އަނިޔާވެރިކަމާ ދެކޮޅަށް ނިކުތް މީހުންގެ ކިބައިން ފެނުނީ އަނިޔާވެރިކަން: މައުމޫން
"އަނިޔާވެރިކަމާ ދެކޮޅަށް" ކަމަށްބުނެ މިދިޔަ ހުކުރު ދުވަހު މުޒާހަރާއަށް ނުކުތް މީހުންގެ ކިބައިން ފެނިގެން ދިޔައީ އަނިޔާވެރިކަން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ދިއްގަރު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ފާރިޝް މައުމޫންގެ ކެންޕޭނަށް މ. އަތޮޅަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތުދެއްވަމުން މައުމޫން ވިދާޅުވީ، ގާނޫނީ އިމުގެ ތެރެއިން ސުލްހަމަސަލަސްކަމާ އެކު މުޒާހަރާ ބޭއްވުމަކީ ޕީޕީއެމުން ވެސް ތާއީދުކުރާނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް ހުކުރު ދުވަހު، ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބޭއްވީ، ސުލްހަވެރި މުޒާހަރާއެއް ނޫން ކަމަށާއި އަނިޔާވެރިކަމާ ދެކޮޅަށް ނިކުންނަ ބަޔަކު އަނިޔާވެރިވެގެން ނުވާނެކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. "އަނިޔާވެރިކަމާ ދެކޮޅަށް ނިކުންނަ ބަޔަކު އަނިޔާވެރިވެގެން ނުވާނެ. އަޅުގަނޑަށް ފެނުނީ އެއާ އިދިކޮޅަށް. އަނިޔާވެރިކަމާ ދެކޮޅަށް ނިކުންނަނީ އޭ ކިޔާފައި ފުލުހުންނަށް އަނިޔާކުރި މީހުން ފެނިގެން މިދިޔައީ. އަނިޔާވެރިކަމާ ދެކޮޅަށް ނިކުންނަން ޖެހޭނީ ހަގީގަތުގައި ވެސް އިންސާފަށް ލޯބިކުރާ، އެއްވެސް ބަޔަކަށް އަނިޔާ ނުކުރާ ބައެއް. އެކަމަކު އެމީހުންގެ އަމަލްތަކުން އެމީހުންނަކީ އަނިޔާކުރާ ބަޔެއް ކަމަށް ފެނިއްޖިއްޔާ އެ ދައްކާ ވާހަކަ އެއްވެސް ބަޔަކު ގަބޫލެއް ނުކުރާނެ،" މައުމޫން ވިދާޅުވި އެވެ. އެ ދުވަހުގެ މުޒާހަރާގައި ދެ ފުލުހަކަށް އަނިޔާކޮށްފައިވާތީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވައި މައުމޫން ވިދާޅުވީ، އެ ދުވަހުގެ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ފުލުހުންނަށް ވަރަށް އަނިޔާކުރި މަންޒަރު ފެނިގެން ދިޔަކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން އެދުވަހު ބޭއްވި މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވި ހަރުދަނާ ސިޔާސަތު ފާހަގަކުރައްވައި އެކަމަށް ވެސް މައުމޫން މަރުހަބާ ދެންނެވި އެވެ. އަދި އެ ދުވަހު ސަލާމަތީ ބާރުތަކުން ކަންކުރި ގޮތް ފާހަގަކުރައްވައި އެކަމަށްޓަކައި ސިފައިންނަށާއި ފުލުހުންނަށް ޝުކުރުއަދާކުރެއްވި އެވެ. އެ މުޒާހަރާއަށް ފަހު، އެދުވަހުގެ މަޣުރިބް ނަމާދު ކުރަން ދިޔަ ބަޔަކަށް މި ސަރުކާރުން ހުރަސްއަޅާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދާތީ އެކަމާ ގުޅިގެން ކުރި ސުވާލެއްގެ ޖަވާބުގައި މައުމޫން ވިދާޅުވީ، ނަމާދަށް އެއްވެސް މީހަކު ހުރަސް ނާޅާ ކަމަށެވެ. އަދި އެދުވަހު އެމީހުންގެ ބޭނުމަކީ ނަމާދު ކުރުމުގެ ނަމުގައި ގޮސް ފުލުހުން ބަންދުކޮށްފައިވާ ގްރީން ޒޯނަށް ވަނުން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އެދުވަހުގެ މުޒާހަރާގެ ބައިވެރިން ބޭނުންވި ގޮތަށް ސަރުކާރުން އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރުމަކީ ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ކުރެވިދާނެ ކަމެއް ކަމަށާއި ނަމަވެސް އެއީ ލާޒިމް ކަމެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ