ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުނު ކަމުގެ ކުށް ސާބިތުވާކަމަށް ނިންމާ ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފިއެވެ.
ނާޒިމްގެ އިސްތިއުނާފު މައްސަލައިގެ ގޮތެއް ނިންމުމަށް ބޭއްވި ޝަރިއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމް ވިދާޅުވީ ނާޒިމް ދިރިއުޅުއްވި ގ. އެނިފުން ފެނުނު ހަތިޔާރާއި ގޮވާތަކެއްޗަކީ ނާޒިމްގެ އެއްޗެއް ނޫންކަން ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.
އަދި އެފަދަ ހަތިޔާރެއް އެމީހެއްގެ ހިޔާޒަތުގައި ވާތަނަކުން ފެނިއްޖެ ނަމަ އެއީ އެމީހެއްގެ އެއްޗެއް ނޫން ކަމަށް ސާބިތުކޮށްދޭން ޖެހޭނެ ކަމަށާއި ނަމަވެސް ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ހަތިޔާރާއި އެހެން މީހަކާއި ގުޅުވޭނެ ފަދަ އެއްވެސް ހަރުދަނާ ހެއްކެއް އަދި ގަރީނާއެއްވެސް ނާޒިމަށް ދެއްކިފައިނުވާ ކަމަށެވެ.
އަދި ނާޒިމްގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ފެނުނު ހަތިޔާރުގައި ނާޒިމާ ގުޅުވޭނެ ފަދަ ފޮރެންސިކް ހެއްކެއް ނެތުމަކީ އެއީ ނާޒިމްގެ އެއްޗެއް ނޫން ކަން ސާބިތުކުރެވޭ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ފަނޑިޔާރުން ފާހަގަ ކުރެއްވި ނުކުތާތަކުގެ ތެރޭގައި ދައުލަތުގެ ހެކިން ދީފައިވާ ބަޔާންތައް ހެކިންނަށް ދެއްކުމަކީ ހެކިންނަށް ނުފޫޒު ފޯރުވުން ނޫން ކަމަށާއި، ދަށުކޯޓުގައި ހެކިބަސްދިން ހެކިންގެ ހެކިބަހުގެ ފުށުއެރުންތަކެއް ނެތް ކަމަށެވެ.
އަދި އަދި ދައުވާއިން ދިފާއުވުމަށް ނާޒިމަށް ފުރިހަމަޔަށް ފުރުސަތުދިން ކަމަށާއި، ނާޒިމްގެ ފަރާތުން ހުށަހެޅި ބައެއް ހެކިން ހާޒިރުކޮށްފައިނުވަނީ މައްސަލައާއި ގުޅުން ހުރި ކަމަށް ނުފެންނާތީ ކަމަށެވެ.
މީގެ އިތުރުންވެސް ނާޒިމަށް ހުކުމް އިއްވިއިރު އައުގާނޫނުލް އުގޫބާތައް އަމަލުކުރަން ނުފަށާކަމަށާއި، އެހެން ކަމުން އައުގާނޫނުލް އުގޫބާތުގެ ދަށުން މި މައްސަލާގައި އިއްވާފައިވާ ހުކުމަށް އިސްތިއުނާފީ ކޯޓުން ބަދަލެއް ނުގެނެވޭނެ ކަންވެސް ފަނޑިޔާރުން ވަނީ ފާހަގަކުރައްވާފައެވެ.
އަދި ނާޒިމްގެ ފަރާތުން މި މައްސަލައިގައި ނެގި ހަތަރު ދިފާއު ކަމުގައިވާ ނާޒިމް ފްރޭމް ކުރުމާއި، ނާޒިމްގެ ހިޔާޒަތުގައި ހުރި އެއްޗެއް ނޫން ކަމާއި، ނާޒިމް ދިރިއުޅުއްވާ ކޮޓަރިއަކީ ތަޅުލާފައި ހުންނަ ތަނެއް ނޫން ކަމާއި، ނާޒިމާއި އެހަތިޔާރާއި އެއްވެސް ގުޅުމެއް ނުވާކަމަށް ބުނެ ނަގާފައިވާ ދިފާއު ނާޒިމް އަށް ސާބިތުކޮށްދެވިފައިނުވާކަން ފަނޑިޔާރުން ވަނީ ފާހަގަ ކޮށްފައެވެ.
އަދި ނާޒިމް އަކީ އެފަދަ ހަތިޔާރު ބޭނުން ކުރުމުގެ ގާބިލްކަން ލިބިފައިވާ މީހެއްކަމަށް ދައުލަތުން ބުނެފައިވާ ކަމަށާއި، ފުލުހުން ނާޒިމް ދިރިއުޅުއްވިގެ ބަލާ ފާސްކުރުމުގައި ގާނޫނާއި ޙިލާފަށް އެއްވެސް ކަމެއް ކޮށްފައިވާކަމެއް އެގެން ނެތްކަންވެސް ފަނޑިޔާރުންވަނީ ފާހަގަ ކުރައްވާފައެވެ.
ދަށުކޯޓާއި ހައިކޯޓުގައި ހެކިބަސް ދިން މީހުންގެ ހެކިބަހުގައި ފުށުއެރުންތަކެއް ނެތް ކަމަށް ހައިކޯޓުން ނިންމި ނަމަވެސް ކާނަލް ނާޒިމްގެ ވަކީލުން ވަނީ ދެމަރުހަލާގައި ވެސް ހެކިވެރިންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ފާހަގަކޮށްފައެވެ.
މީގެ އިތުރުން ވެސް ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ހަތިޔާރަކީ ނާޒިމް ފްރޭމްކޮށް ލަނޑެއްދޭން ބަޔަކު ރާވައިގެން ހިންގާފައިވާ ކަމެއްގެ ގޮތުގައި ނާޒިމް ބުނި ނަމަވެސް، ފަނޑިޔާރު ވިދާޅުވީ އެޕާޓްމެންޓަށް ވަން ފުލުހުންގެ ތެރެއިން ފުލުހަކު ނާޒިމްގެ އެޕާޓްމެންޓުގައި އެ ދަބަސް ބޭއްވި ކަމެއް އެގެން ނެތް ކަމަށާއި، ނާޒިމްގެ ސެކިއުރިޓީންގެ ގޮތުގައި މަސައްކަތް ކުރި ސިފައިންގެ މީހަކުވެސް އެދަބަސް އެތަނުގައި ބޭއްވި ކަމެއް އެގެން ނެތް ކަމަށެވެ.
އެހެން ކަމުން އެކަންކަމަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ނާޒިމްގެ މައްޗަށް ކުރި ހުކުމަށް ބަދަލު ގެންނާނެ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.
މި މައްސަލަ ސުޕުރީމް ކޯޓުގައި އިލްތިމާސް ކުރާނެ ކަމަށް ނާޒިމްގެ އާއިލާއިން ވަނީ ބުނެފައެވެ.
ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ