ޖުމްހޫރީ ގުޅުމުގައި މިހާރު ތިބި މެންބަރުންގެ އަދަދު 50،000 އަށްވުރެ އިތުރު ވާނެ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އެންމެ ގިނަ ވޯޓު ހޯދާނީ ޖުމްހޫރީ ގުޅުމުން ކަމަށް އެކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ގުޅުމުން ރޭ މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ނުކުންނާނީ 30،000 މެންބަރުންނާއިއެކު ކަމަށް ކުރިން ވިދާޅުވި ނަމަވެސް އެކަން މިހާރު ހަގީގަތަކަށްވެފައިވާ ކަމަށެވެ.
އެގޮތުން ޖުމްހޫރީ ޕާޓީގައި މިހާރު ތިބި މެންބަރުންގެ އަދަދު 23،000 އަށްވުރެ އިތުރުވެފައިވާއިރު ޖުމްހޫރީ ގުޅުމާއި މިހައިތަނަށް ގުޅިފައިވާ ފަރާތްތަކުގެ މެންބަރުންގެ އަދަދާއިއެކު ޖުމްހޫރީ ގުޅުމުގައި މިހާރު ތިބި މެންބަރުންގެ އަދަދު 50،000 އަށްވުރެ ގިނަވާނެ ކަމަށް ވެސް ގާސިމް ރޭ ވިދާޅުވި އެވެ.
އަދި ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ހާލަތެއްގައި ވެސް އެންމެ ކުރީގައި އޮވެގެން، ދެ ވަނަ ބުރުން އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މިޖަލްސާގައި ގާސިމް ވަނީ ޖުމްހޫރީ ގުޅުމަށް މިއަދު ތާއީދުކުރައްވަން ނިންމެވި އުމަރު ނަސީރުގެ ޓީމަށް މަރުހަބާ ދަންނަވާފައެވެ. ގާސިމް ވިދާޅުވީ އުމަރު ޖުމްހޫރީ ގުޅުމާއި ގުޅިވަޑައިގަތީ ސިޔާސީ ޕާޓީއެއްގެ ދަރަޖައިގެ ކަމަށާއި ޖުމްހޫރީ ގުޅުމުގެ އިސްވެރިން އެގޮތަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.
ޖުމްހޫރީ ގުޅުމަށް ތާއީދުކުރާ އެއްވެސް ފަރާތެއް މާޔޫސްވާން ނުޖެހޭނެ ކަމަށާއި، ހުރިހާ ފަރާތްތަކަކަށްވެސް ޖުމްހޫރީ ގުޅުމުގެ ހަރަކާތްތަކުގައި ބައިވެރިވެ އުޅެވޭނެ ފުރުސަތު އޮންނާނެ ކަމަށް ވެސް ގާސިމް ރޭ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ހުރިހާ ކަމެއްވެސް ކުރިއަށްގެންދާނީ ދެފުށް ފެންނަ ސިޔާސަތެއްގެ ތެރެއިން ކަމަށާއި އެއްވެސް ކަމެއްގައި ފޮރުވުމުގެ ސިޔާސަތެއް ނުގެން ގުޅުއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މޭޒުމަތީގައި ލައްޖެހިފައި ހުރި އެންމެ ކަރުދާސްކޮޅެއް ވެސް ނޯންނާނެ،" ގާސިމް ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީ އަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އައްވަނަ ދުވަހު މުޅި ގައުމުގައި ހުޅުޖަހައި ގައުމުގެ މުހިއްމު މުއައްސަސާތަކެއް އަންދާލާފައިވާ ކަމަށާއި، އަދި ރާއްޖޭގެ އިގްތިސާދު ހިމެނޭ މުހިއްމު މަސައްކަތްތައް ބޮއިކޮޓް ކުރުމަށްވެސް ނަޝީދު ގޮވާލާފައިވާތީ އެފަދަ ބޭފުޅަކަށް ވޯޓު ދިނުމާއި މެދު ރައްޔިތުން ވަރަށް ފުންކޮށް ވިސްނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
50،000 މެންބަރުންނާއިއެކު އެންމެ ގިނަ ވޯޓު ހޯދާނީ މި ކޯލިޝަނުން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ