މަޖިލިސް އިންތިހާބަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދާނަން: ރައީސް

މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ހޯދި ނަަތީޖާއަށް ވުރެ ބޮޑު ކާމިޔާބީއެއް ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހޯދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކެމްޕެއިން ޕޯސްޓާ ހަރު ކުރުމުގެ ހަރަކާތުގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދިއިރު ރައްޔިތުން އަދިވެސް ތިބީ އެ ވިސްނުމުގައި އެ މިސްރާބުގައި ކަމަށެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބުގައި އެއަށް ވުރެ ބޮޑު ކާމިޔާބީއެއް ހޯއްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ނިމިދިޔަ ރައްޔިތުން މަޖިލީސް އިންތިހާބުގައި ރައްޔިތުން ދެއްކި ނަތީޖާ. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ރައްޔިތުން ތިބީ ހަމަ އެ މިސްރާބަށް އެ ދިމާއަށް ދަތުރު ކުރަން ވިސްނައިގެން އެހެންކަމުން އަޅުގަނޑަށް ގަބޫލު ކުރެވެނީ އެއަށް ވުރެ ބޮޑުކޮށް އަޅުގަނޑުމެންނަށް މިފަހަރު ކާމިޔާބު ކުރެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ކެމްޕެއިން ޕޯސްޓާ ހަރު ކުރުމުގެ ހަރަކާތް ފެއްޓީ އާޓިފިޝަލް ބީޗު ކައިރި ހުންނަ އެ ޕާޓީގެ ހަރުގެއިންނެވެ. ހަރުގޭގައި ޕޯސްޓަރު ހަރު ކުރުމަށް ފަހު މަޖީދީ މަގުން ހިނގާފައި މާލޭގެ ބައެއް ގެތަކުގެ ފާރުގައި ޕޯސްޓަރު ހަރުކުރަން ވަނީ ނިންމައިފަ އެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ވަނީ ބޮޑު އަގުލަބިއްޔަތެއް ލިބިފަ އެވެ. މަޖިލީހުގައި މިހާރު އޮންނަނީ އެ ޕާޓީގެ ސުޕަ މެޖޯރިޓީއެެކެވެ. އަދި ރައީސް ސޯލިހު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ކައުންސިލް އިންތިހާބުގެ ގިނަ ދާއިރާތައް ވެސް އެމްޑީޕީއަށް ދޭން ޖެހެ އެވެ. އެ ނޫން ނަމަ ވައުދުތައް ފުއްދަން ހުރަސް އެޅޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ