ކިތަންމެ ލޯޑު ބޮޑުވިއަސް ފޭދޫގައި ޝޯވ ބާއްވާ ސަރަހައްދުން ކަރަންޓު ނުކެނޑުމަށް ވަނީ އަންގާފައި : ފެނަކަ މުވައްޒަފެއް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުން ކުރާ އިންޖީނަކަށް މައްސަލައެއް ދިމާވެގެން ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންދާއިރު، ފޭދޫގައި މިރޭ ޝޯވ ބާއްވާ ސަރަހައްދުން ކަރަންޓު ނުކެނޑުމަށް އިންޖީނުގޭގެ މުވައްޒަފުންނަށް އަންގާފައިވާކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފަކު ބުނި ގޮތުގައި، ކިތަންމެ ލޯޑު ބޮޑުވިޔަސް ފޭދޫގައި ޝޯވ ބާއްވާ ސަރަހައްދުން މިރޭ އާއި މާދަމާ ކަރަންޓު ކަނޑައިގެން ނުވާނެ ކަމަށް މުވައްޒަފުންނަށް އަންގާފައިވާ ކަމަށެވެ. ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ފަރާތުން ބުނި ގޮތުގައި މިގޮތަށް މުވައްޒަފުންނަށް އަންގާފައި ވަނީ ފެނަކަ ކޯޕަރޭޝަނުގެ ރީޖަނަލް ޑިރެކްޓްރ އަބުދުﷲ ޒުހައިރު ކަމަށެވެ.
" މިއަދު މުވައްޒަފުންނާއި ބައްދަލުކޮށް ޒުހެއިރު ވަނީ އަންގާފައި ކިތަންމެ ލޯޑު ބޮޑުވިއަސް ފޭދޫގައި ޝޯވ ބާއްވާ ސަރަހައްދުން ކަރަންޓު ކަނޑާނުލުމަށް" އޭނާ ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ފޭދޫގެ ގެތަކަށް ކަރަންޓު ކަނޑާނެ ގަޑިތައް އެންގުމަށް ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން މިއަދު ވަނީ ނޯޓިސް ފޮނުވާފައެވެ.
މުވައްޒަފަކު މިގޮތަށް ބުނި ނަމަވެސް ފެނަކަ ކޯޕަރޭޝަނުގެ ރީޖަނަލް ޑިރެކްޓްރ އަބުދުﷲ ޒުހައިރު "ސީއެންއެމް" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ފެނަކަ މައި އިންޖީނުގެއިން އެއްވެސް ރަށެއްގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާލާފައެއް ނުވާނެ ކަމަށާއި ފޭދޫގެ ގެތަކުން ކަރަންޓު ކަނޑާލާފައި ވަނީ ރަށު ފެންވަރުގައި(މަރަދޫފޭދޫ ފެނަކަ އޮފީހުގެ ބޭފުޅުން) އެކަން މެނޭޖްކުރައްވަން ތިއްބަވާ ބޭފުޅުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ