ލީބިޔާގެ ސިރްތުން ކަރަންޓު ޕްލާންޓެއް އައިއެސްއިން ހިފައިފި

ލީބިޔާގެ ސިރްތުގައި ހުންނަ ކަރަންޓު އުފައްދާ ޕްލާންޓެއް އައިއެސްގެ ބާރުގެ ދަށަށް ގެނެސްފިއެވެ.
ސިރްތު ސިޓީގެ ހުޅަނގުގައި ހުންނަ މިޕްލާންޓް އިސްލާމިކް ސްޓޭޓްގެ ބާރުގެ ދަށަށް ގެނެއުމަށްފަހު ސޯޝަލް މީޑިއާގައި އައިއެސް އިން އިޢުލާނުކޮށްފައިވަނީ "މިހާރު ސިރްތު ސިޓީ މިވަނީ އެއްކޮށް މިނިވަން ކޮށްފަ،" މިހެންނެވެ.
ލީބިޔާގެ ވެރިރަށް ޓްރިޕޮލީ ކޮންޓްރޯލުކުރާ، އަމިއްލައަށް ސަރުކާރު އިޢުލާނުކޮށްފައިވާ ފަރާތްތަކަށް ވަފާތެރި ދިފާޢީ ބާރުތަކުން ވަނީ މިޕުލާންޓަށް ހަމަލާ ދިނުމުން ސިރްތުން ނިކުމެފައެވެ. އަދި މިހަމަލާގައި އެމީހުންގެ ތިން ސިފައިން މަރާލާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ސިރްތު އަކީ ލީބިޔާގެ ވެރިރަށް ޓްރިޕޮލީއާއި ބެންޣާޒީ އާ ދެމެދު އޮންނަ ދެކުނު އައްސޭރިފަށުގެ ސިޓީއެކެވެ.
ސިރްތު ސިޓީގެ އިތުރުން ލީބިޔާގެ ހާރްވާ އަވަށްވެސް ވަނީ އައިއެސްގެ ބާރުގެ ދަށުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ