މާލީ ސިޔާސަތު ދޯހަޅިވެ، ރައްޔިތުން ނިކަމެތިވާ ކަމަށް ބުނެ، އިނާޒު އިސްތިއުފާ ދެއްވުމަށް ގައުމީ ޕާޓީން ގޮވައިލައިފި

ތަކެތީގެ އަގު ބޮޑުވެ ރައްޔިތުންނަށް ނިކަމެތިކަން ލިބި، އާއްމު ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ދަށަށް ދަނީ ފައިނޭންސް މިނިސްޓަރު އަހުމަދު އިނާޒުގެ މާލީ ސިޔާސަތުގެ ދޯހަޅިކަމުން ކަމަށް ބުނެ އިނާޒު އިސްތިއުފާ ދެއްވުމަށް ގައުމީ ޕާޓީން ގޮވައިލައިފި އެވެ.
ފައިނޭންސް މިނިސްޓަރަށް ގައުމީ ޕާޓީން އިއްޔެ ފޮނުވި ސިޓީއެއްގައި އިނާޒަށް ސަރުކާރުން ހަވާލުކޮށްފައިވާ ރައްޔިތުންގެ ފައިސާ އަށް އޭނާ އަމާނާތްތެރިވެދާނެ ކަމާ މެދު ސުވާލު އުފެދޭ 12 ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން ނިންމި ނިންމުން ތަންފީޒްކުރުމުގައި ރާއްޖޭގެ އިގުތިސާދަށާއި ވިޔަފާރިވެރިންނަށާއި އާއްމު ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ނިކަމެތިކަމާ މެދު ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އިނާޒު ހަރުދާނާ ވިސްނުންފުޅެއް އަދި ރޭވުންތަކެއް ގެންގުޅުއްވާފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ. އަދި އޭނާ މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ތަކެތީގެ އަގު އުފުލި ދިރިއުޅުމުގެ ހަރަދުތައް ދުވަހުން ދުވަހަށް މައްޗަށްދާ ކަމަށާއި ޑޮލަރުގެ މައްސަލަ ތިން މަސްތެރޭގައި ހައްލުވާނެ ކަމަށް އިނާޒު ވިދާޅުވި ނަމަވެސް އެ މުއްދަތު ފާއިތުވެގެން ދިޔައިރު ވެސް އެ މައްސަލަ ހައްލުވެފައިނުވާ ކަމަށް ވެސް ގައުމީ ޕާޓީން ބުނެފައިވެ އެވެ.
ސިވިލް ސާވިސްގެ މުއައްޒަފުންގެ މުސާރައިން އުނިކޮށްފައިވާ ބައި ދިނުމަށް ޝަރުއީ ކޯޓުން ހުކުމް ކުރުމުން ވެސް އެ ފައިސާ ނުދެއްވުމަށް އިނާޒު، ގާނޫނު އަސާސީ އަށާއި ގާނޫނުތަކަށާއި ސިވިލް ސާވިސް ކޮމިޝަނަށް އަދި ސިވިލް ސާވިސްގެ މުއައްޒަފުންނަށް ފާޅުގައި ގޮންޖައްސަވަމުން ގެންދަވާ ކަމަށް ބުނެފައިވެ އެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދިނުމަށް ފާސްކޮށްފައިވާ ކޮމިޓީ އެލަވަންސް ދިނުން މަޑުޖައްސާލުމަށް ޝަރުއީ ކޯޓަކުން އަމުރެއް ނެރެފައިވަނިކޮށް، އެ އަމުރާ ހިލާފަށް އެ ފައިސާ ދޫކުރެއްވުމާއި އެލަވަންސް ދެއްވުމަށް ތާއީދު ނުކުރައްވާ ކަމަށް އިނާޒު އަމިއްލަފުޅަށް ވިދާޅުވުމަށް ފަހު އެނޫން ގޮތަކަށް އަމަލުކުރެއްވުމަކީ ވެސް އިނާޒަކީ ދެފުށްދެގޮތް ބޭފުޅެއްކަން ގަބޫލުކުރަން މަޖުބޫރުވާ ކަމެއް ކަމަށް ގައުމީ ޕާޓީން ފިނޭންސް މިނިސްޓަރަށް ފޮނުވި ސިޓީގައިވެ އެވެ.
އިނާޒު ފިނޭންސް މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވި ފަހުން އެމިނިސްޓްރީއަކީ ފަރުވާކުޑަ، އަޅާލުންކުޑަ އަދި ކޮންމެގޮތެއް ވެސް ވަރިހަމަ ތަނެއްގެ ގޮތުގައި ތަކުރާރުކޮށްދާ ތަނެއްކަން ފާހަގަކުރެވޭ ކަމަށް ގައުމީ ޕާޓީން ބުންޏެވެ. އެގޮތުން ރަށު ކައުންސިލަރުންނަށް ފޯން އެލަވަންސް ދެއްވުމަށް ނިންމެވުމަށް ފަހު އޭގެ މަސް ދުވަސް ފަހުން އެ ނިންމެވުމަކީ އޮޅިގެން ނިންމެވި ނިންމެވުމެއް ކަމަށް ވިދާޅުވުމާއި، މޯލްޑިވްސް މީޑިއާ އެސޯސިއޭޝަންގެ މުއައްޒަފުންގެ މުސާރައަށް މިއަހަރު 456000ރ. ދީފައިވާ ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބުނުމުން އެމައުލޫމާތު މާލިއްޔަތު ކޮމެޓީއަށް އެރުވުނީ އިނާޒަށް އޮޅުމަކުން ކަމަށް ވިދާޅުވުން ހިމެނޭ ކަމަށް ވެސް އެސިޓީގައިވެ އެވެ.
މީގެއިތުރުން ރާއްޖެ އަށް ލިބޭ އާމްދަނީއާ ނުބައްދަލު މިންވަރަކަށް މިސަރުކާރުން ސިޔާސީ މަގާމުތައް އުފައްދަމުން ގެންދާކަން ފާހަގަކޮށް ގައުމީ ޕާޓީން ބުނެފައި ވަނީ އެކަމަށް ތާއީދު ނުކުރައްވާ ކަމަށް މީޑިއާއި ރައްޔިތުންގެ ކުރިމަތީގައި އިނާޒު ވިދާޅުވި ނަމަވެސް، ރައީސް ނަޝީދުގެ އިސްރާފު ބޮޑު ސިޔާސަތުތައް ތަންފީޒުކުރުމުގެ އެންމެ ބޮޑު ވާގިވެރިއަކީ ހުދު އެމަނިކުފާނު ކަމަށެވެ.
"ސަރުކާރަށް ލިބޭ އާމްދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ތަކެތީގެ އަގުބޮޑުވެ، ރައްޔިތުން ނިކަމެތިވެ، ވިޔަފާރި ބަނގުރޫޓްވުން އިތުރުވެ، އާއްމު ހާލަތު އެއްދުވަހުން އަނެއްދުވަހަށް ދަށަށްދާ ދިއުމުން ދައްކައިދެނީ މަނިކުފާނުގެ މާލީ ސިޔާސަތުގެ ދޯހަޅިކަން، ނުވަތަ ސިޔާސަތެއް ނެތް ކަން، ނުވަތަ މަނިކުފާނުގެ ވަޒީރެއްގެ މަގާމުގައި އަދާކުރައްވަނީ އިދާރީ މުއައްޒަފެއްގެ ދައުރު،" ގައުމީ ޕާޓީގެ ސިޓީގައިވެ އެވެ.
ގައުމީ ޕާޓީގެ ސިޓީ ނިންމާލަމުން ބުނެފައި ވަނީ ޒިންމާދާރު ވަޒީރެއްގެ ކިބައިން ފެނިގެން ނުވާނެ އެފަދަ އެތައް ސިފައެއް އިނާޒުގެ ކިބައިން ތަކުރާރުކޮށް ފެންނަމުންދާ ކަމަށާއި އިނާޒުގެ މާލީ ސިޔާސަތުގެ ސަބަބުން ދިވެހި ގައުމަށާއި ރައްޔިތުންނަށް ކުރިމަތިވަމުންދާ ގިލަންވެރިކަމުން ސަލާމަތްކުރުމަށްޓަކައި ޒިންމާދާރުކަމާ އެކު މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ބޭފުޅަކަށް ފުރުސަތު ދިނުމަށް ވެސް ގައުމީ ޕާޓީން ވަނީ ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ