ރައީސް ޔާމީން ޖަލަށްލާފައިވާތީ އެކަމުގެ ކަންބޮޑުވުން އީޔޫއާ ހިއްސާކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލަށް ލާފައިވާތީ އެކަމުގެ ކަންބޮޑުވުން އިދިކޮޅުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ހިއްސާކޮށްފިއެެވެ. ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ އެކަންބޮޑުވުންތައް ރާއްޖެ އައިސް އުޅޭ އީޔޫގެ ވަފްދާ ހިއްސާކުރައްވައިފައެވެ. އާދަމް ޝަރީފް "ސަން" އަށް މިއަދު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލުމަކީ އެމަނިކުފާނުގެ އެތައް ސަޕޯޓަރުންގެ ކަންބޮޑުވުމެއް ކަމަށާއި އަދި އެކަމުގެ ސަބަބުން ޕާޓީ ހިންގަން އުނދަގޫވާކަމަށް ވަފުދުގައި ދެންނެވި ކަމަށެވެ. "އެބޭފުޅުން ދެެންނެވީ އެއްވެސް ބޭފުޅަކަށް އަނިޔާވެރިވާކަމަށް ނޭދެމޭ. ދެން އެ މައްސަލަ ހެޑްކުއާޓަރަށް ހުށަހަޅާނެކަމަށްވެސް ވިދާޅުވި" އާދަމް ވިދާޅުވިއެވެ. https://twitter.com/Adamshareefz/status/1226433297485447169 މަނީލޯންޑްރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން މިހާރު ދަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނު ދޫކޮށްލުމަށް އެދި ޕީޕީއެމްއިން ބޭއްވި މުޒާހަރާތައް މިހާރު ވަނީ ހުއްޓާލާފައެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި މިދިޔަ ޑިސެމްބަރުމަހު ވަނީ އިސްތިއުނާފުކޮށްފައެވެެ. ނަަމަވެސް ރައީސް ޔާމީންގެ ކަފާލާތުގެ ދަށުން ދޫކުރެވެން ނެތްކަމަށާއި، އަދި އެމަނިކުފާނުގެ ހުކުމް ތަންފީޒުކުރުން ފަސްކުރެވެން ވެސް ނެތްކަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ. އެ ހުކުމްގެ އިސްތިއުނާފު މައްސަލަ ބަލައި އަދި ނުނިމެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ