މައުމޫން ވެސް ކެންޑިޑޭޓެއް އެންޑޯޒް ކުރައްވަފާނެ ކަމުގެ އިޝާރާތެއް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް އަންނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް އެންޑޯޒް ކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެއް ކެންޑިޑޭޓެއްގެ މަޝްވަރާ ބައްދަލުވުންތަކުގައި އިސްކޮށް އުޅުއްވާ، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެއް ކެންޑިޑޭޓެއް ނެރުމުގެ ހިޔާލު ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރެއްވުމާއެކު އެ ހިޔާލަށް ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ވަނީ ތާއިދުކޮށްފަ އެވެ. އަދި މިފަހުން މާމިގިނލީގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވެސް ވަނީ އެއް ކެންޑިޑޭޓުގެ މަޝްވަރާ ކާމިޔާބު ވާނެ ކަމަށް ވިދާޅުވެފަ އެވެ. އެއް ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް މިހާރު ކުރަމުންދާއިރު އެ މަޝްވަރާތަކުގައި ރައީސް މައުމޫންގެ މަންދޫބުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ ރިޔާޒު ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން މިރޭ ވިދާޅުވީ، "ރައީސް މައުމޫންގެ ވެސް ހުރެދާނެ ދެއްތޯ ވިސްނުންފުޅެއް އެމަނިކުފާނުގެ ފަރާތްޕުޅުން 2018 އަށް އެންޑޯޒް ކުރައްވާނެ ބޭފުޅެއް ހުރެދާނެ، އެކަށީގެންވޭ ހަމަ،" ކަމަށެވެ.
އެއް ކެންޑިޑޭޓުންގެ މަޝްވަރާތައް ކުރިއަށް ދަނިކޮށް ރިޔާޒު މިހެން ވިދާޅުވުމަކީ، ރައީސް މައުމޫން ކެންޑިޑޭޓެއް އެންޑޯޒް ކުރައްވަނީ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ނަމަވެސް މިހާތަނަށް ކެންޑިޑޭޓާ ގުޅޭ ގޮތުން ރައީސް މައުމޫން ވެސް އަދި އެމަނިކުފާނުގެ ފެކްޝަންގެ ބޭފުޅުން ވެސް ވާހަކައެއް ނުދައްކަވަ އެވެ.
ރިޔާޒު ވިދާޅުވީ، އޭނާ ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ އަމާޒަކީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ކެންޑިޑޭޓުކަން ހޯދައިދިނުން ކަމަށެވެ. ހަމަ އެހެން އެމްޑީޕީގެ ގިނަ ބަޔަކު ބޭނުން ވަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކެންޑިޑޭޓަށް ހެދުމަށް ކަމަށެވެ. އެ ޕާޓީން މަޝްވަރާ ކޮމެޓީގައި ވަކާލާތު ކުރައްވަނީ ވެސް އެކަމަށް ރިޔާޒު ވިދާޅުވި އެވެ. ރިޔާޒު ވިދާޅުވި ގޮތުގައި އެއީ މައްސަލައެއް ނޫނެވެ.
"ކޮންމެ ޕާޓީއަކުން ވެސް ހުންނާނެ އެންބިޝަނެއް، އެ ޕާޓީއެއް ވެރިކަން ކުރުމުގެ، އެ ޕާޓީގެ ކެންޑިޑޭޓަށް އެ ފުރުސަތު ލިބުން، އެއީ އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ކަމެއް، އެކަމަކު ކަންކަން ނިންމާނެ ޕްރޮސެސްއެއް އޮންނާނެ، އެއަށް އަޅުގަނޑުމެން އިހްތިރާމް ކުރާނަން، އެއީ އެއްބަސްވެވޭނެ ކަމެއް ކަމަށް އަޅުގަނޑަށް ޔަގީންކަން އެބަ އޮތް އެ ބޭފުޅުންގެ ވާހަކަތަކާއި ވިސްނުންތަކުން،" ރިޔާޒު ވިދާޅުވި އެވެ.
ކެންޑިޑޭޓަކާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކަށް އެއްބަސްނުވެވޭނެ ކަމަށް ސަރުކާރުގެ ބޭފުޅުން ވިދާޅުވަމުންދާތީ ރިޔާޒު ވިދާޅުވީ، "އެއްބަސްވެވޭނެ، އެއަކާ އަޅުގަނޑުގެ ޝައްކެއް ނެތް" ކަމަށެވެ.
"އަޅުގަނޑުމެންގެ ހަތަރު ލީޑަރުން އެއްބަސްވުމަކަށް އަންނާނެ، އެ އެއްޗެހި ފެންނާނެ، އެ އެއްޗެހި ލިޔުމަށް އަންނާނެ، އެ އެއްޗެހި ސޮއިތައް ނެރޭނެ، ނެރެގެން އަޅުގަނޑުމެން ދައްކާނަން،" ރިޔާޒު ވިދާޅުވި އެވެ.
ކެންޑިޑޭޓެއް ނެރުމުގެ އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ރިޔާޒު އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިހާބު އިދިކޮޅުން ކާމިޔާބު ކުރާނީ ރައީސް އަބްދުﷲ ޔާމީން ބޮޑު ތަނުން ބަލިކޮށް 80 ޕަސެންޓް ވޯޓާއެކު ކަމަށެވެ. ރައީސް ޔާމީންގެ ފަޅި ކުރިއަށް އޮތްތާ ވެސް ދަނީ ބަލިކަށިވަމުން ކަމަށާއި މިހާރު ވެސް ސަރުކާރުގެ ތެރޭގައި ބައިބައިވުން އެބަ އޮތް ކަމަށް ރިޔާޒު ވިދާޅުވި އެވެ. އިންތިހާބު އަންނައިރު މިހާރު އެމަނިކުފާނާއެކު ތިއްބެވި ހުރިހާ ބޭފުޅުން ނުތިއްބަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރިޔާޒު ފާހަގަކުރެއްވި ގޮތުގައި އިދިކޮޅުން އިންތިހާބު ކާމިޔާބު ކުރާނީ ހުރިހާ ޕާޓީތަކުން ނެރޭ ގުޅިފައިވާ މެނިފެސްޓޯއަކާއެކު އެވެ. އެ މެނިފެސްޓޯއަށް ޖުމްހޫރީ ޕާޓީން ބޭނުންވާ ކަންކަން ހިމެނުމަށް މަސައްކަތް އަވަހަށް ފަށާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ