ކުދި ގައުމުތަކުގެ ތެރެއިން ބަދަލުތައް ގެންނަން އެންމެ ޖެހިލުން ނުވާ ގައުމަކީ ރާއްޖެ: އަސްލަމް ޝާކިރު

ދެމެހެއްޓެނިވި ތަރައްގީ އާއި އިގްތިސާދާ ގުޅުން ހުރި ކަންކަމުގައި ބަދަލުތައް ގެންނަން ކުދި ގައުމުތަކުން ވަރަށް ބިރު ގަންނަ ކަމަށާއި ނަމަވެސް ރާއްޖެ އަކީ އެފަދަ ބަދަލުތައް ގެނައުމުގައި އެންމެ ކުރީގައި އުޅޭ ގައުމު ކަމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްލަމް ޝާކިރު ވިދާޅުވެއްޖެ އެވެ.
މޮރިޝަސްގެ ވިކްޓޯރިއާގައި މި މަހުގެ 8- 7 އަށް އޮތް، ތަރައްގީ ވަމުން އަންނަ ކުދި ގައުމުތަކުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި އަސްލަމް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީ، ގައުމުތަކުގެ އެތެރޭގެ ސިޔާސަތުތަކުގައި ބޮޑަށް އަށަގަންނާނެ ގޮތަކަށް ރޭވުމަށް އެ ބައްދަލުވުމުގައި ރާއްޖެއިން ހުށަހަޅާފައިވާ ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގައި ތިމާވެއްޓާ ރަހްމަތްތެރި ވުމުގެ މުހިއްމުކަން ފާހަގަކޮށް ރާއްޖެއިން ވަކާލާތު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި މިފަދަ ކަންކަމާ މެދު ވާހަކަ ދައްކައި ބަދަލުތައް ގެނައުމަށް އެހެން ގައުމުތަކުން ފަސް ޖެހުނަސް، ރާއްޖެއިން އެ ހުށަހެޅުންތައް ހުށަހެޅުމުން ގައުމުތަކުން މަރުހަބާ ކިޔައި އެކަމަށް އެއްބާރުލުން ދީފައިވެ އެވެ.
"ބައްދަލުވުން ފެށުނީ މިފަދަ ކަންތައްތައް ހުށަހަޅައި ވަކާލާތުކުރާ ގޮތަކަށް ނޫން. އެކަމަކު ރާއްޖޭން ސްޓޭންޑް ނަގައި ބަދަލުތަކާ މެދު ވާހަކަ ދައްކަންފެށީ. އަޅުގަނޑުމެން މިކަންތައްތައް ހުށަހެޅީމަ ބައެއް ގައުމުތަކުން ބުނޭ އެއީ ސިޔާސީ އިމްޕްލިކޭޝަންތައް ހުރި ކަމެކޭ އެކަމާ މެދު އިތުރަށް ވިސްނަން ޖެހޭނޭ. އެކަމަކު އަޅުގަނޑުމެންގެ މަގްސަދަކީ ކުދި ގައުމުތަކަށް އެންމެ ރަނގަޅުގޮތް ހޯދައިދިނުން ކަމަށް އެމީހުންނަށް ވިސްނައިދިނުމުން އެކަމަށް އެއްބަސްވެ މަރުހަބާ ކިޔާ،" އަސްލަމް ވިދާޅުވި އެވެ. "ހަގީގަތުގައި ބަދަލުތައް ގެންނަން އެމީހުން ބިރު ގަނޭ."
އެޓްލާންޓިކް ކަނޑާއި އިންޑިއާ ކަނޑާއި މެޑްޓެރޭނިއަން އަދި ޗައިނާ ކަނޑުގެ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކުން ބައިވެރިވި އެ ބައްދަލުވުމުގައި ރާއްޖެއިން ތިން ކަމެއް ހުށަހަޅާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
މި ބައްދަލުވުމަކީ، އަންނަ އަހަރު އޮންނަ ރިވަޕްލަސް ޓުވެންޓީ ބައްދަލުވުމުގައި ކުދި ގައުމުތަކުން ގެންގުޅޭނެ ސިޔާސަތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމުގައި ފޮރިން މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ