ޕީޕީއެމްއާ ޖުމްހޫރީ ޕާޓީއާ ދެމެދު އުފެދިފައިވާ "ނުތަނަވަސްކަން" ހައްލުކުރުމަށްޓަކައި، ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީގެ ލީޑަރުން މާލޭގައި ހަމަވުމާ އެކު މަޝްވަރާތައް ކުރިޔަށް ގެންދެވޭނެކަމަށް ބެލެވޭ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިދިޔަ މާރޗް މަހު އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން، ޕީޕީއެމް، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ ކޯލިޝަނުން މަޖިލީސްގެ ރައީސްކަމަށް ބޭފުޅަކު ހަމަޖެއްސުމަށް ފަހު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްވެސް ވަނީ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވާފައެވެ. މިކަމުގެ ސަބަބުން، ޕީޕީއެމްއާއި ޖޭޕީއާ ދެމެދު ވަނީ ޚިޔާލު ތަފާތުވުންތަކަކާއި ނުތަނަވަސްކަމެއް އުފެދިފައެވެ.
ރައީސް މައުމޫން ވިދާޅުވީ، ޕީޕީއެމްއިން އަބަދުވެސް ތިބޭނީ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ތައްޔާރަށް ކަމަށެވެ.
ނަމަވެސް، މިފަހަކަށް އައިސް މަޝްވަރާތަކުގައި ބައިވެރިވާންޖެހެ ފަރާތްތަކުގެ ތެރެއިން އެކި ބޭފުޅުން އެކި ވަގުތުގައި މާލެއިން ބޭރަށް ދާންޖެހޭ ގޮތް ދިމާވުމުގެ ސަބަބުން މަޝްވަރާތައް އިތުރަށް ކުރިޔަށް ނުގެންދި ވާ ކަމަށެވެ.
ރައީސް މައުމޫން ވެސް ދާދި ފަހުން އިންޑިޔާގައި 23 ދުވަސް ހޭދަ ކުރެއްވުމަށް ފަހު މާލެ ވަޑައިގެންނެވި އިރު، ހައްޖުގެ މަތިވެރި އަޅުކަމަށް ފަހު މިދިޔަ ހުކުރު ދުވަހު މާލެ ވަޑައިގެންނެވި ރައީސް ޔާމީން މިއަދު ވަނީ ސިންގަޕޫރަށް ފުރާވަޑައިގެންފައެވެ.
"މިވަގުތު ރައީސް ވެސް ވީ ރާއްޖެިއިން ބޭރުގައި. އަޅުގަނޑަށް ހީވަނީ އަނެއްކާވެސް އާޅުގަނޑުމެން އެންމެން މާލޭގައި ހަމަވީމާ މި މަސައްކަތްވެސް އަލުން ކުރިޔަށް ދާނެހެން،" ރައީސް މައުމޫން ވިދާޅުވިއެވެ.
މައުމޫން އިތުރަށް ވިދާޅުވީ، އެމަނިކުފާނު ދާދި ފަހުން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު މާލެ ވަޑައިގެން ފަހުން، މަޝްވަރާގެ ވާހަކަތައް އަދި އެއްވެސް ބޭފުޅަކު ދައްކަވާފައި ނުވާ ކަމަށެވެ.
ލީޑަރުން މާލޭގައި ހަމަވީމާ މަޝްވަރާތައް ކުރިޔަށް ދާނެ ކަމަށް ބެލެވޭ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ