަށް ކުރިމަތިވެދާނެ ބިރެއް ނުވަތަ ނުފޫޒެއް އޮތް ކަމަށް ބެލެވިގެން، ކާކުކަން ހާމަނުކުރެވޭ ގޮތަށް ހެކި ބަސް ނަގަން ޖެހޭނެ ކަމަށް ގަބޫލު ކުރެވުމަކީ ވެސް އޯޑިއޯ ނުވަތަ ވީޑިއޯ މެދުވެރިކޮށް ޝަރީއަތް ކުރަން ޖެހޭ ސަބަބެއް ކަމަށް ގަވައިދުގައިވެ އެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ކުދިންގެ ހެކިބަސް ނެގުމުގެ އުސޫލުގެ ދަށުން އެ ކުއްޖަކު ޝަރީއަތުގެ މަޖިލީހަށް ދޭންޖެހޭ ހެކިބަސް ނެގުމަކީ ވެސް އެ ގަވައިދުގެ ދަށުން ކުރެވޭނެ ކަމެކެވެ.މަތީގައި ބުނެފައިވާ ހާލަތްތައް ފިޔަވައި ވެސް، ޝަރީއަތް ބާއްވާ ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ބަޔާންދިނުމަށް އުޒުރުވެރިވާ ފަދަ ހެއްކަކު ނުވަތަ ހަސްމަކު ބަޔާން ދިނުމަށް އުޒުރުވެރިވާ ފަދަ ޟަރޫރަތެއް އޮތް ކަމަށް ކޯޓަށް ގަބޫލުކުރެވުމަކީ ވެސް އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ޝަރީއަތް ކުރެވިދާނެ ކަމެކެވެ. ގާނޫނެއްގައި ގަވައިދެއްގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ، ނުވަތަ ކޯޓުން ވަކި ގޮތަކަށް ކޯޓުން ކަނޑައަޅާފައި ނުވާ ނަމަ، އޯޑިއޯ ނުވަތަ ވީޑިއޯ މެދުވެރިކޮށް ހިންގާ ޝަރީއަތްތައް ކުރިއަށް ގެންދަން ވާނީ ހުޅުވާލެވިފައިވާ ޝަރީއަތުގެ މަޖިލީހެއްގައި ކަމަށް ގަވައިދުގައިވެ އެވެ. ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާ މެދު އޯޑިއޯ/ވީޑިއޯ މެދުވެރކޮށް ގޮތެއް ނިންމޭނެ އުސޫލުތައް ވެސް ގަވައިދުގައި ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން ކުށުގެ ތުހުމަތުގައި ހުރި މީހަކީ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލަ ހުށަހަޅާފައިވާ ކޯޓު ހުރި ރަށް ނޫން އެހެން ރަށެއްގައި ހުރި މީހަކަށް ވެފައި، ސަލާމަތީ ސަބަބުތަކަށްޓަކައި ކޯޓަށް ހާޒިރުކުރުމަށް އުޒުރުވެރިވާ ފަދަ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރި ކަމަށް ކޯޓަށް ގަބޫލުކުރެވޭ ނަމަ، އޯޑިއޯ/ވީޑިއޯ މެދުވެރިކޮށް، އެމީހެއްގެ ބަންދާ މެދު ގޮތެއް ނިންމިދާނެ ކަމަށް ގަވައިދުގައިވެ އެވެ. އަދި ކޯޓަށް ހާޒިރުކުރަންޖެހޭ މީހާ ސިއްހީ ސަބަބުތަކަށްޓަކައި ކޯޓަށް ހާޒިރުކުރުން ރައްކާތެރި ނޫން ނަމަ ގަބޫލުކުރެވިއްޖެ ނަމަވެސް އޯޑިއޯ/ވީޑިއޯ މެދުވެރިކޮށް ޝަރީއަތް ބޭއްވިދާނެ ކަމަށް އެ ގަވައިދުގައިވެ އެވެ. އަދި މިނޫނަސް، އެމީހަކު ހާޒިރުނުކޮށް ބަޔާން ނަގަންޖެހޭ ފަދަ ޟަރޫރަތެއް އޮތް ކަމަށް ކޯޓުން ކަނޑައަޅައިފި ނަމަ، އޯޑިއޯ/ވީޑިއޯ މެދުވެރިކޮށް އެކަން ކުރެވޭނެ އެވެ.ސުޕްރީމް ކޯޓުން ބުނީ، އެ ކޯޓުން އެކުލަވައިލި، އޯޑިއޯ/ވީޑިއޯ މެދުވެރިކޮށް ޝަރީއަތް ކުރުމާ ބެހޭ ގަވައިދަށް އަމަލުކުރަން ފެށުމާ އެކު "އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމާއި ޖިނާއީ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އުވުނީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ