އެމްޑީޕީގެ ތިން އަހަރު ދުވަހުގެ ސަރުކާރުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރެވުނީތީ މައާފަށް އެދިވަޑައިގަންނަވާ ކަމުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި 96،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވާފައިވާ ރައީސް ނަޝީދު މިރޭ ޓީވީއެމް އިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ގާސިމާއި މެދުގައި އެމްޑީޕީ ސަރުކާރުގައި ގޯސްކޮށް ހިނގާފައިވާ ކަމެއްވާ ކަމަށާއި އެއީ ގާސިމް ބަންދުކުރާން ޖެހުނު ޖެހުން ކަމަށެވެ.
"ގާސިމަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަން ރައީސުލްޖުމްހޫރިއްޔާއަކަށް ހުރެ މީހަކު ހިފާ ހައްޔަރުކުރުމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާއަކު އެހެން ކުރާ ކަމެއް ނޫންކަން، ދެން އެހެންނަމަވެސް އަޅުގަނޑުމެންގެ ސަރުކާރުގައި އެކަން ހިނގައިދިޔައީ، އަޅުގަނޑު އެކަމާއި ނިހާޔަތަށް ގާސިމް ކިބައިން މައާފަށް އެދެން." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މީހުން ހިފާ ހައްޔަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާކަމެއް ނޫން ކަމަށާއި ނަމަވެސް ގާސިމު ހައްޔަރުކުރި ކުރުމަކީ ވަރަށް ދެރަކޮށް ހިނގި ކަމެއް ކަމަށް ގަބޫލުކުރައްވާކަމަށެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާއިރު ކުރައްވަންޖެހޭކަންކަން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި މީހުން ހިފާ ހައްޔަރުކުރުމަކީ އެހާ ހިތްހަމަޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގާސިމަކީ ވަރަށް ގިނަ ރައްޔިތުންގެ ތާއީދު ލިބިގެންވާ ބޭފުޅެއް ކަމަށާއި އެހެންކަމުން ގާސިމް އިބްރާހިމް ވެސް އެމްޑީޕީ އާއި އެކު މަސައްކަތްކޮށްދެއްވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ގާސިމްގެ ފިކުރާއި ގާސިމް އެދިވަޑައިގަންނަވާ ކަންކަން އެންމެ އެއްގޮތްކޮށް ހުންނާނީ އެމްޑީޕީ އާއި ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ގާސިމްގެ އިތުރުން ކުރިން ވަޒީރުކަން ކުރެއްވި އިލްޔާސް އިބްރާހިމް ވެސް ސަރުކާރު އުފެއްދުމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެމްޑީޕީ ސަރުކާރެއް އުފެއްދުމަށް ދެބޭފުޅުންގެ މަދަދު ވެސް ބޭނުންވާ ކަމަށެވެ. އަދި ހަރުދަނާ ސަރުކާރެއް ހިންގުމަށް މިބޭބޭފުޅުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
"އެބޭފުޅުންނާއިއެކީގައި ނޫނިއްޔާ އަޅުގަނޑުމެން މިދެކޭ އަވަސް ސްޕީޑުގެ ތަރައްގީ އަޅުގަނޑުމެން ހޯދަން ހަމަ އުނދަގޫވާނެ، ހާއްސަކޮށް އެދެބޭފުޅުން، ގާސިމް އިބްރާހިމާއި އިލްޔާސް އިބްރާހިމް، އެދެބޭފުޅުންނަކީ އަޅުގަނޑު ކުޑައިރުއްސުރެ ފަށައިގެން، އެބޭފުޅުންގެ މަސައްކަތަށް ވެސް އަޅުގަނޑު ދަންނަން، އަދި އެބޭފުޅުންގެ މިޒާޖުފުޅާއި ކަންކަމުގައި ފަރުވާ ބަހައްޓާ މިންވަރު އެނގޭ." ނަޝީދު ވިދާޅުވި އެވެ.
އެހެންކަމުން ގާސިމާއި އިލްޔާސްގެ ތާއީދު ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ ސަރުކާރުގައި ގާސިމް ހައްޔަރުކުރެވުނީތީ މައާފަށް އެދެން - ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ