އުފަންވެލިން ދަނޑުވެރިންގެ އުފެއްދުންތައް ގަންނަނީ

ކޮވިޑް-19 އިގެ ސަބަބުން ދަނޑުވެރިނަށް ލިބޭ ގެއްލުން ކުޑަ ކުރަން، ރާއްޖޭގައި ދަނޑުވެރިން ބާޒާރަށް ނެރޭ ބާވަތްތައް ގަންނަން ތައްޔާރަށް އޮތް ކަމަށް އުފަންވެލި ކުންފުނިން ބުނެފި އެވެ.
ރާއްޖެއަށް އެންމެ ގިނައިން ތަރުކާރީ އާއި މޭވާ އެތެރެކުރާ އެއް ކުންފުނި ކަމަށްވާ އުފަންވެލީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މަރުޒޫގު ވިދާޅުވީ ރިސޯޓުތައް ބަންދު ކުރުމުގެ ސަބަބުން ދަނޑުވެރިންގެ މާކެޓް ގެއްލި ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އެހެންވެ ދަނޑުވެރިކަން ސަލާމަތް ކުރުމަށްޓަކައި ދަނޑުވެރިން އުފައްދާ ބާވަތްތައް އެ ކުންފުނިން ގަންނަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ރަނގަޅު އެކަށީގެންވާ އަގެއްގައި ދަނޑުވެރިކަމުގެ ބާވަތްތައް ގަންނާނީ. ވަގުތުން ފައިސާ ވެސް ދޭ ގޮތަށް އެކަން ކުރާނީ. އަޅުގަނޑުމެންގެ އެބަހުރި ގުދަން، އެތަކެތި ގަނެ ގުދަނުގައި ބަހައްޓައިގެން އެކަށީގެންވާ އަގެއްގައި ވިއްކޭނެ،" މަރުޒޫގު ވިދާޅުވި އެވެ.
ތަރުކާރީ / މޭވާ ލިބުމުގައި ދަތިކަމެއް ނާންނާނެ
ސަރުކާރުން ވަނީ ހުކުރު ދުވަހުން ފެށިގެން ރާއްޖެއަށް މަތިންދާ ބޯޓު ފަހަރު އައުމާއި ފުރުން ހުއްޓާލަން ނިންމާފަ އެވެ. އޭގެ ސަބަބުން ވައިގެ މަގުން ގެންނަ ތަރުކާރީގެ ބާވަތްތައް ގެނައުން މަދުވެ، ބައެއް ބާވަތްތަކުގެ އަގު ބޮޑު ވުމުގެ ފުރުސަތު އޮންނާނެ އެވެ.
މަރުޒޫގު ވިދާޅުވީ ފްލައިޓްތައް އައުން ހުއްޓާލުމުގެ ސަބަބުން ތަރުކާރީ އާއި މޭވާގެ ގިނަ ބާވަތްތައް ގެނައުމުގައި ދަތިތަކާ ކުރިމަތިވެ އޭގެ ސަބަބުން ބާޒާރަށް ކުރާ އަސަރު ކުޑަ ކުރަން އެ ކުންފުނިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
"ކަނޑުގެ މަގުން ތަކެތި ގެނެސްގެން ވެސް ރައްޔިތުންނަށް ބޭނުންވާ ވަރަށް މި ބާވަތްތައް ފޯރުކޮށް ދޭނަން. ކަނޑުގެ މަގުން ގެނައިމަ އަޅުގަނޑުމެނަށް ގެއްލުން ވާނެ... ރިސޯޓުތައް ބަންދު ކުރީމަ މި ބާވަތްތަކުގެ ބޭނުން ކުރާ މިންވަރު ދައްވާނެ. އެކަމަކު ގެއްލުންވި ނަމަވެސް އަގު ހެޔޮކޮށް ފޯރު ކޮށްދޭނަން،" މަރުޒޫގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ވެސް އެދިފައިވަނީ މި ވަގުތު ރައްޔިތުންނަށް އެހީތެރިވުމަށް ކަމަށްވާތީ އެ ކުންފުނިން އެގޮތަށް މަސައްކަތް ކުރާނެ ކަމަށެވެ.
"މިހާރު ޕޯޓުގައި ހުރި ޝިޕްމަންޓް އާދީއްތަ ދުވަހު ކްލިއަވީމަ މިހާރު ހުރި ދަތިކަން ވެސް ފިލައިގެން ދާނެ،" މަރުޒޫގު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސޯދު ހީނަރުވެ، ދަނޑުވެރިކަމަށް ވެސް ގެއްލުންވާނެތީ ސަރުކާރުގެ މައި ކުންފުނި އެސްޓީއޯއިން ވެސް ދަނީ ދަނޑުވެރިންގެ އުފެއްދުންތައް ގަންނަން ފަށަން ފަށަން ތައްޔާރު ވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ