ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަނެއްކާވެސް މާމިގިލީ ދާއިރާއަށް ކުރިމަތިލައްވާނެކަމަށް މިހާރުވެސް އެ ދާއިރާ ތަމްސީލު ކުރައްވަމުންގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުމާ ގުޅިގެން އެކާމިޔާބީގައި ސަން އައިލެންޑް ރިސޯޓުގެ މުވައްޒަފުންގެ ހިއްސާ ފާހަގަކޮށް ޝުކުރު އަދާކުރުމުގެ ގޮތުން ރޭ ސަން އައިލެންޑުގައި ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އަބްދުﷲ ޔާމީނަށް ޖުމްހޫރީ ޕާޓީން ތާއީދު ކުރީ ރައްޔިތުންގެ ހައްގުގައި ކަމަށާއި ހަމައެގޮތަށް ރައްޔިތުންނަށްޓަކައި މި ސަރުކާރު ދެމެހެއްޓުމަށް ވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ބޭރުގެ ޖަމާއަތްތަކުން ވަކި މީހަކު ރާއްޖޭގެ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރުމުން އެކަމާ ފުންކޮށް ވިސްނަންޖެހޭ ކަމަށާއި ވަކި މީހަކު ވެރިކަމަށް ގެނައުމަށް ފާޅުގައި ވާހަކަދެއްކީ އޭގެ ފައިދާ އެބަޔަކަށް އޮވެގެންކަން ދަންނަން ޖެހޭ ކަމަށެވެ. އޭރުން ރާއްޖޭގެ ރައްޔިތުންނަށް ވެރިކަން ކޮށްދިނުން އަންނާނީ މާފަހަތަށް ކަމަށާއި މިކަންކަން އަބަދު ރައްޔިތުންނަށް ވިސްނައިދޭން ޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީ ޕާޓީން ނިންމި ނިންމުމަކީ ދިވެހި ރައްޔިތުންނަށްޓަކައި ނިންމި ނިންމުމެއް ކަމަށާއި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމުގައި އަދި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އެމަނިކުފާނާއި ޖުމްހޫރީ ޕާޓީ ދެމިއޮންނާނެ ކަމަށެވެ.
މީގެ އިތުރުން ގާސިމް އިބްރާހިމް ވިދާޅުވީ 2018 ގައި އެމަނިކުފާނު ވެރިކަމަށް ކުރިމަތިލައްވާނެތޯ ނުވަތަ ނޫންތޯ ވެސް ނިންމާނީ ރައްޔިތުން ކަމަށާއި ރައްޔިތުންގެ ހައްގުގައި އަބަދުވެސް ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ސަން އައިލެންޑްގައި ރޭ ބޭއްވި މިހަފުލާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއި ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމްގެ އިތުރުން ސަން އައިލެންޑްގެ ކުރީގެ ޖެނެރަލް މެނޭޖަރު އަދި މިހާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އާއި ސަން އައިލެންޑުގެ މިހާރުގެ ޖެނެރަލް މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޑރ. އަބްﷲ މައުސޫމް ވެސް ބައިވެރިވަޑައިގަތެވެ.
ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށާއި ޕްރޮގްރެސިވް ކޯލިޝަނަށް ކާމިޔާބު ހޯދައިދިނުމަށް ސަން އައިލެންޑް ރިސޯޓުގެ މުވައްޒަފުން ކުރި އިހުލާސްތެރި މަސައްކަތް ފާހަގަކޮށް މިހުރިހާ ބޭފުޅުން ވެސް އެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.
މާމިގިލީ ދާއިރާއަށް ކުރިމަތިލެއްވުމަށް ގާސިމް ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ