ސިޔާދު ގާސިމް ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފި

ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ސިޔާދު ގާސިމް ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. ސަރުކާރު ބަދަލުކުރުމަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ބަންދުގައި ހުރި ސިޔާދު ގާސިމް ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައެވެ. ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ކުރީ، ވިލާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން ކުރީގެ އުއްތަމަ ފަނޑިޔާރާއި، ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލީ ބޭފުޅުންތަކެއްގެ ނަމުގައި މެލޭޝިއާއިން ގަނެފައިވާ އަގު ބޮޑު އެޕާޓްމެންޓްތަކަށް ފައިސާ ދެއްކުމުގެ ގޮތުން ވިލާ ކުންފުނީގެ ފަރާތުން 2.4 މިލިއަން ޑޮލަރު ދެއްކި ކަމުގެ ތުހުމަތުގައެވެ. ސިޔާދުއާއި ދެކޮޅަށް ދައުލަތުން ހުށަހަޅާ އެންމެ ބޮޑު ހެއްކަކީ ފަނޑިޔާރުންނަށް ފައިސާ ދިނުމަށް ހަމަޖައްސައި ސިޔާދު ސޮއި ކުރައްވާފައިވާ ސިޓީއެކެވެ. ނަމަވެސް އަދިވެސް އެ ސިޓީ ދައުލަތަށް ލިބިފައި ނުވާތީ، އޭނާގެ ވަކީލުން ވަނީ އޭނާ ބަންދުން ދޫކޮށްލުމަށް ޝަރީޢަތުގައި އެދިފައެވެ. އެހެންކަމުން ގާޒީ ވަނީ ތިން ޝަރުތަކާއެކު ސިޔާދު ދޫކޮށްލާފައެވެ. ސިޔާދުގެ މައްޗަށް ކޮށްފައިވާ ޝަރުތުތަކަކީ މާލެ ސަރަހައްދުން ދާނަމަ ކޯޓަށް އެންގުމާއި، ފޯނު ނަމްބަރު ބަދަލުވާނަމަ ކޯޓަށް އެންގުމުގެ އިތުރުން ކޯޓުން ފޮނުވާ ޗިޓުތަކާއި ހަވާލުވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ