މެމްބަރު އަހުމަދު ރަޝީދު ޕީއޭއިން ވަކިވުން އިލެކްޝަނަށް

ރައްޔިތުން މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް ޕީއޭ އިން ވަކިކޮށްނުދިން ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާ ފޯމުގެ ސައްހަކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަންސްގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޝަރީފު މިއަދު ވިދާޅުވީ އަހްމަދު ރަޝީދުގެ ނަމުގައި އޮގަސްޓް 4 ގައި ޝަކުވާ ފޯމެއް ހުށަހަޅާފައިވާ ކަމަށާއި "ނަމަވެސް އެ ފޯމަކީ މާ ކުރީގެ ފޯމެއް" ކަމަށެވެ.
"ޝަކުވާ ހުށަހެޅުމަށް ފަހުން ތައްޔާރުކޮށްފައިވާ ފޯމެއް ނޫން އެއީ. އެއީ މާ ކުރިން މި ތަނުން ބޭނުންކުރި ފޯމެއް. މިހާރުގެ ފޯމުގައި ޝަކުވާ ހުށަހަޅާ ފަރާތް ނޫން އެހެން މީހަކު ފޯމް ހުށަހަޅަން އަންނަ ނަމަ ދެ ހެކިންގެ ސޮއި ވެސް ބޭނުންވާނެ،" ޕީއޭގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޝަރީފު ވިދާޅުވި އެވެ.
އަހްމަދު ރަޝީދު ޕީއޭ އިން ވަކިވެވަޑައިގެންނެވި ކަމަށް އަޑު ފެތުރިގެން ދިޔަ ނަމަވެސް، އެކަން އެ ޕާޓީން ވަނީ ދޮގުކޮށްފަ އެވެ.
އަހްމަދު ރަޝީދު ޕީއޭ އިން ވަކިކޮށްނުދީގެން ހުށަހަޅާފައިވާ ޝަކުވާ ފޯމުގެ އިތުރުން ޕީއޭގެ ދަފުތަރުން އޭނާ ވަކިކޮށް ދިނުމަށް އެދި ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް އަހްމަދު ރަޝީދާ ނުގުޅޭތީ، ޝަކުވާ ފޯމާއި ސިޓީއާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުން މަޑުޖައްސާލާފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.
"ފޯމް ހުށަހަޅާ މީހާގެ މައުލޫމާތެއް އަޅުގަނޑުމެން ރެކޯޑެއް ނުކުރަން. އެހެންވެ ފޯމް ހުށަހެޅީ ކާކު ކަމެއް ނޭނގޭ. މިކަންކަން ސާފުކުރަން އަހްމަދު ރަޝީދަށް ގުޅޭނެ ގޮތް ނުވެގެން އަޅުގަނޑުމެން މިއުޅެނީ. ކޮމިޝަނުން މަޝްވަރާކުރަމުން މިދަނީ އެ ފޯމަކީ ސައްހަ އެއްޗެއްތޯ،" ޝަރީފު ވިދާޅުވި އެވެ.
އަހްމަދު ރަޝީދު ޕީއޭ އިން ވަކިކޮށްނުދީގެން އިލެކްޝަންސް އަށް ހުށަހަޅާފައިވާ ފޯމް ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަންގެ ތައްގަނޑު ޖަހާފައިވާ ފޯމެއް "ހަވީރަ"ށް ވެސް ލިބިފައިވެ އެވެ. ކުލަ ތައްގަނޑެއް ހުރި އެ ފޯމުގައިވާ ގޮތުން، އިލެކްޝަންސް އިން އެ ފޯމް ބަލައިގެންފައިވަނީ ޝަހުލާ އިސްމާއީލް ނަމަކަށް ކިޔާ މީހެކެވެ. ނަމަވެސް އެ ނަން ކިޔާ މުވައްޒަފަކު އެ ކޮމިޝަންގައި ނޫޅޭ ކަމަށް ޝަރީފު ވިދާޅުވި އެވެ.
"ޝަހުލާ ކިޔާ މީހަކު މިތަނަކު ނޫޅޭ. ނަމަވެސް ތި ފޯމުގައި [ހަވީރަށް ލިބިފައިވާ ފޯމުގައި] އިލެކްޝަންސް ކޮމިޝަންގެ ތައްގަނޑު ޖެހެންވީ ކީއްވެ ކަމެއް ނޭނގޭ،" ޝަރީފު ވިދާޅުވި އެވެ.
މި ކަންކަމާ ގުޅޭ ގޮތުން އަހްމަދު ރަޝީދުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ