އެމްބާޕޭގެ ވޯލްޑް ކަޕް އިނާމް ފައިސާ އެއްކޮށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީވުމަށް!

ފްރާންސްގެ ޒުވާން ފޯވަޑް، ކިލިއަން އެމްބާޕޭއަށް ވޯލްޑް ކަޕުން ލިބުނު ހުރިހާ އިނާމް ފައިސާއެއް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވާ ޖަމިއްޔާއަކަށް ހަދިޔާކޮށްފިއެވެ. ވޯލްޑް ކަޕްގައި އެންމެ ވިދާލި އެއް ކުޅުންތެރިއަކީވެސް އުމުރުން 19 އަހަރުގެ ފްރާންސް ފޯވަޑް ކިލިއަން އެމްޕާބޭއެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމުވެސް ހޯދައިފައެވެ. ވޯލްޑް ކަޕުން އެމްޕާބޭއަށް އިނާމު ފައިސާގެ ގޮތުގައި 350،000 ޑޮލަރު ލިބިފައިވާ އިރު، އޭނާ ޖެހި ގޯލްތަކަށާއި ކުޅުނު މެޗުތަކުގެ ބޯނަސް ފައިސާ އެއަށް އަދި އިތުރު ވާނެއެވެ. ފްރާންސުގެ ފެޑަރޭޝަނުން ބުނެފައި ވަނީ އެމްބާޕޭއަށް ވޯލްޑް ކަޕުން ލިބުނު ހުރިހާ ފައިސާއެއްވެސް ފްރާންސްގެ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވާ ޖަމިއްޔާއެއް ކަމަށްވާ ޕްރިމިއާސް ޑި ކޮރްދޭއަށް ހަދިޔާކޮށްފައިވާ ކަމަށެވެ. ދުނިޔޭގެ ގިނަ ފުޓުބޯޅަ ކުޅުންތެރިން އާއްމުކޮށް އެހީ ވަނީ ދުނިޔޭގެ ވަރުގަދަ ބްރޭންޑްތަކުގެ ފައުންޑޭޝަންތަކަށް ނަމަވެސް އެމްޕާބޭ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އޭނާގެ އުފަން ރަށުގެ ޖަމިއްޔާއަކަށެވެ. އަދި މީގެ ކުރިންވެސް އެމްޕާބޭ އަންނަނީ ޕްރިމިއާސް ޑި ކޮރްދޭއާއެކު ހާއްސަ ފަންޑް ރެއިޒް ކުރުމުގެ ކެމްޕޭނުތައް ކުރިއަށް ގެންދަމުންނެވެ. ވޯލްޑް ކަޕުން ލިބުނު ހުރިހާ ފައިސާއެއް އެމްބާޕޭ ހިލޭ ސާބަހަށް ހަދިޔާ ކޮށްފައިވާ އިރު، އޭނާ ވެފައި ވަނީ ފުޓުބޯޅަ ކުޅުންތެރިން ތެރޭގައި ހިމެނޭ އެންމެ ދީލަތި އެއް ކުޅުންތެރިޔާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ