ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓާއި ގުޅޭގޮތުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ހައި ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީޢަތް ދޮޅު މަސް ދުވަސް ފަހުން ބާއްވައިދިނުމަށް އެދި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުން ހައި ކޯޓަށް ސިޓީއެއް ފޮނުވި ނަމަވެސް މައްސަލައިގެ ޝަރީއަތް ފަސް ކުރެވެން ނެތް ކަމަށް އެ ކޯޓުން އަންގައިފިއެވެ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޤާނޫނީ ވަކީލް އަލްއެސްތާޒް ހަސަން ލަތީފް ސޮއި ކުރައްވައި، ހައި ކޯޓަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އެ މައްސަލައިގައި ގާނޫނީ ވަކީލުންގެ ޓީމުން މުހިންމު ދިރާސާތަކެއް ކުރަން ބޭނުންވާ ކަމަށާއި، އެކަމަށްޓަކައި ދޮޅު މަސް ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށެވެ.
ނަމަވެސް ހައި ކޯޓުން ވަނީ އެމައްސަލަ ލަސް ކުރެވެން ނެތް ކަން ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމަށް އަންގާފައެވެ.
ހައި ކޯޓުން އެގޮތަށް ނިންމީ ނަޝީދުގެ މައްސަލަ ދިގުލައިގެން ގޮސްފައި އޮތުމާއި، އެމައްސަލަ އަވަސްކޮށްދިނުމަށް މީގެ ކުރިން ނަޝީދު ވެސް ތަކުރާރުކޮށް އެދިވަޑައިގެންފައި އޮތުމުންނެވެ.
ރައީސް ނަޝީދު ހައި ކޯޓަށް ހުށަހެޅުއްވި މައްސަލައަކީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ކުރިޔަށް ދާ އެމަނިކުފާނުގެ ޝަރީޢަތް ހިންގުމަށް ޖުޑީޝަލް ސާރވިސެސް ކޮމިޝަނުން އެކުލަވާލި ފަނޑިޔާރުންގެ ބެންޗަކީ ޤާނޫނާއި ޚިލާފަށް އެކުލަވާލި ބެންޗެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.
ހައިކޯޓުން ބައްލަވަމުން ގެންދަވާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް 1 އޭޕްރީލް 2013 ގައި މެދުކަނޑުއްވާލެއްވިފަހުން މިއަދާ ހަމައަށްވެސް އެޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ބާއްވާފައި ނުވެއެވެ.
ސިޓީގައި ހަސަން ލަތީފް އިތުރަށް ވިދާޅުވެފައި ވަނީ ކޯޓުތަކާއި، ފަނޑިޔާރުންނާއި، ޝަރުޢީ ނިޒާމުގެ އިތުރުން ޤާނޫނުތަކަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، ހައިކޯޓުން އެމައްސަލަ ބައްލަވައި ނިންމަވާއިރު ކޯޓުން ކުރައްވަފާނެ ޙުކުމަކީ ދަށު ކޯޓަކުން ރައީސް ނަޝީދުގެ މަސްލަޙަތު އޮތް މައްސަލައަކާ ސީދާ ގޮތުން ގުޅުންހުރި ޙުކުމަކަށް ވެދާނެ ކަމަށެވެ.
އެހެންކަމުން، ރައީސް ނަޝީދުގެ ފަރާތުން ވާހަކަ ދެއްކުމުގެ ކުރިން ކުރަންޖެހޭ މުހިއްމު ދިރާސާތަކެއް ހުރުމާއި އެކު، އެކަމަށް އިތުރު ފުރުސަތު ބޭނުންވާ ކަމަށް އެ ސިޓީގައި ހަސަން ލަތީފް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ހައިކޯޓުގައި އޮތް އެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ނުބޭއްވި ގިނަ ދުވަސްތަކެއް ފާއިތުވަމުންދާތީ، ރައީސް ނަޝީދު ވަނީ ޝަރީޢަތް އަވަސްކޮށްދިނުމަށް އެދިވަޑައިގެންފައި ކަމަށާއި، ނަމަވެސް އެޝަރީޢަތުގެ އަޑުއެހުންތައް ނުބާއްވަވައި މިހައި ގިނަ ދުވަސްތަކެއް ފާއިތުވެގެން ގޮސްފައިވާތީ، ދަޢުވާ ކުރާ ފަރާތުގެ ހައިސިއްޔަތުން ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައިގައި ޢަދުލުވެރި ނިޔާއެއް އެމަނިކުފާނަށް ލިބިވަޑައިގަތުމުގެ ފުރުޞަތު މިހާރު ހަނިވެފައިވާކަމުގައިވެސް އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
ނަޝީދުގެ ޝަރީއަތް ފަސްކޮށްދެވެން ނެތް ކަމަށް ހައި ކޯޓުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ