ސަބަބުތަކުގައި ހިއްޕަވާ، ދުޢާ ކުރައްވާ! މިއަދު އެކަނިވެސް 73 މީހުން މިވަނީ ފައްސިވެފައި

ރަޙުމަތާއި ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް މިއަހަރު އަހަރެމެންނާއި މި ބައްދަލު ކުރިއިރު އިސްލާމީ އުއްމަތާއި މުޅި ދުނިޔެ ވެސް މިއޮތީ ބިރުވެރި ޙާލަތެއްގައެވެ. ނުރައްކާތެރިކަމާއި ދަތި އުނދަގޫ ދަނޑިވަޅެއްގައެވެ. ކޮންމެ ދުވަހަކު ، ކޮވިޑް19ގެ ބަލިމަޑުކަމުގެ ޝިކާރައަކަށް އެތައް ހާސް މީހުންނެއް މިދަނީ ވަމުންނެވެ.
އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގެ ހާލަތަކީ ވެސް މިއަދު މިއީއެވެ. ކޮންމެ ދުވަހަކުމެ އެތައް އާއިލާއެއް މި ހިތްދަތި ހާލާއި ކުރިމަތިލާން މިވަނީ ޖެހިފައެވެ. ކޮވިޑް19ގެ ވަބާގައި ގިސްލާ ކަރުނަ އޮހޮރާ މީހުން މިދަނީ އިތުރުވަމުންނެވެ. ރާއްޖެއިން ޖުމްލަ 214 މީހުން މިހާތަނަށް ކޮވިޑް19 އަށް ފައްސިވިއިރު މިއަދަކީ މިހާތަނަށް އެންމެ ގިނަ މީހުން މި ބަލިމަޑުކަމާއި ކުރިމަތިލާން ޖެހުނު ދުވަހެވެ. މިއަދު އެކަނި 73 މީހުން މި ބައްޔަށް ފައްސިވެފައިވެއެވެ.
ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 113 ބިދޭސީންނާއި 78 ދިވެހިންނެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 18 މީހަކު މިވަނީ މުޅިން ރަނގަޅުވެފައެވެ.
އަހަރެމެންނަކީ މުސްލިމުން ކަމުގައި ވީހިނދު އަހަރެމެންގެ މައްޗަށް އޮތީ ﷲގެ ގަޟާ ގަދަރަށް އީމާންވުމެވެ. އެއްވެސް ނުރުހުންވުމަކާއެކު ، ނުލާ މި މުސީބާތުގެ ވަގުތުގައި ކެތްތެރިވުމެވެ. ދަތިކަމަކަށްފަހު ފަސޭހަ ކަމެއް ވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެއީ އެއިލާހުގެ ވަޢުދު ބަސްފުޅެވެ. ހަމައެހެންމެ ޞިއްޙީ މާހިރުންދޭ އިރުޝާދު ކަނުލާ އަޑުއަހާ އެއަށް ޢަމަލު ކުރާ ބައެއް ކަމުގައި އަހަރެމެން ވާން ޖެހެއެވެ. އިޖުތިމާޢީ ގައިދުރުކަމަށް ސަމާލުކަންދީ ގޭގައި މަޑުކުރުން އަމިއްލަ ނަފްސަށް މަޖުބޫރު ކުރައްވާށެވެ.
ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނެވެ. ސޫރަތު އައްތަލަޤްގައިވާ ﷲގެ މި ވަޙީ ބަސްފުޅު އަޑު އައްސަވާށެވެ.
''އަދި ﷲއަށް ތަޤްވާވެރިވާ މީހާ ދަންނާށެވެ.! އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެއެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒުޤު ދެއްވާނެތެވެ. ﷲއަށް ވަކީލްކުރާ މީހާ ދަންނާށެވެ. ފަހެ އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން ﷲ އީ އެކަލާނގެ އަމުރުފުޅު ހިންގަވައި ، ފުރިހަމަ ކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ.''
ދުނިޔޭގެ އެއްވެސް ކަމަކީ ދާއިމަށް ދެމި އޮންނާނެ ކަމެއް ނޫނެވެ. އަހަރެމެންގެ ޙަޔާތަކީ ވެސް އެފަދަ އެއްޗެކެވެ. ޙަޔާތުގައި އަންނަ މިފަދަ ބަލިމަޑުކަމާއި މުސީބާތްތަކަށް ކެތްތެރިވެ ތައުބާވެ އިސްތިޣްފާރު ކުރުމީ ބަލިމަޑުކަމުން އަހަރެމެން ދުރުކޮށްދޭނެ އެންމެ ބޮޑު ވަޞީލަތެވެ. މާޔޫސްވެ ނުލައްވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ