އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ ބަޖެޓް ހެދުމުގައި ސަރުކާރުން މަޝްވަރާކޮށްފައި ނުވާ ކަމަށް ސަރުކާރުގެ ކޯލިޝަންގެ އެންމެ އިސް އެއް ޕާޓީކަމުގައި ޖުމްހޫރީ ޕާޓީ އިން ބުނެފި އެވެ.
މަޖިލީހުގައި މިހާރު ކުރިއަށްދާ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ބަޖެޓް ކޮމެޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވީ ސަރުކާރުގެ ކޯލިޝްނަގައި ހިމެނުނަސް ބަޖެޓް ކަންކަމުގައި ސަރުކާރުން މަޝްވަރާކޮށްފައިނުވާނެ ކަމަށެވެ. އެކަމުގެ ހެއްކެއްގެ ގޮތުން ގާސިމް ވިދާޅުވީ ބަޖެޓްގެ މައްސަލާގައި ސަރުކާރާ މަޝްވަރާކުރި ނަމަ މިއަދު ބަޖެޓަށް ހުށައެޅުއްވި އިސްލާހުތައް ހުށަނޭޅުއްވީސް ކަމަށެވެ.
"ބަޖެޓު ދިރާސާ ކުރި ކޮމިޓީގައި އަޅުގަނޑަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓްނަރެއް، އެހެން ނަމަވެސް ބަޖެޓު ހެދިގެން ދިޔަ އިރު ސަރުކާރާ އެއްވެސް މަޝްވަރާއެއް ލަފައެއް އަޅުގަނޑުމެންނަކާ ކުރެވިފައެއް ނެތް." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ ބަޖެޓަށް 14 އިސްލާހެއް ހުށައަޅުއްވާފަ އެވެ. އޭގެ ތެރޭގައި ބަޖެޓުގެ އަދަދަށް ބަދަލު ނާންނާނެ ގޮތަށް ލޯކަލް ގަވާމެންޓް އޮތޯރިޓީގެ ބަޖެޓަށް ހަ މިލިއަން އިތުރު ކުރުމަށާއި ޔުނިވާސިޓީގެ ބަޖެޓަށް 10 މިލިއަން އިތުރުކުރުމާއި ޕީޖީ އޮފީހުގެ ބަޖެޓަށް ފަސް މިލިއަން އިތުރުކުރުން ހިމެނެ އެވެ.
ބަޖެޓްގެ ކަންތައްތަކުގައި ސަރުކާރުން މަޝްވަރާ ނުކުރައްވާ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެފައިވާ އިރު އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓް ފާސްކޮށްދިނުމަށް މަޖިލީހުގައި ހިމެނޭ ކޯލިޝަން ޕާޓީތަކަށް ރައީސްލްޖުމްހޫރިއްޔާ އިއްޔެ ވަނީ ގޮވާލައްވާފަ އެވެ.
ރައީސް އަބުދުﷲ ޔާމީން ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އެންމެ ރަނގަޅު ބަޖެޓް ހަދަން އެނގޭނީ ސަރުކާރަށް ކަމަށެވެ. ބަޖެޓް ފާސްކޮށްދިނުމަށް ކޯލިޝަން ޕާޓީތަކަށް ގޮވާލައްވަމުން ރައީސް ވިދާޅުވީ ކޯލިޝަނެއްގެ ތެރޭގައި މަސައްކަތް ކުރެވެނީ އެއްބާރުލުން ދީގެން ކަމަށެވެ.
"އެކި މަޝްރޫތަކަށް ފައިސާ ހިމަނާނެވަކިވަކި އަދަދުތައް ކޯލިޝަންއިން ނިންމަން ވެއްޖެ ނަމަ ސަރުކާރުން އެއް އަމާޒަކަށް މަސައްކަތެއް ނުކުރެވޭނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
މިހާރު ކުރިއަށް ދަނީ ބަޖެޓްގެ ބަހުސް އެވެ. މިއަދު ބަހުސް ނިންމާލާނެ އެވެ. ބަޖެޓަށް ވޯޓަށް އެހެން އޮންނާނީ މިއަދު ނުނީ އަންނަ އާދިއްތަ ދުވަހު އެވެ.
ބަޖެޓްގެ ކަންކަމުގައި ސަރުކާރުން މަޝްވަރާއެއް ނުކުރޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ