ދުސްތޫރީ ކަންކަމުގައި ހައްލު ހޯދުން އެންމެ ރަނގަޅީ ސުޕްރީމް ކޯޓުން: ޑރ. ޖަމީލް

ދުސްތޫރީ މައްސަލަތަކުގައި މީގެކުރިން ވެސް ހައްލު ހޯދައި ދީފައިވަނީ ސުޕްރީމް ކޯޓުން ކަމަށާއި އެހެންކަމުން ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅޭ ގޮތުން އުފެދުނު ދުސްތޫރީ މައްސަލައަށް ހައްލު ހޯދައި ދެވޭނީ އެ ކޯޓުން ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިމަތިވާ ހާއްސަ ހާލަތްތަކުގައި ނެސެސިޓީގެ އުސޫލަށް ބަލައި އިންތިހާބުތައް ފަސްކޮށްފައިވާކަން ރާއްޖޭގެ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކުންނާއި ގާނޫނީ ހަމަތަކުން ސާބިތުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ހެދި އެންމެ ބޮޑު ގޯހަކީ ގާނޫނީ ހުސްކަމެއް ދިމާވުމުން ސުޕްރީމް ކޯޓުން ފަރުވާއެއް ނުހޯދުން ކަމަށް ވިދާޅުވެ ޖަމީލް ވިދާޅުވީ އެންމެ މަތީ ކޯޓަކީ ދުސްތޫރީ ކޯޓު ކަމަށެވެ. އަދި ދުސްތޫރީ ކަންކަމަށް އެ ކޯޓުގެ އިހްތިސޯސް ނެތް ކަމަށް ހަދައިފިނަމަ މިފަދަ ކޮންމެ ކަމަކާ މެދު އަރައިރުން އުފެދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކައުންސިލް އިންތިހާބަށްޓަކައި ކަމަށް ބުނެ ގާނޫނުއަސާސީ އިސްލާހު ކުރުމަކީވެސް ނުރައްކާތެރި ކަމެއް. ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށް އިންތިހާބުތަކާއި ބެހޭ ގާނޫނަށް އިސްލާހު ގެނެވިދާނެ. އެންމެ ރަނގަޅު ގޮތަކީ ދުސްތޫރީ ހުސޫމަތަށް ސުޕްރީމް ކޯޓުން ހައްލު ހޯދުން،" ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައި މިވަނީ މި މަހުގެ ހަތަރުވަނަ ދުވަހު މީގެކުރިން ބޭއްވުމަށް ނިންމި ކައުންސިލް އިންތިހާބު ކޮވިޑް-19 ގެ ސަބަބުން ފަސްކޮށް އެކަމަށް ހައްލު ހޯދުމަށް މަޖިލީހުން މަސައްކަތް ކުރަމުން އަންނާތީއެވެ. މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ދުސްތޫރީ މައްސަލައެއް ހައިކޯޓަށް ހުށަހެޅިއެވެ. ނަމަވެސް ފަހުން އެ މައްސަލަ ހައިކޯޓުން ނަގާ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް ފަހުން އެ މައްސަލަ އެ ކޯޓުންވެސް ނެގިއެވެ. އޭގެފަހުން ސަރުކާރުން ހުށަހެޅީ ކައުންސިލް އިންތިހާބު 2020ގެ ނަމުގައި ހާއްސަ ބިލެކެވެ. އަދި މިހާރު އިންތިހާބުވެފައިވާ ކައުންސިލް މެންބަރުންގެ ދައުރު ކައުންސިލް އިންތިހާބެއް ބޭއްވުމާއި ހަމައަށް ދައުރު ދަންމާލަން ގާނޫނުއަސާސީ އަށް އިސްލާހު ހުށަހެޅިއެވެ. އެހެންނަމަވެސް އެކަމަށް ގިނަ މެންބަރުން އަންނަނީ ދެކޮޅު ހަދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ