އަބްދުﷲ ގާޒީ ހައްޔަރުކުރުމަކީ ބައިނަލްއަގުވާމީ ފެންވަރުގެ ޖަރީމާއެއް: ނިހާން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރުމަކީ ބައިނަލްއަގުވާމީ ފެންވަރުގެ ޖަރީމާއެއް ކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ. ޕީޕީއެމްއާ އެމްޑީއޭ އިން ރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނިހާން ވިދާޅުވީ ބައިނަލް އަގުވާމީ ފެންވަރުގެ ވަކީލުން ނަޝީދުގެ ދިފާއުގައި ނުކުތް ކަމުގައި ވިޔަސް ގާނޫނުގައި އޮތް ގޮތަށް އަދަބު އޭނާ އަށް ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މީހަކު ގަދަކަމުން ހިފާ ހައްޔަރު ކުރުމަކީ ބައިނަލް އަގުވާމީ ކުށެއް ކަމަށެވެ. "މި ކުޑަކުޑަ ދިވެހިރާއްޖެ މިން އަޅުއްވާ ސިންގަޕޫރަކީ އެތަނުގައި ބޯނެ ފެނެއް ނެތް އުފައްދާނެ ބިމެއް ނެތް ތެލެއް ނެތް ހަތިޔާރެއް ނެތް ތަނެއް. މަލާޔާ ކިންގްޑަމްގެ ތެރޭގައި އޮތް މިވަރުގެ މުތެއް ވަރު ކުޑަކުޑަ ތަންކޮޅެއް. މުޅި ދުނިޔޭގެ އޭޝިއާގެ އެއްވަނައަށް ހަދާލީ. މިގައުމު ބޭނުންތޯއޭ އެހެން ހަދަން. މިގައުމު އަޅުގަނޑުމެން ބޭނުންތޯއޭ ޖަވާހިރަކަށްވާން. އެހެންވެއްޖިއްޔާ 2018 އަށް ވެސް ރައީސް ޔާމީނާއެކު ކަމަރު ބަންނަވާ. އަޅުގަނޑުމެންގެ ކުރިއަށް ހުރި ހުރިހާ ގޮނޑިއަކަށް ކަމަރު ބަންނަވާ،" ނިހާން ވިދާޅުވި އެވެ. ދިވެހިންގެ ގައުމާ ދީން ސުންނާފަތިކޮށް "ދޮލަނގަކަށް އަޅައިގެން ވިއްކަމުންދާ ބައެއްގެ ފަހަތުގައި ދިއުން" ހުއްޓާލަން ވެއްޖެ ކަމަށް ނިހާންގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު މަގުމައްޗަށް ނުކުމެ އަޑުގަދަ ކުރަމުންދާތީ ނިހާން ވަނީ އެކަމާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވާފަ އެވެ. ޕީޕީއެމް އަދި އެމްޑީއޭ އިން ރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގެ ތެރެއިން: ސަން ފޮޓޯ/ އަލީ ނަސީރު ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ނިހާން ވިދާޅުވީ ދުބާއީ ޕޯޓްސް ވޯލްޑްގެ ފަރާތުން ރާއްޖޭގައި އަލަށް ހަދާ ޕޯޓުގެ ސަބަބުން ދިވެހިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ވެގެންދާނެ ކަމަށެވެ. "މުޅި ދުބާއިގައި ސުލްތާންގެ ވާހަކަ އަހައިފިއްޔާ އެންމެން އެއީ ކާކުކަން ދަންނާނެ. ދުބާއީގެ ރޫލާ ޝެއިހް މުހައްމަދު ނަގާފައި ދުބާއީގައި އެންމެ ސިޔާސީ ގޮތުން އިޖުތިމާއީ ގޮތުން މަސައްކަތްތަކުގެ ގޮތުން އެންމެ ބާރުގަދަ ފަރާތަކީ މިދެންނެވި ސުލްތާން. މިތިއްބެވި މަޖިލިސް މެމްބަރުންނަކީﷲ ގަންދީ ހުވާކޮށްގެން ތިބި ފަރާރްތައް. މީގެން ގިނަ މެމްބަރުން އަޅުގަނޑުމެންނާއެކު އެ ބައްދަލުވުމުގައި {ސުލްތާންއާ އެކު ބޭއްވި ބައްދަލުވުން} ތިއްބެވި. ސުލްތާން އަޅުގަނޑުމެންނަށް ޔަގީންކަން ދެއްވީ ޑީޕީ ވޯލްޑާ ރާއްޖޭގައި އަލަށް ތައްޔާރުކުރެވޭ އެމްއޯޔޫ އެއްގައި ސޮއިކުރެވެމުން މިދާ ތިލަފުށީގެ ބަނދަރުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ވާނެ ފައިދާ،" ނިހާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ