ޖޭޕީ މެންބަރުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާނަމަ ފިޔަވަޅު އަޅާނަން - ގާސިމް

ޖުމްހޫރީ ޕާޓީގެ މެންބަރުން، އަމިއްލަ ގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނަމަ އެމެންބަރުންނާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ކިނބިދޫ ދާއިރާއަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ރިޔާޒް އެޕާޓީއަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެމްވީޔޫތަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭޕީ ޓިކެޓު ނުލިބޭ ބައެއް މެންބަރުން މިހާރު ދަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވަމުންނެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ވާދަކުރައްވާ ދާއިރާއަކަށް ވިޔަސް އަދި ޕީޕީއެމުން ވާދަކުރައްވާ ދާއިރާއަކަށް ވިޔަސް ޖޭޕީގެ މެންބަރަކު އަމިއްލަ ގޮތުން ވާދަކުރައްވާނަމަ އެމީހަކީ ޕާޓީގެ ދަފްތަރުގައި އޮތް މީހެއްނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
ނަމަވެސް އަޅާނީ ކޮން ފިޔަވަޅެއް ކަމެއް ގާސިމް ވިދާޅެއް ނުވެ އެވެ.
ގާސިމް އިތުރަށް ވިދާޅުވީ އަދާލަތު ޕާޓީ އާއި އެކު ކުރެވުނު މަޝްވަރާތަކުން އެޕާޓީން ބޭނުންވަނީ 4 ދާއިރާއެއްގެ މަޖިލިސް ޓިކެޓު ކަމަށާއި ނަމަވެސް ޖުމްހޫރީ ޕާޓީއަށް ދެވެން އޮތީ ތިން ދާއިރާގެ ޓިކެޓު ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން ހުށަހެޅި މަޖިލިސް ސްލޮޓްތައް އަދާލަތު ޕާޓީން ގަބޫލު ނުކުރެއްވީ އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ ކަމަށާއި އެކަން ގަބޫލުނުކުރެއްވުމުން "ވަރަށް ބޮޑަށް" ޝުކުރިއްޔާއޭ ވިދާޅުވި ކަމަށް ވެސް ގާސިމް މިއަދު ވިދާޅުވި އެވެ.
"ވިދާޅުވަނީ (އިމްރާން) ތިތަންތަނެއް ތިމަންނާ ބޭނުން ފުޅެއް ނެތޭ. މިވެނި ދެތަން، މިވެނި ދެ ދާއިރާއެއް ދޫކޮށްލައިގެން ތިމަންނާއަކަށް މިކަން ވާކަށެއް ނެތޭ. އަޅުގަނޑެ ދެންނެވިން ވަރަށް ބޮޑަށް ޝުކުރިއްޔާއޭ، އަޅުގަނޑަކަށް ނެތޭ ތިކަން ތިގޮތަށް ވާކަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޖޭޕީއިން ހުށަހެޅި ތިން ސްލޮޓް އަދިވެސް އަދާލަތަށް ދިނުމަށް ނިންމާފައިވާ ކަމަށާއި އެ ނިންމުމަށް ބަދަލު އަދި ނާންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ