ތަސްމީނުގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ވައްދައިފި

ރައީސް ވަޙީދުގެ ރަނިންގް މޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން އަލީ ސާބިތު ދަރަންޏެއް އޮވެ އެދަރަނި ޙުކުމާއި އެއްގޮތައް ދައްކަވާފައި ނުވާތީ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޝަރުތު ތަސްމީނުގެ ކިބައިގައި ފުރިހަމަ ނުވާކަމަށް ކަނޑައަޅައި ދިނުމަށް އެދި ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ކެންދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅަން ސާބިތު ދަރަނީގެ މައްސަލައިގައި މަޖިލީހުގެ ގޮނޑި ގެއްލި ވަޑައިގެންނެވި މުސްތަފާ ކޯޓަށް ހުށަހެޅުއްވީ ތަސްމީނުގެ އާއިލީ ހިއްސާ އޮންނަ ކުންފުންޏަކުން ނަގާފައިވާ ލޯނުތަކަކަށް ފައިސާ ނުދައްކާ މައްސަލަ އާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަށް ދޭންޖެހޭ ފައިސާތަކެއް ނުދީގެން ނާޒިމް ކޯޓަށް ވަޑައިގެންނެވި މައްސަލައިގަ އެވެ.
ސްޕުރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު ސުޕްރީމް ކޯޓުގެ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަވަމުން މުސްޠަފާ ވިދާޅުވީ "ނާޒިމް (ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް) އަތުން ފައިސާ ނަގާފައި އަނބުރާ ފައިސާ ދައްކާފައި ނުވާކަން ވަނީ ސާބިތުވެފައި. އަނެއްކާ ކޯޓުން އެމައްސަލާގައި އިއްވި ހުކުމާއި އެއްގޮތަށް އޭނާ (ތަސްމީން) އަމަލުކޮށްފައެއްވެސް ނުވޭ." ކަމަށެވެ.
މުސްޠަފާ ހުށަހެޅުއްވެވި މައްސަލަ ސާބިތުވެއްޖެ ނަމަ ތަސްމީނަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިވަޑައިގަންނަވާނެއެވެ.
އަދި ރައީސް ވަޙީދުގެ ރަނިންގް މޭޓްގެ ގޮތުގައި އަންނަ ރިޔާސީ އިންތިޙާބުގައި ވާދައެއްވެސް ނުކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ