ރައީސް ސަރުކޯޒީ އާއި މޫނުބުރުގާ

ލިޔުނީ: އަލްއަޚް އިބްރާހީމް ނާޒިމްފަރަންސޭސި ދައުލަތުން މޫނުބުރުގާ އަށް މަރުޙަބާ ނުކިޔާނެކަމަށް އެ ޤައުމުގެ ރައީސް ނިކޮލަސް ސަރުކޯޒީ ބުނިތާ 6 މަސް ފަހުން އެ ޤައުމުގެ ޕާލިމެންޓަރީ ޕެނަލަކުން މިވަނީ މޫނުބުރުގާ އެޅުން މަނާކުރުމަށް ގޮވާލައި ރިޕޯޓެއް ނެރެފަ އެވެ. އެ ރިޕޯޓްގައި ބުނާގޮތުން މޫނުބުރުގާ އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެނީ އެފަދަ ހެދުންތަކަކީ ‘ފަރަންސޭސިވަންތަކަމާއި’ ފުށުއަރާ އެއްޗަކަށް ވާތީ ޔޯލަ އެވެ. މީގެ އިތުރުން މޫނު ފޮރުވައިގެން ކަޅުކުލައިގެ ބޮޑު ޖިލްބާބެއްގެ ތެރޭގައި ފޮރުވިގެން، ފިރިހެނަކުވެސް ހުރެދާނެކަމުގައި ބުނެފައި ވެއެވެ. މިފަދައިން ހުންނަ ފިރިހެނަކު ގައިގައި ގޮވާތަކެތި ބަނދެގެން ޖާނުންފިދާވުމުގެ ހަމަލާއެއް ދީފާނެކަމަށް މީޑިޔާގައި އަޑުއަރުވާފައި ވެސް ވެއެވެ. މީހަކު ޙައިރާނެއް ފަހެ ނުވާނެ ހެއްޔެވެ؟ މިފަދަ ކަމެއް ފަރަންސޭސިވިލާތުގައި އަދި ހިނގީއެއް ވެސް ނޫނެވެ. ދެން މި ނެރުނު ޕާލިމެންޓަރީ ރިޕޯޓްގައި ގޮވާލާފައި ވަނީ ފަރަންސޭސި ޤާނޫނުހަދާ މަޖިލީހުން މޫނުބުރުގާ އެޅުން އެ ޤައުމުގައި މުޅިން މަނާކޮށް ޤާނޫނެއް ފާސްކުރުމަށެވެ. އަދި އެ ޤާނޫނުގައި އެ ކަމަކީ ފަރަންސޭސި ޖުމްހޫރިއްޔާގެ އަގުތަކާއި ފުށުއަރާ އަމަލެއްކަމުގައި ބަޔާންވެފައި އޮންނަންވާނެ އެވެ.މޫނުބުރުގާގެ ކަންތައް ފަރަންސޭސިވިލާތުގައި މައްސަލައަކަށް ހަދަންވެގެން ހޭބޯނާރާ ތެޅިފޮޅެމުންދާ ބަޔަކީ ރައީސް ސަރުކޯޒީ އިސްވެހުރި ސެންޓަރރައިޓް ޕާޓީގެ މެންބަރުންނެވެ. މިބައިމީހުންނަކީ ‘ފަރަންސޭސިވަންތަކަން’ ކުރިއަރުވަން މަރުދަންޖެހޭ ބައެކެވެ. އަނެއްކާ މިބައިމީހުން މިގޮވާ ‘ފަރަންސޭސިވަންތަކަމާއި’ ‘ފަރަންސޭސި އަގުތަކަކީ’ ކޮބައިބާވަ އެވެ؟ އެއްޖިންސުން ޖިންސީގުޅުންހިންގުމާއި، ކައިވެނި ހޮޔޮނުވާރަށް އާއިލީގޮތުން ގާތްތިމާގެ މީހުންނާއި ޖިންސީގުޅުންހިންގުން މިއީ ‘ފަރަންސޭސިވަންތަކަން’ ހެއްޔެވެ؟ އެހެނީ މިހާރު ފަރަންސޭސި ޤާނޫނުގައި މިފަދަކަންތައްތައް އެއީ ކުށެއްކަމުގައި ނުބެލެވެ އެވެ. ރުހުމުގައިނަމަ މައިންބަފައިންނާއި ދަރީން ނުވަތަ އެއްބަނޑު އެއްބަފާ ދެބެއިން ޒިނޭކުރުމަކީ އެ ޤައުމުގައި މިއަދު ހުއްދަކަމެކެވެ.ޕާލިމެންޓަރީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވާގޮތުން މުޅި ހަށިގަނޑު ނިވާވާގޮތަށް އަޅާ މޫނުބުރުގާ އަކީ ފަރަންސޭސި ޖުމްހޫރިއްޔާ އަށް ކުރިމަތިކުރާ ގޮންޖެހުމެކެވެ. އެހެންކަމުން އެފަދައިން އަމަލުކުރާ އެންމެންގެ ކިބައިން ފަރަންސޭސި ރައްޔިތެއްކަމުގެ ޙައްޤު ނިގުޅައިގަނެވިދާނެ އެވެ. އެ ޤައުމުގެ ރައްޔިތެއް ނޫންނަމަ ވެސް ރެޒިޑެންޓް ކާޑް ލިބުމުން މަހުރޫމްކުރެވޭނެ އެވެ. އަދި މިފަދަ ގޮތަކަށް ހެދުންއެޅުމަކީ ‘ދީނީގޮތުން ހައްދުފަހާއަޅާފައިވާ’ އަމަލެއް ކަމަށެވެ. މިހެންކަމުން މިއީ އެއްގޮތަކަށްވެސް ބަލައިގަނެވިގެންވާނެ ކަމެއް ނޫނެވެ. އަދިވެސް މިފަދަ ‘ގޮތްބޮޑުކުރުމުގެ’ އަމަލުތައް ކުއްވެރިކުރަން ޖެހޭނެކަމަށް ބުނެފައި ވެއެވެ. އެ ރިޕޯޓްގައި ބުނާގޮތުން އެމީހުން ދެކޭގޮތުގައި މޫނުބުރުގާ އެޅުމަކީ ފްރާންސްގެ ޤާނޫނީ ހަމަތަކުން ބަލާއިރު މަނާކަމެއް ކަމުގައި ‘ބެލެވެ’ އެވެ. އެހެންނަމަވެސް މޫނުބުރުގާ އެޅުން އެ ޤައުމުގައި އެއީ މަނާކަމެއްކަމުގައި ބުނެ އެކަން ނުކުރުމަށް އެންގުމުގެ ބާރު އަދި އެބައިމީހުންނަށް ޤާނޫނީގޮތުން ލިބިދީފައެއް ނުވެ އެވެ. މިހެންކަމުން މި މައްސަލާގައި އެތަކެއް ހާސަރުތަކެއް ދެމިއިރު ވެސް އެއީ ޤާނޫނީ ގޮތުން ސީދާ މަނާކަމެކޭ ނުބުނެ އެވެ. ދެން ބުނީ މޫނުބުރުގާ އަޅައިގެން ސްކޫލްތަކަށާއި ހޮސްޕިޓަލްތަކަށް ދިޔުމަކީ މަނާކަމެއްކަމުގައި ހަމަޖައްސަންޖެހޭނެ ކަމަށެވެ. މީގެ އިތުރުން އާންމު ރައްޔިތުން ދަތުރުފަތުރުކޮށްއުޅޭ ފުރާދުއްވާ އުޅަނދުފަހަރުގައި މޫނުބުރުގާ އަޅައިގެން ތިބުން ވެސް މަނާކުރަންޖެހޭނެ ކަމަށެވެ.ފަރަންސޭސިވިލާތުގައި މިވަގުތު އޮތް އިދިކޮޅު ސޯޝަލިސްޓް ފާޓީ އިން ވެސް އަންހެނުން މޫނުބުރުގާއެޅުން ކުއްވެރިކުރާކަމަށް ބުނެ އެވެ. އެކަމަކު މި ނެރުނު ރިޕޯޓް ބަލައިނުގަންނާނެކަމަށް އެ ޕާޓީ އިން އަންގާފައި ވެއެވެ. މިކަމުގެ ސަބަބެއް ކަމުގައި ބުނަނީ މި ރިޕޯޓްގެ ނަތީޖާއަކަށް ވާނީ ބުނާ އެއްޗެއްގެ ދެކޮޅު ދިމާނުވާ އަދި އެއްގޮތެއްގެ މަތީގައި ދެމިނޯންނާނެ ޤާނޫނެއް ވިސްނާނުލައި އަވަސްއަރައިގަނެގެން ފާސްކުރުން ކަމުގަ އެވެ. މީގެ އިތުރުން މި ރިޕޯޓްގައި ކުރުމަށް ގޮވާލާ ކަންތައްތަކުގެ ސަބަބުން ފަރަންސޭސިވިލާތުގެ 6 މިލިޔަން މުސްލިމުންނާމެދު ބޭއިންސާފުން ކަންތައްތައްކުރަން ފެށުމާއި، ދަތިކުރުމާއި، އެމީހުންނަކީ މުޖްތަމައަށް ބޭނުންނެތް ބައެއްކަމުގެ ވިސްނުމެއް އުފެދިދާނެތީ އެވެ.މިވަގުތު ފަރަންސޭސިވިލާތުގައި ނިޤާބް (މޫނު ނިވާކުރަން އަޅާ ފޮތިކޮޅު) އަޅާ މުސްލިމް އަންހެނުންގެ އަދަދު ގާތްގަނޑަކަށް 2000 އަށް އަރަ އެވެ. ނަމަވެސް މިއީ 65 މިލިޔަން މީހުން އުޅޭ އެ ޤައުމުގައި ނިސްބަތުން ވަރަށް މަދު އަދަދެކެވެ. ނަމަވެސް ރައީސް ސަރުކޯޒީ މޫނު ބުރުގާތައް ދެކެ ‘ގަންނަނީ އަމަށަކު ބިރެއްވާ’ ނޫނެވެ. އެއް ދުވަސްވަރެއްގައި އޭނާގެ ވާހަކަތައް ހުރިގޮތުން އޭނާ އަށް މޫނުބުރުގާ އަޅައިގެން އުޅޭ އަންހެން ކުދީން ބުރުގާ ބާލާތަން ހުވަފެނުގައި ފެންނަނީތޯ އަހާ ހިސާބަށް ކަންތައްތައް ދިޔަ އެވެ. އޭނާ އަކީ މުޅި ޔޫރަޕްގައި ވެސް ހުރި އެންމެ އަންހެނުންނާ ‘ދޯޅު’ ރައީސް އެވެ. ރަސްމީ ދަތުރެއްގައި ވިޔަސް ދާހާތަނަކަށް އޭނާ ކައިރީ ރޭކުރަން ކަސްބީންތައް ގެންދެ އެވެ. މިކަން ވަނީ ދުނިޔޭގެ ނިއުސް ޗެނަލްތަކުން ވެސް ފާހަގަކޮށްފަ އެވެ. ސަރުކޯޒީ ފަދައިން އޭނާގެ އަނގަޔާއި ދުލުން މުސްލިމުންނަށް ގޯނާކޮށް އުޅުނު މީހެއްކަމުގައި އިޓަލީގެ ބޮޑުވަޒީރު ބެރުލުސްކޯނީ ވިއެވެ. މިހެންކަމުން އެކަމުގެ އާޚިރު ނަތީޖާ ނިކަން ދެކެބަލާށެވެ. އެނާގެ އެތަކެއް ހަށިފާރަވެރިންނާއި އެކުވެރީންގެ މެދުގައި ހުއްޓާ މީހަކު ފުޅިޔަކުން ޖަހާ އަނގަމަތި ފަޅާލައި ދަތްތައް ދުއްވާލީ އެވެ. އެއަށްފަހު ތިން ދުވަސް ވަންދެން އޮންނަންޖެހުނީ ހޮސްޕިޓަލުގަ އެވެ. ހައިރާންވާން ޖެހޭ ކަމަކީ އެކަންކުރީ މުސްލިމެއް ނޫންކަމުގައި ވާތީ އެވެ.ފަރަންސޭސިވިލާތުގެ ލިޔުންތެރިއެއް ކަމުގައިވާ މަރުވާން މުޙަންމަދު ބުނާގޮތުގައި މި ރިޕޯޓް ނެރުމުގެ އަސްލު މަޤްޞަދަކީ ފަރަންސޭސި މުސްލިމް މުޖުތަމައަށް އިންޒާރުގެ މެސެޖެއް ދިނުމެވެ. މިކަމުން އެންމެ އާދައިގެ މުސްލިމް އަންހެނާ އަށް ވެސް މާނަ ފުން މެސެޖެއް އެބަދެ އެވެ. މި ބުނާ އެއްޗެއްގެ މާނަ އަކީ “ކަލޭމެން ދީނުގަ އޮންނަ ގޮތަށް އަމަލުކުރުމުގެ ބޭނުމުގައި ނަމަވެސް މި މަގުން ހިނގުން އިޚްތިޔާރުކޮށްފިނަމަ އަހުރެމެން ކަލޭމެންނާމެދު ކަންތައްކުރާނެ ގޮތް ބަލަންތިބޭށޭ..!” މިހެންނެވެ. އަދިވެސް މަރުވާން މުޙަންމަދު ބުނާގޮތުގައި ފަރަންސޭސި ރައްޔިތުންގެ ތެރެއިން ގިނަ މީހުން، މީގެ ތެރޭގައި މުސްލިމުން ވެސް ހިމެނޭގޮތުން، ފަރުދީ މިނިވަންކަމަށް ތާއީދުކުރެ އެވެ. މިހެންކަމުން އެމީހެއްގެ ދީނުގަ އޮންނަގޮތަށް އެމީހަކު އަމަލުކުރުމުގެ މިނިވަންކަން ލިބިދޭންޖެހޭނެކަމަށް ބުނެ އެވެ. ވީމާ އެމީހަކު ‘ބޭނުންގޮތަކަށް’ އެމީހަކަށް ހެދުންއެޅެން ވާނެ އެވެ. ނިވާކަން ކުޑަ ހެދުންއަޅާ މީހުންނަށް އެކަންކުރުމުގެ މިނިވަންކަން އޮންނަ ފަދައިން މޫނުބުރުގާ އަޅަން ބޭނުން މީހުންނަށް ވެސް އެކަންކުރުމުގެ ހުއްދަ އޮންނަންޖެހޭނެ އެވެ. މި ކަމާއި ގުޅޭގޮތުން އަލްޖަޒީރާ ޗެނަލްގައި ވާހަކަދެއްކި މަލެއިހާ މާލިކް ބުނީ އަންހެނަކު މޫނުބުރުގާ އަޅަނީ ވަކި މީހަކު ނުވަތަ ގްރޫޕަކުން މަޖުބޫރުކޮށްގެން ކަމުގައި ވާނަމަ އެ މައްސަލައެއް ފަރަންސޭސިވިލާތުގެ ކަމާބެހޭފަރާތުން ބަލާނީ އެވެ. މިހެން ނޫންކަމުގައި ވާނަމަ އެކަމާ ބެހިގެން ނުވާނެ އެވެ. ވަކި ބަޔަކު ހިންގާ ޔުނިވަރސިޓީއެއް، އޮފީހެއް ނުވަތަ ކުންފުންޏެއްގައި މޫނުބުރުގާއެޅުން މަނާކުރުން ނުވަތަ ނުކުރުން އެއީ އެބަޔަކަށް ލިބިދޭ އިޚްތިޔާރެއްގެ ގޮތުގައި ބޭއްވިޔަސް، ޤައުމުގެ އާންމު އަދި އިންސާނީ ޚިދުމަށްދޭ ތަންތަނުން އެފަދަ އަންހެނުން އެއްކިބާކުރެވިގެން ނުވާނެ ކަމަށެވެ. ޚާއްޞަކޮށް ދަތުރުފަތުރުކުރުމަކީ ކޮންމެ ގޮތަކަށް ހެދުންއެޅިއަސް އެ ހެދުން އާންމު ތަންތަނުގައި ބޭނުންކުރުމުގެ އަސާސީ މިންގަނޑަށް ފެތޭހާ ހިނދަކު އެއްވެސް މީހަކު އެކަމުން މަހުރޫމްކުރެވިގެންވާނެ ކަމެއް ނޫނެވެ.މިކުރަންއުޅޭ ކަމެއްގެ އެންމެ ފަހުގެ ނަތީޖާއަކަށް ވާނީ ފަރަންސޭސި ރައްޔިތުންގެ ތެރެއިން އެތައް ބައެއްގެ މިނިވަންކަން ގެއްލިގެން ދިޔުމެވެ. ނަމަވެސް ރައީސް ސަރުކޯޒީގެ ސަރުކާރުގައި ތިބި މީހުންނަށް މިއީ އަކީ ފަރުވާލެއްހުރި ކަމެއް ނޫނެވެ. އެމީހުންގެ ބަހަކީ މޫނުބުރުގާ އަކީ ‘ހައްދުފަހަނާއެޅުމަށް’ ހުޅުވާލަދެވޭ ދޮރެއް ކަމުގަ އެވެ. އަދި މިއީ އަންހެނުންނާއި ފިރިހެނުންގެ ‘ހަމަހަމަކަމަށް’ ކުރެވޭ ފުރައްސާރައެކޯލަ އެވެ. މިހުރިހާ ކަމެއްގެ އިތުރުން މިއީ ފަރަންސޭސިވިލާތުގެ އަލްމާނީ ބިންގަލަށް އަރުވާލާ ލޮޅުމެކޯލަ އެވެ.2004ވަނަ އަހަރު ފަރަންސޭސިވިލާތުގެ ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކުގައި ވަނީ ޤާނޫނަކުން ހެޑްސްކާފް (ހަމައެކަނި އިސްތަށިގަނޑު ނިވާކޮށްލެވޭވަރުގެ ކުޑަބުރުގާ) އެޅުން މަނާކޮށްފަ އެވެ. ނަމަވެސް އޭރުވެސް އަދި މިހާރުވެސް ރޯމަން ކެތަލިކް ނަނުންނަށް މުޅި ޤައުމުގައި ބޮލާއި ހަށިގަނޑު ނިވާކޮށްގެން އުޅެވެ އެވެ. އެ މީހުންގެ ވެސް ފާޅުވާން ހުންނަނީ ހަމައެކަނި މޫނާއި ދެ އަތްތިލަ އެވެ. އެ އަންހެނުން އެ ކުރާކަމަކުން ޤައުމުގެ އަލްމާނީ ބިންގަލަކަށް ލޮޅުމެއް ނުވަތަ ގުޑުމެއް ނާރަ އެވެ. އަދި އެކަމަކީ ނަޞްރާނީ ދީނުގައި ހައްދުފަހަނާއެޅުން ކަމުގައި ވެސް ނުވެ އެވެ. މިހެން މިކަން އޮއްވައި މި ރިޕޯޓް ނެރުނު ޕާލިމެންޓަރީ ކޮމިޝަންގެ ވެރިޔަކަށްހުރި އެންޑްރޭ ގެރިން މުސްލިމް އަންހެނުން ރުޅިއެރުވުމުގެ ގޮތުން ކަނޑައެޅިގެން ބުހުތާން ދޮގު ތުހުމަތުތަކެއް އަޅުވައިފި އެވެ. މީނާ އަކީ އެއްވެސް ދީނެއް ޤަބޫލުނުކުރާ ކޮމިޔުނިސްޓެކެވެ. މިފަދަ މީހެއްގެ އުޅުން ދެން ހުންނާނެ ވިޔާނުދާ ގޮތް ކޮންމެ މީހަކަށް ވެސް ވަޒަންކޮށްލެވޭނެ އެވެ. މިކަލޭގެ ބުނެފައި ވަނީ މޫނުބުރުގާ އެޅުމަކީ އެކަމާ ގުޅުންހުރި ތަފާތު ‘ނުބައި ކަންތައްތަކުގެ’ ފެށުން ކަމުގަ އެވެ. މި އެއްކޮށް ފަރުދާވެވޭ ބުރުގާގެ ފުރަގަހުގައި ފޮރުވިފައިވާ އެތަކެއް ‘ހުތުރު ކަންތައްތަކުގެ’ އަޑުތައް އަބަދުހެން އިވޭ ކަމުގަ އެވެ.އަލްމާނީ ޑިމޮކްރަސީއަކަށް އިނގިރޭސި މުސްލިމުން ގެންދަން މަސައްކަތްކުރާ ޖަމިއްޔާއެއްގެ ވައިސް ޗެއަރމަން ކަމުގައިވާ ޝާޒް މަހްބޫބް އަކީ ހަމަ ތަނެއްގައިހުރި މަރުމޯލެކެވެ. މީނާ ބުނާގޮތުން ޙައްޖުގެ އަޅުކަމުގައި އަންހެނާ އުޅޭއިރު މޫނު ނިވާކުރުން މަނާވެފައި އޮންނަ އޮތުމަކުން އެނޫން ހާލަތްތަކުގައި އެއީ ހުއްދަ ކަމެއް ކަމުގައި މާނައެއް ނުކުރެވޭނެ އެވެ. މީނާ އަލްޖަޒީރާ އަށް ދިން ބަޔާނެއްގައި ބުނެފައި ވަނީ އަންހެނާ އެއްވެސް ހަމަޔަކުން މޫނު ނިވާކުރުމަކީ އިސްލާމް ދީނާ ގުޅުމެއްހުރި ކަމެއް ނޫންކަމަށެވެ. އޭނާ ބުނާގޮތުން މޫނުބުރުގާ އަކީ ޤައުމީ ސަލާމަތާއި ގުޅުންހުރި މައްސަލައެކެވެ. ވާހަކަދެއްކުން ނޫނީ މުޢާމަލާތުކުރުމަށް ވެސް އެތައްގޮތަކުން ހުރަހަކަށްވާ ބޮޑު މައްސަލައެކެވެ. މުޖުތަމަޢު އާއި އަންހެނާ ލާމެހުމަށް ވެސް އެޅޭ ބޮޑު ހުރަހެކެވެ. އެފަދަ އަންހެނުންނާއެކު މުޢާމަލާތުކުރަން ނުވަތަ ދިރިއުޅެންޖެހިފައިވާ އެހެން މީހުންނަށް އުފުލަންޖެހޭ ތަކުލީފެކެވެ.ލަންޑަންގެ ކިންގްސް ކޮލެޖްގެ ލެކްޗަރަރއެއް ކަމުގައިވާ މަލެއިހާ މާލިކް ވަނީ މޫނުބުރުގާ އަޅާ ފަރަންސޭސި މުސްލިމް އަންހެނުންގެ ދިފާއުގައި ވާހަކަދައްކާފަ އެވެ. އޭނާ އަލްޖަޒީރާ ޗެނަލް އަށް ދިން ބަޔާނެއްގައި ބުނެފައި ވަނީ މިތަނުގައި މައްސަލައަކަށް ވެގެން މި އުޅެނީ ދީނީ މިނިވަންކަން އޮންނާނެތޯ ނުވަތަ ނޫންތޯ އެވެ. ފަރަންސޭސި ދައުލަތުންކަމަށް ވިޔަސް މޫނުބުރުގާ އަޅާ އަންހެނުންނަށް މަޖުބޫރުކޮށްގެން ނުވަތަ ބާރުގެ ބޭނުންކޮށްގެން އެބައިމީހުންގެ ނިޤާބް ނަގައި، ބޮޑަތި ޖަރީމާތަކާއި ބެހޭ ޤާނޫނެއް ތަންފީޒުކުރާ ފަދައިން އާންމު ތަންތަނުގައި މޫނު ހާމަކޮށްގެން އުޅުމަކަށް ޤާނޫނީ އަމުރެއް ނުނެރެވޭނެ އެވެ. މޫނުބުރުގާ އަޅާ އަންހެނުންނަކީ ވެސް ފަރަންސޭސި ރައްޔިތުންނެވެ. މޫނު ނިވާކޮށްގެން ތިބޭ އަންހެނުންނާ މުޢާމަލާތުކުރަން ދަތިވާކަމަށް ބުނާ މީހުންނަށް ތަންދޭންޖެހޭ ފަދައިން މޫނުބުރުގާ އަޅާ އަންހެނުންނަށް ވެސް އާންމު ތަންތަނުން ޖާގަ ލިބެންޖެހޭނެ އެވެ.މަތީގައި ބަޔާންވެދިޔަ ފަދަ އެތައް ކަމަކުން ޔޫރަޕްގެ ސަރުކާރުތައް މިދަނީ ‘އޮރިޔާންވަމުންނެވެ.’ މިހެން ބުނަން މި ޖެހުނީ، އިސްލާމް ދީނަށް އުޅޭ މުސްލިމުންނާ ޖެހުނީމައި އެ ބުނާ ޑިމޮކްރަސީގެ ރީތި ހަމަތަކާއި، އަޣުލަބިއްޔަތު ނެތް، ބައިމަދު ރައްޔިތުންގެ ޙައްޤުތަކާއި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމަކީ ޔޫރަޕް މީހުން ދަންނަ ކަމެއް ނޫންކަން މިހިރަދަނީ ހާމަވަމުންނެވެ. މިހާ ހިސާބުން އަދި ރައީސް ސަރުކޯޒީ އަށް ‘ދެބަދޭތެރޭގައި ވަނިކޮށް’ މޫނުބުރުގާ އެޅި އަންހެން ކުދީންގެ ހިޔަނި އެދަށް އެޅޭތަން ފެނުން ހުއްޓުނީއެއް ނޫނެވެ. ޔޫރަޕްގެ ގޮނޑުދޮށްތަކުގައި ބިކިނީލައިގެން އުޅޭ ޒުވާން އަންހެނުންގެ ވާހަކަ ސަރުކޯޒީ ނުދައްކައި މޫނުބުރުގާގެ ވާހަކަދައްކާކަމުން ދޭހަވަނީ އަދި އިތުރު ހައިޖާނުތައް އޮތީ ކުރިޔަށްކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ