ކޮވިޑް19 އާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާގައި މަައްސަލައެއް ނެތް: ޖޭއެސްސީ

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ ސުޕްރީމް ކޯޓުން މިދިޔަ މަހުގެ ތެރޭގައި ނެރުނު ސާކިއުލާގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
އޮންލައިންކޮށް ވެބް ކޮންފަރެންސް މެދުވެރިކޮށް މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖޭއެސްސީން ބުނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އެލާޓް ލެވެލްތަކާއި ގުޅިގެން ކޯޓުތަކުން އަމަލުކުރާނެ ގޮތެއްގެ އިރުޝާދު ދީ ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާ އާ ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާތީ އެކަމާއި މެދު ޖޭއެސްސީގެ މެންބަރުންގެ މެދުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.
އަދި، މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެންދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން، ކޯޓުތަކުން ޢަމަލުކުރުމަށް ދެއްވާފައިވާ އިރުޝާދުތަކަކީ، ވަގުތާ ހާލަތަށް ރިއާޔަތްކޮށްދެއްވާފައިވާ އިރުޝާދުތަކެއް ކަމަށާއި އަދި މި އިރުޝާދު ދިނުމުގެ ސަބަބުން އެއްވެސް ފަނޑިޔާރެއްގެ އަދި ޝަރުއީ ދާއިރާގެ މުސްތަގިއްލު ކަމަށް އަސަރެއް ފޯރާނެ ކަމަށް ނުފެންނަ ކަމަށް ކޮމިޝަނުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން ފާހަގަކުރެއްވި ކަމަށް ޖޭއެސްސީން ބުންޏެވެ.
މި ބައްދަލުވުމުގައި އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތްދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާޢިދު ދަށުން ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުލްޣަފޫރު މުޙައްމަދު މަޤާމުން މުސްކުޅި ކޮށްދެއްވުމަށް އެދިވަޑައިގެންފައިވާތީ، އެގޮތުގެމަތިން ވަޒީފާއިން މުސްކުޅި ކޮށްދެއްވުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ