ނަޝީދު ވެރިކަމުން ފޭބި އިރު 28 ބިލިއަން ރުފިޔާ އިން ވަނީ ގައުމު ދަރުވާލާފައި: ގާސިމް

ދަރަނި އަދާކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވި ނަމަވެސް އެކަން ކުރެވިފައިނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
"އެއްވާނަކަށް"މިނަމުގައި ޕީޕީއެމާ ގުޅިފައިވާ ޕާޓީތަކުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ތިން އަހަރުގެ ވެރިކަމުގައި ދަރަނި އަދާކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް މިއަދު ފެނިގެން މިދަނީ މި ގައުމު 28 ބިލިއަން ރުފިޔާ އިން ދަރަނިވެރިވެ މުޅި ގައުމު ބޭންކްރަޕްޓް ވެގެން ގޮސްފައިވާ މަންޒަރު ކަމަށެވެ.
ނަޝީދުގެ ވެރިކަން ބަދަލުކޮށްލީ ބަޣާވާތަކުން ކަމަށް އެމަނިކުފާނު މިހާރު ވިދާޅުވަމުންދާ އިރު ރައީސްކަމުގައި ހުރެއްޖެ ނަމަ ރާއްޖެ އަށާއި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް އަމިއްލަފުޅަށް ވިދާޅުވުމަށް ފަހު އިސްތިއުފާދެއްވި އަޑު ރައްޔިތުން އައްސަވާފައިވާ ކަމަށެވެ.
"އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ހަވާލުކުރަން ނުޖެހޭ ސަބަބުތައް. ފުރަތަމަ ސަބަބު، އިސްތިއުފާ ދެއްވަމުން ވިދާޅުވީ މިގައުމުގައި ތިންމަނާ ވެރިކަން ކުރަން ދެން ހުރެއްޖެ ނަމަ މި އުންމަތަށް ލިބޭނީ ބޮޑެތި ގެއްލުމާއި ހަލާކޭ. ހަމަގައިމު ވެސް ފައިދާއެއް ނުވާނޭ. މިވާހަކަ އަޑުނާއްސަވަންތޯ ދިވެހި ރައްޔިތުން. އަޑުއެއްސެވިންތޯ ނުވަތަ ނާއްސަވަންތޯ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް ފަހު ޖެހިގެންއައި ދުވަހު ނަޝީދުގެ އެންގުމަށް ރާއްޖޭގެ އައްޑޫ ސިޓީ އާއި ގދ. ތިނަދޫގައި ހުރި ޕޮލިސް ސްޓޭޝަންތަކާއި ކޯޓުތަކުގައި ހުޅުޖަހައި އަންދާލާފައިވާ ކަމަށެވެ. އަދި ނަޝީދުގެ އޯޑަރަށް ގާނޫނާ ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްފައިވާ އިރު ހަމަ އެމަނިކުފާނުގެ އޯޑަރަށް ސިފައިން ގޮސް ސުޕްރީމް ކޯޓުގައި ތަޅުއަޅުވާފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ނަޝީދަކީ ކީރިތިރަސޫލާ އަށް ފުރައްސާރަކޮށް އިސްލާމްދީން ނޫން އެހެންދީނެއް ބޭނުންވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާ ބޭފުޅެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ރާއްޖެ ސަލާމަތާއި އަމާންކަމުގެ އައްސޭރި އަކަށް ގެނެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓަން ބޭނުންވާ ކަމަށްވާ ނަމަ ޔާމީނަށް ވޯޓު ދެއްވުމަށް ގާސިމް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް. އާދެ ކެންޑިޑޭޓް ނަންބަރު ތިނެކާ ދިމާލު ހެޔޮފާހަގަ ޖައްސަވާށޭ. އެމަނިކުފާނު ހޮއްވަވާށޭ. މިގައުމުގެ ރައީސަކަށް. މިގައުމުގެ ސަލާމަތާ އަމާންކަމުގެ އައްސޭރިއަކަށް ގެންދަންބޭނުންވާ ކަމަށްވަންޏާ އަޅުގަނޑުމެންނަށް އޮތީ ހަމައެކަނި އެގޮތޭ." ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ