ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ޖޭއެސްސީއާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑު ކުރުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފިއެވެ.
ހަސަން ސައީދު  ސަސްޕެންޑްކުރީ އޭނާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންދާތީ އެ މައްސަލަ ނިމެންދެންނެވެ. ހަސަން ސައީދު އާ ބެހޭ ގޮތުން ހުށަހަޅާފައިިވާ ސުލޫކީ މައްސަލައަކީ ފެމެލީ ކޯޓުގެ ސީނިއާ މެނޭޖްމަންޓާއެކު ބޭއްވި ބައްދަލުވުމެއްގައި، ހައިކޯޓަށް އެންމެ ފަހުން ނެގި ފަނޑިޔާރުންނަކީ ދުނިޔޭގައި ތިބި އެންމެ ކޮރަޕްޓު  ފަނޑިޔާރުން ކަމަށާއި، އެމީހުން އެ ހުރިހާ ކަމެއް ކުރަނީ ހިޔާބޮޑު ގަހެއްގެ ދަށުގައި ތިބެގެން ކަމަށް ދޭހަވާގޮތަށް ހަސަން ސައީދު ވާހަކަފުޅުދެއްކެވި ކަމަށް ބުނެއެވެ.
ސަސްޕެންޝަން އުވާލުމަށް ހަސަން ސައީދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ކުރި ހުކުމުގައި ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ ގާޒީ ހަސަން ސިޓީ ފޮނުވާފައިިވާކަމަށެވެ.
އެހެންކަމުން އެ މައްސަލަ އިތުރަށް ކުރި އަށް ގެންދާނެ ތަނެއް ނެތް ކަމަށް ނިންމައި، އެ މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްފައިވާ ކަމަށް ސިވިލް ކޯޓުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ