ބްރިޖްގެ މަސައްކަތުން ވިކްޓްރީ ރެކަށް ގެއްލުންވެދާނެތީ އެހިސާބުގައި ބޮއި އަޅައިފި

މޯލްޑިވްސް-ޗައިނާ ފްރެންޑްޝިޕް ބްރިޖު އަޅަމުންދާ އިރު އެސަރަހައްދުގައި އޮންނަ ވިކްޓްރީ ރެކަށް ގެއްލުން ވެދާނެތީ، އެތަން ފާހަގަ ކުރުމަށްޓަކައި ބޮއި އަޅައިފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ މި ބޮއި އަޅާފައި ވަނީ މިމަހުގެ 2 ވަނަ ދުވަހުގައި ކަމަށާއި، ބުރިޖުގެ މަސައްކަތް ކަނޑުމަތީ ކުރަމުންދާއިރު މާކާ ބޮއި އަޅާފައިވަނީ ޑައިވިން ޕޮއިންޓު ރައްކާތެރި ކުރުމަށް ކަމަށެވެ.
މާކާ ބޮއި އެޅުމުގެ މަސައްކަތަށް އެހީތެރިވުމަށްޓަކައި ޑައިވް ޑެސްކް ޕްރައިވެޓް ލިމިޓަޑް އިސްކޮށް އުޅުނުއިރު، ޑައިވާޒް ލޮގް މޯލްޑީވްސްއާ، މަލްޓި މެރީން ސާވިސްއާއި، ސޭވް ދަ ބީޗް އަދި ސީނީން ފޮޓޯ ގްރަފީގެ އެހީވެސް ލިބިފައިވާކަމަށްވެސް ހައުސިންގް މިނިސްޓްރީން ބުނެއެވެ.
ހައުސިން މިނިސްޓްރީން ވަނީ ބޮއި އެޅުމަށް ވޮލަންޓިއާ ކުރި ފަރާތްތަކުގެ އަގު ވަޒަން ކޮށް އެފަރާތްތަކަށް ހަނދާނީ ލިޔުން ދީފައެވެ.
ބްރިޖް އަޅާ ސަރަހައްދުގައި އޮންނަ ވިކްޓްރީ ރެކަށް ބްރިޖްގެ ސަބަބުން ގެއްލުން ވެދާނެކަމަށް ޑައިވާސް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންނަމަވެސް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވިކްޓްރީ ރެކް އޮންނަނީ ބްރިޖުގެ މަސައްކަތް ކުރިޔަށްދާ ސަރަހައްދާ 150 މީޓަރު ދުރުގައި ކަމަށާއި އެ މަސައްކަތުގެ ސަބަބުން ވިކްޓްރީ ރެކަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.
ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ކޮންޓްރެކްޓަރު މަސައްކަތްކުރަނީ 2018 ވަނަ އަހަރުގެ މިނިވަންދުވަހަށް މަސައްކަތް ނިންމައިލެވޭތޯކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ