ގަޔަށް ކުޑަކަމުދިޔަ ފަނޑިޔާރު ދޫކޮށްލަން ކޯޓުން އަމުރުކޮށްފި

މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ތިނަދޫ ކޯޓުގެ ފަނޑިޔާރު އިބްރާހިމް ރަޝީދު ދޫކޮށްލަން ހައިކޯޓުން އަމުރު ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހިމް ރަޝީދު ދޫކޮށްލީ ފަނޑިޔާރަކު ހައްޔަރުކުރުމުގެ ކުރިން އަމަލު ކުރަން ޖެހޭ އިޖުރާއަތުތަކަށް ފުލުހުން އަމަލުކޮށްފައި ނުވާތީއެވެ. އިޖުރާއަތުތަކަށް އަމަލުކޮށްފައި ނުވާތީ ހައި ކޯޓުން އަމުރު ކުރީ އިބްރާހިމް ރަޝީދު ހައްޔަރުކޮށްފައި ވަނީ ޤާނޫނާއި ހިލާފަށް ކަމަށެވެ.
މިރޭ 21:30 އިން ފެށިގެން ދަންވަރު 01:00 ޖަހަންދެން ހައިކޯޓުގައި ކުރިއަށް ގެންދިޔަ ސިއްރު އަޑުއެހުމަކަށްފަހު އިބްރާހިމް ރަޝީދު ދޫކޮށްލަން އަމުރުކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އިބްރާހިމް ރަޝީދު ހައްޔަރުކުރީ މަސްތުގެ ހާލަތުގައި ހުރުމުންނާއި އޭނާ ހުރި ސަރަހައްދުން މަސްތުވާތަކެތި ފެނިގެން ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް "ވަގުތަށް" ކޮޕީ ލިބިފައިވާ އިބްރާހިމް ރަޝީދު ހައްޔަކުރި ސަބަބުން އެންގުމަށް އޭނާ އަށް ދޫކޮށްފައިވާ ލިޔުމުގައި ބުނެފައި ވަނީ އިބްރާހިމް ރަޝީދު ހައްޔަރުކުރީ އޭނާ ހުރި ސަރަހައްދަކުން މަސްތުވާތަކެތި އަޅާފައިވާ ކަމަށް ޝައްކު ކުރެވޭ ޕެކެއްޓެއް ފެނިގެންނެވެ.
އިބްރާހިމް ރަޝީދު ދޫކޮށްލަން ހައިކޯޓުން މިރޭ އަމުރުކުރި އިރު އޭނާ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ބުނެ ފުލުހުން ތައްޔާރުކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓެއް ވެސް ފުލުހުން ކޯޓަށް ހުށަހެޅި ކަމަށް ވެއެވެ.
މުއްދަތު މަޖިލީހުގައި ވާހަކަދައްކަވަމުން އިބްރާހިމް ރަޝީދު ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ ފްރޭމް ކޮށްގެން ކަމަށް ވިދާޅުވެފައެވެ. އޭނާ ފްރާމް ކުރުމުގެ ތުހުމަތު އިބްރާހިމް ރަޝީދު ކޮށްފައި ވަނީ ފުލުހުންގެ މައްޗަށެވެ. އިބްރާހިމް ރަޝީދު ކޯޓުގައި ވިދާޅުވެފައި ވަނީ އޭނާ ހުރި ސަރަހައްދަށް މަސްތުވާތަކެތި ގެންދިޔައީ ފުލުހުން ކަމަށެވެ.
އިބްރާހިމް ރަޝީދު، ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކޮށް، އަމިއްލަ ގަޔަށް ކުޑަކަމު ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަމިއްލަ ގަޔަށް ކުޑަކަމުދާން ޖެހުނީ ފާހާނާއަށް ދިއުމުގެ ފުރުސަތު ފުލުހުން ނުދިނުމުން ކަމަށް އިބްރާހިމް ރަޝީދު މިރޭ ވަނީ ވިދާޅުވެފައެވެ.
ހައިކޯޓުން އިބްރާހިމް ރަޝީދު ދޫކޮށްލަން ކުރި އަމުރުގައި އިބްރާހިމް ރަޝީދު ހައްޔަރުކުރަން އަމުރަކަށް އެދުމުގެ ފުރުސަތު އޮވެ އެފަދަ ކަމަކަށް ފުލުހުން އެދިފައި ނުވާކަން ފާހަގަކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ