ގާޒީ ގެންދިޔައީ ކާން އިންދާ އަތުގައި ހިފާ ދަމާފައި – ހެކިން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންދިޔައީ ކާން އިންދާ ގަދަކަމުން އަތުގައި ހިފާ ދަމާފައި ކަމަށް ނަޝީދު އާއި ދެކޮޅަށް ހެކިބަސް ދެއްވަމުން އަބްދުﷲ ގާޒީގެ އާއިލާގެ ބޭފުޅުން ވިދާޅުވެއްޖެއެވެ.
ނަޝީދު އާއި ދެކޮޅަށް ދައުލަތުން ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ މިރޭގެ އަޑުއެހުމުގައި އަބްދުﷲ ގާޒީގެ އަނބިކަބަލުން, އާމިނަތު ޝަރީފް ހެކިބަސް ދެއްވަމުން ވިދާޅުވީ ގާޒީ ގެންދެވީ ގަދަކަމުން އަތުގައި ހިފާ ދަމާފައި ކަމަށެވެ.
އަދި ގެންދިއުމުގެ ކުރިން ހެދުން ބަދަލުކުރަން ވެސް ފުރުސަތު ދީފައި ނުވާ ކަމަށާއި “ފަޓުލޫން ލާން ހުއްދަ ދިނީ ވެސް ސިފައިންގެ މެދުގައި ހުންނަވައިގެން” ކަމަށެވެ.
އާމިނަތު ޝަރީފްގެ ދައްތަ ސޯބިރާ ޝަރީޢަތަށް ހެކިބަސް ދެއްވަމުން ވިދާޅުވީ، ގާޒީ ހެދުން ބަދަލުކޮށްލަންދެން މަޑުކޮށްލުމަށް އެދިވަޑައިތުމުންވެސް، ސިފައިން އެކަމަށް ފުރުސަތު ދީފައި ނުވާކަމަށެވެ. އެގޮތުން ފަޓުލޫނު ލީވެސް ސިފައިންގެ މެދުގައި ހުންނަވައިގެން ކޮޓަރިން، ގާޒީގެ އަނބިކަނބަލުން ފަޓުލޫނު ދިއްކޮށްލުމުން ކަމުގައި ސޯބިރާ ވަނީ ބުނެފައެވެ.
އަބްދުﷲ ގާޒީގެ އަނބިކަނބަލުން ވިދާޅުވީ، ގާޒީ ގެންދަން އުޅުމުން އަތުގައި ހިފާފައި “އަޅުގަނޑުވެސް ގެންދާށޭ” ވިދާޅުވިން ކަމަށާއި ނަމަވެސް ސިފައިން އެދެބޭފުޅުންގެ ދެމެދަށްވަދެ ދުރުކޮށްގެން ގެންދިޔައީ ކަމަށެވެ.
ހެކިން ވިދާޅުވީ ގާޒީ ގެންދިޔައިރު އަތުގެ “އުޅަނބޮއްޓަށް” ވެސް އަނިޔާވެފައިވާ ކަމަށާއި ނަމަވެސް ދުވަސް ވެފައި ވުމުން ސީދާ ކޮން އަތެއްކަން ދަންނަވަން ނޭނގޭ ކަމަށެވެ. އަދި ބަޔާނުގައި އެވާހަކަތައް ހުންނާނެތީ ބަޔާނަށް ރިޢާޔަތް ކުރެއްވުމަށް އާމިނަތު ޝަރީފް ވިދާޅުވިއެވެ.
ގާޒީ ގަދަކަމުން ގެންދިޔަކަން ސާބިތުކުރުމަށް ހުށަހެޅި ހެކިން ވިދާޅުވީ ގާޒީ ގެންދިޔައީ ސިފައިން ކަމަށް ވިދާޅުވަނީ އެމީހުން ތިބީ ސިފައިންގެ ޔުނީފޯމްގައި ކަމަށް ވުމުންނެވެ. އެހެން ނަމަވެސް އެންމެންވެސް މޫނު ނިވާކޮށްފައި ތިބުމުން ގެއަށް އައީ ސީދާ ކާކުކަމެއް ބުނެދޭން ނޭނގޭ ކަމަށް އަބްދުﷲ ގާޒީގެ އަނބިކަނބަލުން ވިދާޅުވިއެވެ.
ދެ ބޭފުޅުންވެސް ޝަރީޢަތުގައި ވިދާޅުވީ، ގާޒީ ހައްޔަރު ކުރުމަށް ސިފައިން އައުމުން، ހައްޔަރު ކުރަނީ ކީއްވެތޯ އާއި، ގެންދަނީ ކޮންތަނަކަށް ކަމާމެދު ސުވާލު ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް ސިފައިން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާކަމަށް ހެކީން ވިދާޅުވިއެވެ.
މީގެ އިތުރުން ސިފައިން އެންމެ ފުރަތަމަ ގެއަށް ދިއުމުންވެސް، ކޯޓު އަމުރެއް ހިފައިގެން އައުމަށް އެދިވަޑައިގެންނެވި ކަމަށްވެސް ސޯބިރާ ވަނީ ޝަރީޢަތުގައި ވިދާޅުވެފައެވެ. ނުދާން ގަދަ ދައްކައި ރޮއެ ހައްދަވާފައި ނުވި ނަމަވެސް، ކޯޓު އަމުރު ދެއްކުމަށް ގާޒީ ދެ ފަހަރެއްގެ މަތިން އެދިވަޑައިގެން އަޑު އަހާފައި ކަމަށް ސޯބިރާ ވިދާޅުވިއެވެ.
ހެކީންގެ ހެކި ބަހުން އެނގޭ ގޮތުގައި ސިފައިން ގާޒީ ދިރިއުޅުއްވާ ގެއަށް ވަދެފައި ވަނީ ހުއްދަ ހޯދުމަކާ ނުލައި، ދޮރުގައި ވަރަށް ބާރަށް ޖެހުމަށްފަހުގައެވެ.
ދެން ޝަރީޢަތުގައި ހެކިބަސް ދެއްވީ އޭރުގެ ޗީފް އިންސްޕެކަޓަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފެވެ. މަންނާނު ވިދާޅުވީ ގާޒީ ހައްޔަރު ކުރިކަން އެނގުނީ ޚަބަރުތަކުން ކަމަށެވެ. އެހެން ނަމަވެސް ގާޒީ ހައްޔަރު ކުރުމަށްފަހު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ކަމަށާއި، އެ ބައްދަލުވުމުގައި "ގާޒީއަށް ކޯޓާއި 100 ފޫޓަށް ކައިރި ނުވެވޭނެ" ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް މަންނާނު ވިދާޅުވިއެވެ.
މަންނާނުގެ ހެކިބަސް ނެންގެވުމަށް މަސައްކަތް ކުރެއްވުމުން، ރައީސް ނަޝީދުގެ ފަރާތުން ވަނީ މަންނާނުގެ ހެކިބަސް ނެގުމަށްވެސް އިއުތިރާޒް ކުރައްވާފައެވެ. ސަބަބެއް ކަމުގައި ވިދާޅުވީ ރައީސް ނަޝީދާއި ޒާތީ ނަފްރަތެއް އޮންނަ ފަރާތަކަށްވުން ކަމަށް ނަޝީދުގެ ވަކީލުން ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ފަރާތުން ވަނީ މިކަން ސާބިތުކޮށްދިނުމަށް ފޮޓޯ އެވިޑެންސް ހުށަހަޅުއްވަން މަސައްކަތް ކުރައްވާފައެވެ. އެހެން ނަމަވެސް އެއީ މިހާރު ކުރިއަށްދާ ޝަރީޢަތާ ސީދާ ގުޅުން ހުރި ކަމަކަށް ނުވުމުން ޝަރީޢަތުން ވަނީ އެކަން ހުއްޓުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ